06 Dec 2012, 14:29
ޕިކްނިކް އައިލެންޑަކުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މުދާތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގދ.ކޮޑާނަހުއްޓާ ކިޔާ ޕިކްނިކް ރަށަކުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި މުދާތަކެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ ފިރިހެނަކާއި އުމުރުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެރަށުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައިވަނީ ގދ. ކަނޑުހުޅުދޫން މިދިޔަ އާދިއްތަ ދުވަހު އެވެ.
ފުލުހުން ބުނީ އެރަށުން ވަގަށް ނެގި ތަކެތި ހޯދާފައިވަނީ އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންނާ ގުޅުންހުރި ތިން ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރިއިރު ކަމަށެވެ.
ކޮޑާނަހުއްޓާއިން ވަގަށް ނަގާފައިވަނީ ގިނަ އަދަދެއްގެ ފަރުނީޗަރުތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ކަމަށް ފުލުހުން ބުނެ އެވެ.