ކުއަލަލަމްޕޫރު (6 ޑިސެމްބަރު) – އޭފްސީ ކަޕް 2013ގެ ގްރޫޕް ސްޓޭޖުގެ ރަސްމީ ގުރުލުން މިއަދު މެލޭޝިޔާގައި ހުންނަ އޭއެފްސީގެ މައި އިދާރާގައި ބާއްވައިފި އެވެ.

ގްރޫޕް ސްޓޭޖު ގައި 32 ޓީމު ވާދަކުރާ މިމުބާރާތުގެ ގުރޫޕުތައް ބަހާލާފައިވަނީ ދެ ބަޔަކަށެވެ. އެއީ ގްރޫޕް އޭ، ބީ، ސީ އަދި ޑީ ހިމެނޭ ހުޅަނގު އޭޝިޔާ ފަޅި އާއި ގްރޫޕް އީ، އެފް، ޖީ އަދި އެޗް ހިމެނޭ އިރުމަތީ އޭޝިޔާގެ ފަޅި އެވެ.

މިއަހަރު ރާއްޖެއިން މި މުބާރާތުގައި ވާދަ ކުރާނީ ހުސްވި ސީޒަންގެ ދިވެހި ލީގު ޗެމްޕިއަން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި އެފްއޭ ކަޕް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މިގޮތުން ނިއުރޭޑިއެންޓް ލައްވާލި ގްރޫޕް އެފްގަ އެވެ އެޓީމުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސުންހައި އާއި އިންޑޮނީޝިއާގެ ޕަރްސީބޯ އެވެ.

ގްރޫޕް ޖީ ގައި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ލައްވާލި އިރު އެޓީމާ ވާދަ ކުރާނީ މެލޭޝިޔާގެ ކެލަންޓަން އާއި މިޔަންމާގެ އަޔޭޔަވަދޭ އާއި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގު އެވެ.

އެންމެ ފަހުން ބޭއްވި އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަކުރީ ވީބީ އައްޑޫ އެފްސީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކުވެއިތުގެ ކުވެއިތު ސްޕޯޓްސް ކުލަބެވެ.