ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރަން ޑީއާރުޕީން ތާއީދު ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަ ނުޖެހިގެން ގދ.އަތޮޅު ކައުންސިލްގައި ތިބި ޑީއާރުޕީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވައިފި އެވެ.

ގދ.އަތޮޅު ކައުންސިލްގައި ތިއްބަވަނީ ޑީއާރުޕީގެ ހަ މެމްބަރުންނާއި، އެމްޑީޕީގެ ދެ މެމްބަރުންނެވެ.

ޑީއާރުޕީން ވަކިވި އެ ކައުންސިލްގެ މެންބަރު، މުހައްމަދު ޝާމިލް މިއަދު ވިދާޅުވީ ޑީއާރުޕީގެ ހުރިހާ ކައުންސިލަރުން އެ ޕާޓީން ވަކިވީ ސަރުކާރު މިހާ ޅަފަތުގައި އޮއްވާ އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުކުރަން ޑީއާރުޕީން ތާއީދު ކުރުމަކީ ގައުމުދެކެ ލޯބިވާ އެއްވެސް ބަޔަކު ކުރާނެ ކަމެއް ކަމަށް ގަބޫލު ނުކުރާތީ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަކީ ދައްކާ އެއްވެސް ވާހަކަ އެއްގައި އިތުބާރެއް އޮންނަ ބޭފުޅެއް ނޫން ކަމަށާއި އެމްޑީޕީއަށް ފާޑު ވިދާޅުވުމަށް ފަހު އެމްޑީޕީއާ ގުޅިގެން ތަސްމީން މަސައްކަތް ކުރައްވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިހާ ޅަފަތުގައި ސަރުކާރު އޮއްވާ ގައުމު ދެކެ ލޯބިވާ ބަޔަކު ނުކުރާނެ ޑީއާރުޕީން އެ ކުރި ފަދަ ކަމެއް. މި ނޫނަސް ތަސްމީނަކީ ދައްކާ ވާހަކައިގައި އެއްވެސް އިތުބާރެއް އޮންނަ މީހެއްވެސް ނޫން. ތަސްމީން އެތަށް ފަހަރަކު ވިދާޅުވި އެމްޑީޕީ އަކާއި ނުގުޅޭނަމޭ. އެ މީހުންނަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެކޭ. ދެން ރޮޒައިނާ ވެސް ޓީވީ ތަކަށް އަރާފައި އެމްޑީޕީގެ ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކަވާނެ. މީގެން އެއްވެސް ވާހަކައެއްގައި އިތުބާރެއް ނެތް. ހުސްދޮގު،" ޝާމިލް ވިދާޅުވި އެވެ.

ގދ.އަތޮޅު ކައުންސިލް ގައި ތިއްބަވާ މެމްބަރުން ޕާޓީން އިސްތިއުފާ ދެއްވާ ޕީޕީއެމްއަށް ސޮއިކޮށްފައިވާއިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަޝިފުން ރައްޔިތުންގެ ވިންދާއި އެއްގޮތަށް އަމަލު ކުރަމުން ނުގެންދާ ކަމަށް ބުނެ ފުވައްމުލަކު އަށް ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގައި ތިއްބަވައި ޑީއާރުޕީގެ 14 މެމްބަރުން އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.