ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

ސަންއަށް ޔަގީންވެފައިވާ ގޮތުގައި އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ސިފައިންގެ މީހާ ހައްޔަރުކޮށްފައި ވަނީ މިހަފްތާގެ ކުރީކޮޅު އެވެ. އެ މައްސަލައިގައި ހަރަކާތްތެރިވާ ދިފާއީ ވަކީލަކު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިހަފްތާގެ ކުރީކޮޅު ސިފައިންގެ ކޯޕްރަލަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރެވުނު ސިފައިންގެ މީހާއަކީ ކިޔަވަން ދާން ބޭނުންވެގެން މިއަހަރުގެ މޭމަހުގެ ތެރޭގައި ދޮޅު އަހަރުގެ ޕޭލީވްއެއް ދީފައިވާ މީހެއް ކަމަށެވެ.

އަދި ވިދާޅުވީ ސިފައިންގެ މީހަކު ކަމަށް ވިޔަސް ފުލުހުންގެ ތަހުގީގަށް ބޭނުންވެއްޖެ ހާލަތެއްގައި އެމީހަކު ހައްޔަރު ކުރެވޭނެ ކަމަށާއި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެމްއެންޑީއެފުން ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް އޭނާ ވިދާޅެއްނުވި އެވެ.

"މިހަފްތާ ފެށުނު ހިސާބުގައި ސިފައިންގެ ކޯޕްރަލް އަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއްޖެ. މިކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެން އަމަލު ކުރާގޮތަކީ ފުލުހުންނަށް ބޭނުންވެއްޖެ ހާލަތެެއްގައި އަޅުގަނޑުމެންގެ ވަޒީފާގައި ހުރިކަމަށް ވިޔަސް އެމީހަކު ގެންދެވޭނެ. އަދި ފުލުހުންގެ ތަހުގީގުގައި ބޭނުންވާ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެން ދޭނަން. އެހެން ނަމަވެސް އެ މައްސަލައިގެ ތަހުގީގުގެ ތެރެއަކަށް އެއްވެސް މިންވަރަކަށް އަޅުގަނޑުމެން ނުވަންނާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) ވެސް ވަނީ މިހަފްތާގެ ކުރީކޮޅު ހައްޔަރު ކޮށްފަ އެވެ.

އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ދެމީހަކު ބައިވެރިވެފައިވާ ކަމަށެވެ. އެދެމީހުންނަކީ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެ ދެމީހުންނާ އެކު 18 އަހަރުގެ ކުއްޖަކު ވެސް ބައިވެރިވެފައިވާ ކަމަށާއި ހުމާމާއި ޝާން ގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިވާތީ މިހަފްތާގެ ތެރޭގައި އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.