06 Dec 2012, 11:20
ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި އަންނަ އަހަރުންފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާއި އެކަމަށް ހުއްދަ ނަގަން ޖެހޭތީ އެކަމުގައި ނަގަން ޖެހޭ ހުއްދަތައް ނެގުމަށް އެފަދަ ތަންތަނަށް ހެލްތް މިނިސްޓްރީން އަންގައިފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު ގެ ދަށުން އެކުލަވާލައިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު"ގެ ދަށުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ގޮތަށް ވަކި ސަރަހައްދެއް ކަނޑައަޅާފައި ހުންނަން ޖެހޭނެ ކަމަށާއި އެފަދަ ތަންތަން ކަނޑައެޅޭނީ ވަކި ހުއްދައެއް ލިބިގެން ކަމަށެވެ. އަދި އެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަދި އެފަދަ ހުއްދަތައް ނުހޯދައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ހުއްދަ ކަސްޓަމަރުންނަށް ދޭ ތަންތަނާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އެއާކޯން ކޮށްފައިވާ ތަންތަނާއި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރެންޓްގެ އިތުރުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެ ގަވާއިދުގެ ދަށުން މަނާކަމެކެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާ އެ ގަވާއިދުގައި މަގުމަތިން ވަދެ މަގުމަތިން ނުކުމެވޭގޮތަށް ހުންނަ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތަކުގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަޑައަޅައިފަ އެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތާގައި އޮންނަ ހާމަ ބިންތަކާއި ރިހަބިލިޓޭޝަން ސެންޓަރު ތަކާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އެ ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފަ އެވެ. އަދި ކުޑަކުދިންގެ ޕާކްތަކާއި އެކުދިން އާންމުކޮށް މުނިފޫހި ފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީތަކާއި ފެރީ ޓާމިނަލްތައް ވެސް ހިމެނެ އެވެ.
އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ލިޔުން ނުބަހައްޓާނަމަ ފުރަތަމަ ފަހަރަށް އެ ފަރާތެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާނަމަ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.