އަންނަ އަހަރަށް ލަފާ ކުރާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ހުށަހަޅާފައި އޮތް ނަމަވެސް، އެކަމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފި އެވެ.

ޔާމިން ވިދާޅުވީ މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނުނަގައި ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތައް ހުންނަންވާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބޭ 12 ބިލިއަން ރުފިޔާގެ ތެރޭގައި މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނަގައިގެން 200 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނުމަށް ތާއިދު ނުކުރައްވާ ކަމަށް ޔާމިން ވިދާޅުވި އެވެ.

"މުވާސަލާތީ ދާއިރާއަކުން ޖީއެސްޓީ ނެގިގެންވާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެމްޑީޕީ ސަރުކާރުން ޓެލެކޮމްއިން ޖީއެސްޓީ ނަންގަވަން ހުށަހެޅުއްވި. އެކަން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވެއޭ. މަޖިލީހުން އެ އިސްލާހު ފާސްނުވެދިޔައީ. އެހެންވީމަ މިހާރުވެސް މި ދަންނަވަނީ ޕީޕީއެމްއަކަށް ގަބޫލެއް ނުކުރެވޭ ކަނޑުމަތީގައި ހަމައެކަނި އެ މީހުންގެ އަތުގައި އޮތް މުވާސަލާތީ ގޮތުން ރައްކާތެރި އެއްޗަކީ ހޭންޑްފޯން. އެކުރާ ފޯން ކޯލަކަށް ޓެކްސް ނެގިގެންވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޔާމިން ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާއިން ނަގަމުންދާ ޓީޖީއެސްޓީ އަށް ޕަސެންޓުން 15 ޕަސެންޓަށް ބޮޑު ކުރުމާމެދު ވެސް ސަރުކާރުން ވިސްނަންޖެހޭ ކަމަށް ޔާމިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ފައިދާތަކެއް ލިބުނު ނަމަވެސް އެ ދާއިރާއިން ނަގާ ޓެކްސް މާ ބޮޑުވެއްޖެނަމަ ޓޫރިޒަމް އިންޑަސްޓްރީއަށް ކޮށްފާނެ އަސަރު ބަލަންޖެހޭ ކަމަށެވެ. އަދި އެކަމުގައި މަޓީއާ މަޝްވަރާކުރުމަށް ފަހު ޓީޖީއެސްޓީ ބޮޑުކުރުމަށް ޔާމިން ގޮވާލެއްވި އެވެ.

ބަޖެޓްގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 12 ބިލިއަން ރުފިޔާއިން ރިކަރަންޓް ހަރަދު ފޫ ނުބޭއްދޭނެ ކަމަށް އިޝާރާތްކޮށް ޔާމިން ވިދާޅުވީ ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާއަކީ "ލިބޭނެ އާމްދަނީއެއް ކަމެއް އަދި ނުލިބޭނެ އާމްދަނީއެއް ކަމެއް ވެސް" ސަރުކާރަށް ނޭނގޭ ކަމަށެވެ.

އަށް ޕާޓީއެއް ކޯލިޝަންގައި ހިމެނޭ ސަރުކާރުން މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ޔާމިން ވަނީ ފާޑު ވިދާޅުވެފަ އެވެ. ޔާމިން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން ސަރުކާރުގެ އަމާޒެއް ނުފެންނަ ކަމަށެވެ.
"މި ބަޖެޓް ބަލާލާފައި އަޅުގަނޑަކަށް ނޭނގޭ މި ބަޖެޓުން އިސްކަން މިދެނީ ގެދޮރު އެޅުމަށް ކަމަކަށް، މި ބަޖެޓް ބަލާލާފައި އަޅުގަނޑަކަށް ގަބޫލު ކުރާކަން އެހާ ފަސޭހައެއް ނޫން މިދަނީ ހަމައެކަނި ބަދަރު ހެދުމަށް ކަމަކަށް ވެސް. އާންމު ސިއްހަތު ރަނގަޅު ކުރުން ކަމަކަށް ވެސް،" ޔާމީން ވިދާޅުވި އެވެ.

ބަޖެޓުގައި އެއްވެސް ވަރަކަށް ރިކަރަންޓް ހަދަރު ކުޑަ ކުރުމަކަށް ވިސްނާފައި ނެތް ކަމަށާއި ބަޖެޓަކީ އިންތިހާބީ އަހަރެއްގެ ބަޖެޓަކަށް ވެގެން ބަޖެޓް ދެކޮޅު ނުޖެހޭނެ ކަމަށް ޔާމިން ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ޑެފިޒިޓަކީ ދެ ބިލިއަން ރުޔާކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ޔާމިން ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުން ދައުލަތުން މިހާތަނަށް ނަގާފައިވާ ލޯންތަކާއެކު މުޅިދައުލަތުގެ ޑެފިޒިޓް 31 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ ދެ އަހަރު ދުވަހުގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް ކަމަށް ޔާމިން ވިދާޅުވި އެވެ.

"ބާރަ މަސް ދުވަހުގެ ހަގީގީ ބަޖެޓް ޑެފިޒިޓަކީ ދެ ބިލިއަންކަން އަޅުގަނޑަށް ގަބޫލު ކުރެވެނީ. ބަޖެޓް ޑެފިޒިޓަކަށް ހަތަރު ބިލިއަން ޖައްސަވާފައި އޮތީމަ ކަންބޮޑުވާ ވާހަކަ ދަންނަވާލަން. އެއީ ބަޖެޓް ޑެފިޒިޓްގެ ގޮތުގައި އުޅޭތާ މިވީ ފަސް އަހަރު ވެގެން މިދަނީ،" ޔާމިން ވިދާޅުވި އެވެ.

ބަޖެޓްގައި އާބާދީ އެއްފަސް ކުރުމާއި މުޖުތަމައު އަމާންތަނަކަށް ހެދުމަށް ފުލުހުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް އެކަށީގެންވާ ވަރަށް ބަޖެޓްގައި ފައިސާ ހިމަނާފައި ވާތީ ޔާމިން ވަނީ އެކަމަށް ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.