05 Dec 2012, 21:01
މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ސ. މަރަދޫ "ހިތްވަރު" ބޯޓު ހޯދުމަށް ކަނޑުގެ މަގުންނާއި ވައިގެ މަގުން މިހާތަނަށް ކުރި މަސައްކަތުން އަދިވެސް އެބޯޓު ނުފެންނަ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
ގެއްލުނު ބޯޓު ހޯދުމަށް ކޯސްޓްގާޑުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކޯސްޓްގާޑު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކޯސްޓްގާޑުގެ ކެޕްޓަން އަހުމަދު މުޖުތަބާ މިރޭ ވިދާޅުވީ ހިތްވަރު ބޯޓު ހޯދުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުގައި މިހާތަނަށް 97،200 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށާއި އެ ބޯޓު ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދު (އީއީޒެޑް)ގެ ސަރަހައްދުގައި އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
"ސީދާ ނޭނގޭ ބޯޓަށް ވެގެން އުޅޭ ގޮތެއް. އިންޖީނު ހުއްޓުނީ ކަމެއް ނުވަތަ އޮޅިގެން ދުއްވެނީ ކަމެއް. އެހެންވެ އަޅަގަނޑުމެން ދެ ހާލަތަށް ވެސް ބަލާފައި ބޯޓު ހޯދުމުގެ މަސައްކަތް މިކުރީ. އިންޑިއާގެ މަތިންދާ ބޯޓަކީ މިކަމަށް ހާއްސަކޮށް ރާޑާ ސިސްޓަމެއް ހަރުކޮށްފައި ހުރި ބޯޓެއް. އެ ބޯޓުން އެބަހުރި ވަރަށް ކައިރިން އޮޔާދާ ފޮށިގަނޑު ފަދަ އެއްޗެހި ވެސް ރާޑަރަށް ނަގައިފަ. ބެލުނު ސަރަހައްދުގައި ހިތް ވަރު ބޯޓެއް ނެތް،" މުޖުތަބާ ވިދާޅުވި އެވެ.
ކުޑަ ކުއްޖަކާ އެކު 10 މީހުން ދަތުރުކުރި އެބޯޓު ހޯދުމަށްޓަކައި ކަނޑުމަތީގެ ހަ އުޅަނދަކާއި އިންޑިއާގެ ހާއްސަ މަތިންދާ ބޯޓަކާ އެކު ދެ މަތިންދާ ބޯޓު ކޯސްޓްގާޑުން ވަނީ ބޭނުންކޮށްފަ އެވެ. ހިތްވަރު ބޯޓު ގެއްލުނު ކަމަށް ލަފާކުރެވޭ ސަރަހައްދު ކަމުގައިވާ ލ.އަތޮޅުން ފެށިގެން ގަމާއި ދޭތެރޭގަ ހުޅަނގުފަރާތުންނާއި އިރުމަތީ ފަރާތުގެ ގާތްގަނޑަކަށް 12،600 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އިންޑިޔާގެ މަތިންދާ ބޯޓުން ބަލާ ފާސްކޮށްފައިވާ ކަމަށް ކޯސްޓްގާޑުން ބުންޏެވެ.
މުޖުތަބާ ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ބޯޓުގައި ގިނަ އަދަކަށް ކާއެއްޗެހި އެބަހުރި ކަމަށާއި އޭގެެތެރޭގައި 600 ކޭސް ފެނާއި ގާތްގަނޑަކަށް 10،000ރ ގެ މާސްކް ބާ އާއި ގިނަ އަދަދަކަށް ނޫޑްލްސް އާއި ފިޔާ ފަދަ އެއްޗެހި ހުރި ކަމަށާއި އެބޯޓު އަޑިއަށް ގޮސްފައިވާ ކަަމަށް ނުބެލެވޭ ކަމަށެވެ.
" ބޯޓުގައި ހުރި ކޮއްތަށް ބަލާއިރު ބޯޓުގައި ތިބި މީހުން ކޮއްތަށް އަދި ފެނަށް ޖެހޭނެ ކަމަކަށް ނުބެލެވޭ. ބޯޑު އަޑިއަށް ގޮސްފައިވާނަމަ އެ ބޯޑުގައި ހުރި މުދާތައް އިންޑިއާގެ ބޯޓުގެ ރާޑަރަށް އަރާނެ. އޮޔާދާ ކަރުދާސް ފޮށިގަނޑުތައް ފަދަ އެއްޗެހި ވެސް އެބޯޓުގެ ރާޑަރަށް ވަނީ އަރައިފަ. އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނެތް. އެހެންވެ ބޯޓު އަޑިއަށް ގޮސްދާނެ ކަމަކަށް ނުބެލެވޭ، ." މުޖުތަބާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާޝަން ކާނަލް އަބްދުއްރަހީމް އަބްދުލް ލަތީފު ވިދާޅުވީ މިހާތަނަށް އެބޯޓު ފެނޭތޯ ވައިގެ މަގުންނާއި ކަނޑުގެ މަގުން ބެލި ސަރަހައްދުގައި ބޯޓު އޮތް ކަމަށް ނުބެލެވޭތީ ވައިގެ މަގުން އިތުރަށް ބޯޓު ހޯދުމުގެ މަސައްކަތް ދެން ނުކުރާނެ ކަމަށާއި ބޯޓު އަޑިއަށް ނުގޮސް އޮތިއްޔާ ބޯޓުގައި ތިބި މީހުން ކޮށްތައް ޖެހޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
" ބޯޓުގައި ހުރި މުދަލަށް ބަލާއިރު ބޯޓު އަޑިއަށް ދިޔަ ކަމުގެ އެއްވެސް ނިޝާނެއް ނެތް. އެއްވެސް އެއްޗެއް ފްލޯޓް ކުރަމުން ދިޔަ ތަނެއްވެސް ނުފެނޭ. ވަރަށް ބޮޑަށް ގަބޫލްކުރެވެނީ ބޯޓު އަޑިއަށް ނުދާ ކަމަށް. މިހަތާނަށް ވައިގެ މަގުން ބެލި ސަރަހައްދުގައި ބޯޓު ނެތް ކަމަށް ބެލެވޭތީ ވައިގެ މަގުން އިތުރަށް ދެނެއް ނުބަލާނަން. ނަމަވެސް ކަނޑުގެ މަގުން އަދިވެސް ބޯޓު ހޯދުމުގެ މަސައްކަތް ކުރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޯސްޓްގާޑުން ވަނީ އެ ބޯޓު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ރާއްޖޭއާ ކައިރީގައިވާ ބައެއް ގައުމުތަކަށް ދީފަ އެވެ. އޭގެތެރޭގައި އިންޑިއާ، ސްރީލަންކާ މޮރިސަސް، ސީސެލްސް އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ރާއްޖޭގެ ހުޅަނގު ފަރާތުން އެންމެ ބޮޑު ސާޗް އެންޑް ރެސްކިއު ރީޖަންއެއް ބަލަހައްޓާ ކެންޔާގެ މުމްބާސާގެ އެމްއާރުސީސީއަށް ވެސް މިއަދުގެ ވަގުތެއްގައި އެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.
ގެއްލުނު ހިތްވަރު ބޯޓުގައި މުވާސަލާތީ ވަސީލަތްތައް ހުރި ނަމަވެސް އެބޯޓާ މުވާސަލާތީ ގޮތުން ގުޅޭނެ ގޮތެއް ވެފައިނުވާ ކަމަށް ކޮސްޓްގާޑުން ބުންޏެވެ. އަދި އެ އުޅަނދާއި އެންމެ ފަހުން ގުޅިފައިވަނީ ލ.އަތޮޅު މާވަށުގެ ހުޅަނގުން ގާތްގަނޑަކަށް 12 ވަރަކަށް 10 ވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.