06 Dec 2012, 13:22
ގާނޫނު އަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކޮށްގެން ހިންގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ރާއްޖޭގައި ހިންގޭ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން މީހުންގެ ގޯތިގެދޮރަށް އެއްވެ މުޖުތަމައުގެ ވަކި ބަޔަކަށް ނިސްބަތްކޮށް އެމީހުން މަރައި ދަންޖައްސައި އެފަދަ މީހުން މެރުމަށް ގޮވައި ހިންގާ ޖިނާއީ ކުށްތަކަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކެއް ނިގުޅައި ގަތުން ކަމަށް ކަނޑައަޅައި ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލައެއް ބެލުމަށް ފަހު އިއްޔެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނަނީ ގާނޫނު އަސާސީގެ، އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންވެގެންވާ އަސާސީ ހައްގުތަކާއި މިނިވަންކަން ލިބިގަނެވޭނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި 67 ވަނަ މާއްދާގައި "ފާޅުކަންބޮޑުގޮތެއްގައި" ކަނޑައަޅައި ބަޔާންކޮށްފައިވާ ހަމަތަކާއި ހުދޫދުން ބޭރުނުވެވޭ ގޮތުގެ މަތިން ކަމަށެވެ.
އެ ހުކުމްގައި ބުނަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 30 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ސިޔާސީ ޕާޓީ ތަކާއި ޖަމްއިއްޔާތައް ހެދުމުގެ މިނިވަން ކަމާއި 32 ވަނަ މާއްދާ ގައި ބުނެފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި 67 ވަނަ މާއްދާ ގައި ކަނޑައެޅިފައިވާ ހުދޫދުން ބޭރުގައި ބޭނުންކުރުމަކީ ރާއްޖޭގައި ހުއްދަ ކުރެވިދާނެ ކަމެއް ނޫންކަމަށެވެ.
މުޖުތަމައު ގަބޫލުކޮށްފައިވާ އަޚުލާގީ އާންމު މިންގަޑުތައް ހިފެހެއްޓުން ފަދަ ކަންކަމާއި ޚިލާފަށް އެއްވެސް ބަޔަކު އަމަލުކުރަމުން ދާނަމަ އެފަދަ އަމަލުތަކަކީ ހުރިހާ ގާނޫނީ ނިޒާމުގެ ތެރޭގައި ވެސް ތަޖުރީމް ކުރެވިފައިވާ ކަންތައްތަކެއް ކަން އެނގޭއިރު ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ވެސް މިފަދަ އަމަލުތަކަކީ ތަޖުރީމް ކުރެވިފައިވާ ކަންތައްތަކެއް ކަން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެހެން ކަމުން ރާއްޖޭގައި އަމަލުކުރާ ޖިނާއީ އިޖުރާއަތާއި ކަމާބެހޭ ގާނޫނީ ހަމަތަކާ އެއްގޮތަށް ތަހުގީގުކޮށް އަދުލު އިންސާފު ގާއިމް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމަކީ ފުލުހުންނާއި ސިފައިންގެ ތެރެއިން ކަމާބެހޭ މަސްއޫލިއްޔަތު ގާނޫނީގޮތުން އުފުލަންޖެހޭ ފަރާތެއްގެ އަސާސީ މަސްއޫލިއްޔަތެއް ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފަ އެވެ.