އެގްރިމަންޓްގައިވާ ކަންތައްތައް ކުރުމަށް ޖީއެމްއާރަށް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށާއި އެމްއޭސީއެލްގެ މައްޗަށް މިދިޔަ ހޯމަ ދުވަހު ސިންގަޕޫރުގެ ހައިކޯޓުން ނެރުނު އަމުރު އެ ގައުމުގެ އެންމެ މަތީ ކޯޓު، "ކޯޓު އޮފް އެޕީލް"އިން މިއަދު ބާތިލްކޮށް، އެއާޕޯޓް ނެގުމުގެ ބާރު ސަރުކާރަށް އޮތްކަމަށް އެ ކޯޓުން ކަނޑައަޅައިފި އެވެ.

އެ އަމުރު ބާތިލްކޮށް ފައިވަނީ ހައިކޯޓުގެ އަމުރު ދިވެހި ސަރުކާރުން ސިންގަޕޫރުގެ ކޯޓު އޮފް އެޕީލްގައި އަވަސް މައްސަލަ އެއްގައި ގޮތުގައި ހަމަ އެ ދުވަހު އިސްތިއުނާފުކުރުމުން އެ އަމުރާ މެދު ގޮތެއް ނިންމުމަށް އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން މިއަދު ނިންމާފައިވަނީ ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އެ ހުކުމްގެ ތަފްސީލް ލިބުނުހާ އަވަހަކަށް އިތުރު ތަފްސީލް ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސިންގަޕޫރު ހައިކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުން އެދުވަހު ބުނެފައިވަނީ، މިނިވަން ދައުލަތެއްގެ މައްޗަށް އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށާއި ސިންގަޕޫރުގެ ފަޑިޔާރު ގާނޫނު މާނަކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެއާޕޯޓް ނުނެގޭނެ ކަމަށް އަމުރެއް ނެރެދިނުމަށްވެސް ސިންގަޕޫރުގެ ކޯޓުގައި ޖީއެމްއާރުން އެދިފައިވީ ނަމަވެސް އަމުރު އެދުވަހު ނެރެދީފައެއްނުވެ އެވެ.

ޖީއެމްއާރުގެ އެގްރިމަންޓް ބާތިލްކުރުމަށް ފަހު އެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ހަތް ދުވަހުގެ މުހުލަތު ހަމަވާނީ އަންނަ ހުކުރު ދުވަހުގެރޭ 12:00 ޖަހާއިރަށެވެ. ސަރުކާރުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން އެއާޕޯޓް ހިންގާނީ އެމްއޭސީއެލްއިން ކަމަށެވެ.