(ނިއު ބާޓާން) -- ފިލިޕީންސްގެ ދެކުނު ސަރަހައްދުތަކަށް ބާރުގަދަ ތޫފާނެއް އަރައި ފެންބޮޑުވުމުގެ ސަބަބުން 350 މީހުން މަރުވެ، 400 މީހުން ވީނުވީއެއް ނޭންގި ގެއްލިޖެ އެވެ.

ފިލިޕީންސްގެ ސިވިލް ޑިފެންސް އޮފީހުން ބުނީ އެގައުމުގެ ދެކުނުގެ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން އަސްކަރީ ކޭމްޕަކާއި އިމަޖެންސީ ހިޔާވަހިތަކަކާއި އާއްމުންގެ ގެތައް ހަލާކުވެފައިވާ ކަމަށެވެ.
އަދި ބުނީ އެންމެ ބޮޑު ގެއްލުމެއް ލިބުނު ކޮމްޕޮސްޓެލާ ވާދީ އާއި ޑެވާއޯ އޮރިއެންޓަލް ޕްރޮވިންސް އިން މަރުވެފައިވާ މީހުންގެ ހަށިތައް ދަނީ ފެންނަމުން ކަމަށެވެ.

މަރުވިމީހުންގެ ތެރެއިން މަދުވެގެން 200 މީހުން މަރުވީ ކޮމްޕޮސްޓެލާ ވާދީ އިން ކަމަށާއި އެއީ ކުއްލިއަކަށް އެތަނުގައި ފެންބޮޑުވުމުން ކަމަށް ފިލިޕީންސްގެ އޮފިޝަލުން ބުންޏެވެ. އެ ވާދީން މަރުވިމީހުންގެ ތެރޭގައި ހިމެނޭ އާއްމުންގެ 78 މީހުންގެ އިތުރުން ދެން މަރުވީ ސިފައިން ކަމަށް ވެސް ބުންޏެވެ.

"އާއިލާތައް އެކުގައި ވަނީ އޮޔާ ގޮސްފައި،" ނިއު ބާޓާންއަށް ޒިޔާރަތްކުރެއްވި ފިލިޕީންސްގެ އިންޓީރިއާ ސެކްރެޓަރީ މާރް ރޮޒާސް ވިދާޅުވި އެވެ.

އެ ސަރަހައްދުގެ 45000 މީހުންގެ އާބާދީގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ މަޑު ކިސަޑު ބިމުގަ އެވެ. ފިލިޕީންސަށް އެރި ތޫފާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 4.8 މިލިޔަން ޑޮލަރު ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ފެޑެރޭޝަނުން ވަނީ ގޮވާލާފަ އެވެ. ތޫފާނުން ސަލާމަތް ވުމަށް ފިލިޕީންސްގެ 170000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގޮސްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފިލިޕީންސަށް އެރި ތޫފާނެއްގައި 1200 މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނެވެ. (އެސޯސިއޭޓެޑް ޕްރެސް)