05 Dec 2012, 21:08
ރާއްޖޭގައި ހާލުގައި ޖެހޭ ވަކި ވަކި ފަރުދުންނަށް ވަގުތުން ވަގުތަށް އެހީވާނެ ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނުމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ހާލު ޖެހޭ ވަކިވަކި ފަރުދުންނަށް ސަރުކާރުން އެހީވާނެ ނިޒާމެއް ކަނޑައަޅައި އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ސަރުކާރަށް ގޮވާލަން މި ބަޖެޓުގައި ދިވެހި ރާއްޖޭގައި ހާލުގައި ޖެހޭ މީހުނަށް ހަރަދުކުރެވޭނެ ނިޒާމެއް ކަނޑައަޅަން،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ހާދިސާ ތަކުގައި ރަށްތަކަށް ލިބޭ ގެއްލުންތަކަށް ފައިސާ ހޭދަ ކުރެވޭނެ ގޮތްތަކެއް ވެސް ބަޖެޓުގައި ކަނޑައަޅާފައި އޮންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރަށެއްގައި ފެން ބޮޑުވެއްޖެ ނަމަ އިމަޖެންސީ ބަޖެޓަކުން ނޫނީ ކޮންމެ ވެސް އެހެން ބަޖެޓަކުން އެމީހުނަށް އެހީތެރިވާން ސަރުކާރުން މަސައްކަތްކުރާތަން އެބަ ފެނޭ. އަދި އެކަން ކުރާކަން ވެސް އެބަ އިނގޭ. ހަމަ އެއާއެކު އެންމެ ރައްޔިތަކީވެސް އެހާމެ އަގު ބޮޑު ރައްޔިތެއް އިނގޭތޯ. އެންމެ ރައްޔިތެއްގެވެސް މަންމަ އާއި ބައްޕައާއި ދަރިން ތިބޭނެ. އެމީހުންގެ އާއިލާ މީހުންނާއި ގާތްތިމާގެ މީހުން ވެސް ތިބޭނެ. އެމީހުނަށް އަޅާ ވޭނާ ކެކުޅުމަކީ އަޅުގަނޑުމެނަށް މި ވަގުތު ކެތް ކޮށްލައިގެން ތިބެވޭނެ ވޭނެއް ނޫން. މަހެއްގެ މައްޗަށް ކިތައް މީހުންގެ ހިތްތޯ ހަލާކުވެގެން އެދަނީ. އަޅުގަނޑުމެން ރީތި ޓައީ އަޅައިގެން ތިބޭއިރު އަޅުގަނޑުމެނަށް މި ވަޒީފާ ދިނީ ކޮން ބައެއް ތޯ އަޅުގަނޑުމެން ވިސްނަން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެެ.
ެއެ މޭރުމުން ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ވަކިވަކި ރައްޔިތުންނާ މެދު ވިސްނައި ފިކުރު ކުރަން ޖެހޭ ކަމަށާއި ރައްޔިތުންނަށް ފައިދާ ނުވާނެ ގޮތަށް އެއްވެސް މަސައްކަތެއް މަޖިލީހުގައި ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ވޯޓު ސިއްރު ކުރަން ފާސް ކޮށްފައިވާތީ އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް ޝިޔާމް ވަނީ ފާޑު ވިދާޅުވެފަ އެވެ.
މީގެ އިތުރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބައްލަވާ ލައްވަމުން ޝީޔާމް ވިދާޅުވީ މި ގައުމުގައި އެންމެ އިސް ކަމެއް ދޭން ޖެހޭ އެއް ކަމަކީ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަމަށާއި ފުލުހުންނާއި ސިފައިންނަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް އޮންނަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި މީހުން މެރުމާއި މީހުން ގަތުލު ކުރުމާއި މީހުންގެ މުދާ ފޭރުމާއި މީހުންގެ ގޭގައި އަލިފާން ޖެހުމާއި މި ފަދަ ނޭއްގާނީ ހުރިހާ ކަމެއް ކުރާއިރު އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޑިފެންސަށާއި އަދި ޕޮލިހަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް އޮތުމަކީ މުހިންމު ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
ހަމަ އެހެންމެ ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަ ކަމާއި އެކު ހިދުމަތްދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި އޮތް ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ދ. އަތޮޅަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެ، އަޅައިނުލައި ދޫކޮށްލާފައިކަން ޝިޔާމް ފާހަގަ ކުރެއްވެވި އެވެ.
އެގޮތުން ދ. މީދޫ ދާއިރާގެ ބައެއް ރަށްތަކުގައި ބަނދަރު ހަލާކުވަމުން ދިއުމުގެ ސަބަބުން ބަނދަރުގައި އަޅާފައިވާ ދޯނި ފަހަރުތައް ހަލާކުވެގޮސްފައިވާއިރު ސާފު ބޯފެނާއި ކަރަންޓް ވެސް ވޭތުވެދިޔަ އަހަރު ތަކުގައި ސަރުކާރުން ފޯރުކޮށްދީފައިނުވާ ކަމަށް ވިދާާޅުވި އެވެ.
އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓުން މީދޫ ދާއިރާގެ ރައްޔިތުން ކުރާ އުއްމީދުތައް ހާސިލް ވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށާއި ބަޖެޓްގައިވާ ހުރިހާ ކަމަކާއި އެކު ބަޖެޓް ފާސްކުރަން ޖެހޭ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.