06 Dec 2012, 10:00
ސްރީލަންކާ ގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކަށަވަރުވެއްޖެ އެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ފައިނަލުން ރާއްޖެއަށް ޖާގައެއް ކަށަވަރުވީ އިއްޔެ މެންދުރު ފަހު ރާއްޖެ އާއި ޕާކިސްތާނު ކުޅުނު މެޗު އެކެއް ސުމަކުން ރާއްޖެ މޮޅުވެ އަދި އިއްޔެ ހަވީރު ލަންކާ އާއި ބަންގުލާދޭޝް ކުޅުނު މެޗުން އެކެއް ސުމަކުން ލަންކާ މޮޅު ވުމުން ނެވެ. ފައިނަލުގައި ރާއްޖެ އާއި ވާދަކުރާނީީ މާދަމާ ހަވީރު ލަންކާ އާއި ޕާކިސްތާނު ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ.
އިއްޔެ ރާއްޖެ ކުޅުނު މެޗު ގައި ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށް ދިނީ އީގަލްސްގެ އަހުމަދު އިމާޒު "އާއްކޮ" އެވެ. ހުޅުވި މެޗުގައި މުބާރާތް ބާއްވާ ލަންކާއާ ވާދަކޮށް ރާއްޖެ މޮޅުވީ ތިނެއް ސުމެއްގެ ނަތީޖާ އަކުން ނެވެ.
މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. އަދި ތިން ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގައި ވާ ލަންކާ އާއި ޕާކިސްތާނަށް ކުޅުނު ދެމެޗުގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވިފައި ވަނީ އެންމެ މެޗެ ކެވެ.
މާދަމާގެ މެޗުގައި ރާއްޖޭގެ ޓީމު ނުކުންނާނީ ބަންލަދޭޝް ޓީމާ ދެކޮޅަ ށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އެކެއް ޖަހާ އިރު އެވެ. އަދި ސްރީލަންކާ އާއި ޕާކިސްތާނު ވާދަކުރާ މެޗު ފަށާނީ ހަވީރު ތިނެއް ޖަހާ އިރު އެވެ. މި މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު މެންދުރު ފަހު ތިނެއް ޖަހާ އިރު އެވެ. މި މުބާރާތުގެ މެޗުތަށް ކުޅެނީ ލަންކާގެ ނާވަލަޕިޓިޔާ ޖަޔަތިލަކަ ސްޓޭޑިއަމްގަ އެވެ.