"އެ މީހުން މަރަންވީ، ދަންޖައްސަންވީ!" ސިޔާސީ ޕާޓީއެއްގެ މުޒާހަރާގެ ތެރެއިން ގޮވާލި އެވެ. މިއީ ފަހަކަށް އައިސް ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުގައި އާންމު އަޑުތަކެކެވެ. ޒިންމާދާރު ފާޑުކިއުމާއި ބިނާކުރަނިވި ފާޑު ކިއުމަކީ "ދިވެހި ޑިމޮކްރަސީ"ދަންނަ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި އިދިކޮޅު ސިޔާސީ ވެރިންގެ އަބުރު ނަގާލުމާއި ޒާތީ ފާޑުކިއުންތައް ވަނީ އާންމުވެފަ އެވެ. އޭގެ ނަތީޖާއަކަށް ވީ ނުރައްކާތެރި ކަންތައްތަކެއްގެ ފެށުމެވެ.

ސީދާ ސިޔާސީ ބޭނުމަށް ފަންޑުކޮށް ހިންގޭ ޖިނާއީ ކުށްތައް ގިނަވި އެވެ. ސިޔާސީ ޕާޓީތަކުގެ ރެލީތަކުގައި ހަމަނުޖެހުން ހިންގުމަށް ގޭންގްތަކަށް ފަންޑުކުރަންފެށި އެވެ. ވަކި ފިކުރެއްގެ ދަށުގައި ގޭންގްތައް ބޭއްވުމަށް ސީދާ ގޭންގްތަކަށް އިންވެސްޓް ކުރަން ފެށި އެވެ. އަމިއްލަ ހަށިފާރަވެރިން ހޮވަނީ ސީދާ ގޭންގުތަކުންނެވެ. ސިޔާސީ ބޭފުޅުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ގޭންގް މެންބަރުން ތިއްބަވަނީ އަރިހު ބޭފުޅުންގެ ގޮތުގަ އެވެ. ނޫނީ ވަޑައިގަންނަވާނީ ކޮންމެވެސް ގޭންގެއްގެ ހިމާޔަތުގަ އެވެ.

"ސިޔާސީ މީހުން އޭގެ އަޑީގައި ތިބެގެން، އެ ބޭފުޅުންނަށް އެނގޭނެ ކޮން ބައެއްގެ ވާހަކަކަން އަޅުގަނޑު މި ދައްކަނީ. އެހެންވީމާ އެ ބޭފުޅުން ފައިސާ ދީގެން ކަންކަން ކުރުވާފައި އެބަހުއްޓޭ. ކަންކަން ކުރުވާފައި އެބަހުރި އެހެން މީހުންގެ ބޮލުގައި އެޅުވުމަށް ވެސް. އެހެންވީމާ ވަރަށް ނުރައްކާތެރި ޓްރެންޑެއް މި ފެށެނީ މި ގައުމުގައި،" ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އިންޒާރުކުރެއްވި އެވެ.

ގޭންގްތަކާއި ސިޔާސީ ޕާޓީތައް އެކުވެ ހިންގޭ ސިޔާސީ ހަރަކާތްތައް ވަނީ އިންތިހާއަށް ނުރައްކާ ދަރައިޖައިގަ އެވެ. އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމާ އެކު ފޮރުވިފައިވާ ގިނަ ހަގީގަތްތަކެއް ހާމަވި އެވެ. ބޮޑެތި ޖަރީމާތަކެއްގެ ސިލްސިލާއެއް ފެށިފައިވާކަމާއި މައްސަލައިގެ ނުރައްކާތެރިކަން ހާމަވި އެވެ. ސިޔާސީ ޕާޓީތަކާއި ގޭންގުތައް ގުޅިގެން ހިންގޭ ހަރަކާތްތައް ހުރީ "ރަތްލެވަލް"ގައި ކަން އަންގައިދިނީ އެ ހާދިސާއިންނެވެ. މައްސަލަތަކުގެ ނުރައްކާ ތެރިކަމުގެ ވާހަކަ ދެއްކިދާނެ އެވެ. ނަމަވެސް ބޭނުންވަނީ މައްސަލަތަކަށް ހައްލެކެވެ. ހައްލަކީ ކޮބައިބާ އެވެ؟

ޕޮލިސް ކޮމިޝަނަރު ރިޔާޒު ވިދާޅުވާގޮތުން ފުލުހުން ތިބީ ގޭންގް ހަރަކާތްތައް ހުއްޓުވަން އަތުކުރި އޮޅާލައިގެންނެވެ. ނަމަވެސް ފުލުހުންނަށް ގާނޫނީ ބާރު ބޭނުންވެ އެވެ. އެކަން ކުރެވެން އަންނަނީ މަޖިލީހުން ކަމަށްވާއިރު މަޖިލީހުގެ މެންބަރުން ކޮށްދެންވީ ކަމަކީ ރިޔާޒު ވިދާޅުވާގޮތުން ފުލުހުންނަށް މިހާރަށް ވުރެވެސް ބޮޑެތި ބާރުތަކެއް ދިނުމެވެ. އޭރުން މަގުމަތީގައި ތިބި ގޭންގްތައް ހަމައަކަށް އަޅުވާނެ އެވެ.

"ޖިނާއީ އަމަލު ހިންގަން ފުރުސަތު ނުލިބޭނެގޮތަށް ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ބާރުތައް ފުލުހުންނަށް ލިބިދޭގޮތަށް ގާނޫނުތައް ފަރުމާކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ އަރިހުން އަޅުގަނޑު އިލްތިމާސް ކުރަން. އަދި ފުލުހުންނަށް ގާނޫނީ ބާރު ދިނުމަށް ޖެހިލުންވެވަޑައި ނުގެން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރާގޮތް މޮނިޓާ ކުރުމަށް އަދި ފުލުހުން އެކައުންޓަބަލް ކުރެވޭނެ ނިޒާމް ހަރުދަނާކޮށް އެ މަސައްކަތްތަށް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރިޔާޒު ވިދާޅުވި އެވެ.

މާލޭގައި ކުޑަހެންވޭރު ގުރޫޕާއި ބުރާއި އަދިވެސް އެކިނަންނަން ކިޔާ ގުރޫޕުތައް ފާޅުގައި ހަރަކާތްތެރިވާއިރު އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް އޮތީނުކުރެވި އެވެ. ކަމެއްވީމައި އެކަމެއްގެ ފަރުވާހޯދަން އުޅުމަށް ވުރެ އޭގެ ކުރިން އެއަށް ހައްލުތަކެއް ހޯދުމަކީ ކަމެއް ހައްލުކުރަން އެންމެ ފަސޭހަ މަގެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވިގޮތުގައި ރާއްޖެކަހަލަ ކުޑަކުޑަގައުމެއްގައި ސިޔާސީ ފަރާތްތަކުން ގޭންގުތައް ގެންގުޅޭ މައްސަލަ އިތުރުވަމުން ދާކަމަށް ވާނަމަ އެކަން ކޮންޓްރޯލް ކުރެވެން ޖެހޭނެ އެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ ކަންކަން ހުއްޓުވުމަށް މަރުގެ ހުކުމް ތަންފީޒު ކުރެވެން ޖެހޭއިރު، އެކަން ނުކުރެވިގެން އުޅެނީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތަފްސީލީ ގާނޫނެއް ބޭނުންވާކަމަށް އެޓާނީ ޖެރަލް ވިދާޅުވެފައި ވާތީ އެވެ.

އިސްލާމީ ޝަރީއަތާ އެއްގޮތަށް ޝަރުއީ ކޯޓުތަކުން ހުކުމް ކުރާއިރު އެ ހުކުމް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން މަރުގެ ހުކުމަށް ތާއީދު ކުރުމުން ނޫނީ އެފަދަ ހުކުމެއް ތަންފީޒު ނުކުރެވޭނެ ކަމަށް ބުނާއިރު ދަށު ކޯޓުން މަރުގެ ހުކުމް މީހެއްގެ މައްޗަށް ކުރާއިރު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެމީހަކު އެ ހުކުމް އިސްތިއުނާފު ނުކޮށްފި ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ދެވެން ޖެހޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވެ އެވެ.

"އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމް އެބަކުރެވޭ. ދެން ކީއްވެގެންތޯ ތަންފީޒީ އިދާރާތަކުން ތަންފީޒު ނުކުރެވިގެން މި އުޅޭނީ. އަޅުގަނޑަށް ގަބޫލެއް ނުކުރަން ގާނޫނެއް އޮންނަން ޖެހޭނެޔޭ މަރަން ޖެހޭނީ އިންޖެކްޝަން ޖަހައިގެން ކަމަށް. ދައުލަތުގެ އެންމެ މަތީ ފަނޑިޔާރުގެ އިން ހުކުމް ކުރުމުން ނޫނީ މަރުގެ ހުކުމް ތަންފީޒު ނުކުރެވޭ ވާހަކަ ދައްކާއިރު، ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އެމީހަކު އެ ހުކުމް އިސްތިއުނާފު ނުކުރާ ކަމަށް ވަންޏާ އޭގެ މަނާއަކީ އޭނާ ކުރިކަމެއް ކަމަށް ވާތީ އިސްތިއުނާފު ކުރަން ބޭނުން ނުވަނީއޭ. ދެން ކޮން ފަނޑިޔާރު ގެއެއް ތޯ؟،" މުއްތަލިބު ވިދާޅުވި އެވެ.

އެހެން ކަންތައްތަކެއްވެސް އެބަހުއްޓެވެ. އިސްލާމިމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ދީދީ ވިދާޅުވަނީ ސުކޫލްދައުރުގައި ތައުލީމް ހާސިލުކުރަމުން ދާއިރު ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދަކުރުމަށް މަސައްކަތް ކޮށް، އިސްލާމް ދީނުގެ މައިގަނޑު ކަންކަން ދަސްކޮށްދީ ކަންކަން އަމަލީ ގޮތުން ކުދިންލައްވާ ކުރުވުމަކީ ޒުވާން ކުދިން އެފަދަ ކުށްތައްކުރުމުން ދުރުހެލި ކޮށްދޭނެ ކަމަށެވެ.

ހަގީގަތުގައިވެސް ގައުމު ސިޔާސީ ދުއްތުރާލުން ސަލާމަތްކުރަން ކުރަންހުރި ކަންކަން ގިނަ އެވެ. ސިޔާސީ ޕާޓީތައް އުފެދުމުގެ ހަގީގީ ބޭނުންވަނީ އޮޅިފަ އެވެ. ތަޅާފޮޅުމާއި އެކެއްގެ އަބުރު ނަގާލުމަކީ ސިޔާސީ ހަރަކާތްތައް ކަމަށް ވަނީ ވެފަ އެވެ. ސިޔާސީ ވެށީގެ މައްސަލަތައް ވަނީ "ރަތް ލެވަލްގަ" އެވެ. ސިޔާސީ ވެށި ހަމައަކަށް ނޭޅުވިއްޖެނަމަ ގައުމާ މެދު ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ.