އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި މިހާރު ކުރިއަށް ގެންދާ ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް މާދަމާވެސް މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ހަފްތާއަކު ތިން ދުވަހު އެވެ. އެއީ ހޯމަ އަންގާރަ ބުދަ އެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް ކޯރަމް ހަމަ ނުވެގެން ޖަލްސާ ހުއްޓަވާލައްވަން ޖެހުމުން ރިޔާސަތުން ވަނީ މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.

މަޖިލީހުގެ އާމީން އާންމު އަހުމަދު މުހަންމަދު މިއަދު ވިދާޅުވީ އާންމު ކޮމެޓީގެ ލަފާގެ މަތިން މަޖިލީހުގެ ޖަލްސާއެއް މާދަމާ ކުރިއަށް ގެންދަން ނިންމީ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ދައުލަތުގެ ބަޖެޓް ފާސްކުރަން ޖެހޭތީ ބަހުސްގެ މަރުހަލާ އަވަހަށް ނިންމާލުމަށް ކަމަށެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓްގެ ބަހުސް ތަޅުމުގައި ފަށާފައިވަނީ އިއްޔެ އެވެ. ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ކޮންމެ ދުވަހަކު ހަ ގަޑި އިރު މަސައްކަތްކުރާ ގޮތަށް ކޮމެޓީތަކާއި އެކު މަޝްވަރާ ކުރުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފަ އެވެ.

އެހެން ނަމަވެސް އިއްޔެ އާއި މިއަދު ވެސް ކޯރަމް ހަމަ ނުވެގެން އެކި ފަހަރު ޖަލްސާ ފަސްކޮށްފައިވާއިރު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އިއްޔެ ވެސް މަސައްކަތް ކުރެވިފައިވަނީ ހަ ގަޑި އިރުގެ ތެރެއިން ދެ ގަޑިއިރު ކަމަށެވެ. އަދި ވިދާޅުވީ އެއީ މަޖިލީސް ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށެވެ.

" މާދަމާ ބަޖެޓް ބަހުސް ނިންމާގޮތައް މި އޮތީ. ހަ ގަޑި އިރަށް ތާވަލު ކޮށްގެން ދެ ގަޑި އިރާއި 15 މިނެޓް މަސައްކަތް ކުރެވުނު ކަމީ އަޅުގަނޑުމެން އެކަމާ ދޭތެރޭ ލަދުވެތި ވާން ޖެހޭ ކަމެއް،" މިއަދު މެންދުރު ކުރީގައި ކޯރަމް ހަމަ ނުވެގެން ޖަލްސާ ހުއްޓާލައްވަމުން އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ބަޖެޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް ޖުމްލަ 22 މިނެޓްގެ ވަގުތުކޮޅެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ނިންމައިފި އެވެ.