06 Dec 2012, 10:38
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ހިންގާ ޖީއެމްއާރު ކުންފުނީގެ ފަރާތްތައް ބޭލުމަށް ބާރުގެ ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ޑިފެންސް މިނިސްޓަރު އަދި އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ކާނަލް ރިޓަޔާޑް އަހުމަދު ނާޒިމު ދެއްވާފައިވާ ކަމަށް ޖީއެމްއާރުން ބުނެފި އެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ޖީއެމްއާރުގެ ޗީފް ފައިނޭންޝަލް އޮފިސަރު ސިދާރަތު ކަޕޫރު ވިދާޅުވި ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ އެމައްސަލައިގައި ބައިނަލް އަގުވާމީ ގާނޫނުތަކަށް ރާއްޖޭން އަމަލުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ފައިސާގެ ބަދަލެއް ހޯދައިގެން އެމައްސަލަ ހައްލުކުރަން ޖީއެމްއާރުން ޝައުގުވެރި ނުވާ ކަމަށްވެސް ސިދާތުވަނީ ވިދާޅުވެފަ އެވެ.
"އަހަރެމެން އުއްމީދުކުރަނީ އަދި އަހަރެމެން މި ހުށައަޅަނީ ދިވެހި ސަރުކާރުން ބައިނަލް އަގުވާމީ ގާނޫނަށް ބޯލަނބަން، އެއްވެސް ގޮތަކަށް އަހަރެމެން ބޭރުކުރުން ވާނީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމަކަށް، އެއްވެސް ބާރެއް ބޭނުންކޮށްފި ނަމަ އިންޑިއާގެ މަސްލަހަތަށް ގެއްލުންވާނެ، ރާއްޖޭގެ އެއާޕޯޓުން އަހަރެމެން ބޭރުކުރަން ބާރުގެ ބޭނުން ނުކުރާނެ ކަމުގެ ޔަގީން އެގައުމުގެ [ރާއްޖޭގެ] ޑިފެންސް މިނިސްޓަރު އަދި އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ވަނީ އަހަރެމެންނަށް ދީފައި،" ސިދާރަތު ކަޕޫރު ވިދާޅުވިކަމަށް ނޫހުގައި ވެއެވެ.
އަދި އެ މައްސަލައިގައި އެ ކުންފުނިން ފައިސާގެ ބަދަލެއް ބޭނުން ނުވާ ކަމަށާއި އެކަމަކީ ރާއްޖެއަށް މާލީ ގޮތުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ބަދަލުހޯދުމަކީ މިކަމަށް އޮތް މަގެއްގެ ގޮތުގައި އަޅުގަނޑުމެން ބޭނުމެއް ނުކުރާނަން، 700 މިލިޔަން ޑޮލަރުގެ ރިޕޯޓެއް އަޅުގަނޑުމެންނަށް މި ފެންނަނީ، ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު އެއީ ވަރަށް ބޮޑު ގެއްލުންވާނެ ކަމެއް، އަހަރެމެން މި ބުނަނީ އަހަރެމެން ބޭނުން ވަނީ ގާނޫނީ މަރުހަލާއިން މައްސަލަ ހައްލުކުރާށޭ،" ސިދާރަތު ކަޕޫރު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.