05 Dec 2012, 18:50
ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން ޝަރުއީ ނިޒާމު އިސްލާހުކުރުމަކީ ވަރަށް އުނދަގޫ، އޮޅުން ބޮޅުން ބޮޑު މަސައްކަތެއް ކަމަށް މިހާރު ވަޑައިގެން އުޅުއްވާ އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެރްނާންޑޭޒް ޓެރެންކޯ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކުރެއްވި ޒިޔާރަތާ ބެހޭ މައުލޫމާތު މީޑިއާތަކަށް ދެއްވުމަށް ޔޫއެން ބިލްޑިންގް ގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ފެނާންޑޭސް ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ ކޯނީ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެކަމަށް އދ. އިން ޓެކްނިކަލް އެހީ ދޭނެ ކަމަށެވެ.
"ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެއް، އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންތަތަކެއް އެބަހުރިހެން އަހަރެންނަށް ހީވަނީ، މިއީ އަހަރެން ބުނާ ވާހަކައެއް ނޫން، ގައުމީ ކޮމިޝަނުން ވަނީ މިކަމަށް ރިކޮމެންޑް ކޮށްފައި، މިކަހަލަ ވަރަށް އުނދަގޫ ކަންތައްތަކަށް އަހަރެމެން ޓެކްނިކަލް އެހީ ދެން، ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ ވަރަށް އުނދަގޫ (އޮޅުން ބޮޅުން ބޮޑު) ކަމެއް، " ފެނާންޑޭޒް ވިދާޅުވި އެވެ.
ޝަރުއީ ނިޒާމުގެ އިތުރުން ވެސް އިސްލާހު ކުރަން ޖެހޭ ގިނަ ދާއިރާތަކެއް ކޯނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށާއި އެކަން ކަމައިގެން ކުރިއަށް ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފެނާންޑޭޒްގެ ވާހަކަފުޅުގައި އަދި ވިދާޅުވީ އަންނަ އަހަރު އޮންނަ އިންތިހާބަށް ރާއްޖެ ތައްޔާރުވުމުގެ ގޮތުން މިހާރު ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކުގެ މެދުގައި ވާހަކަތައް އަވަހަށް ފެށުން ވަރަށް މުހިއްމު ކަމަށެވެ.
ދެދުވަހުގެ ދަތުރުފުޅެއްގައި ވަޑައިގެން ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކާ ވެސް މަޝްވަރާ ކުރެއްވުމުން އެ ފަރާތްތަކުން އިޖާބަ ދެއްވީ ކިހާ ވަރަކަށްތޯ ދެންނެވުމުން އޭނާ ވިދާޅުވީ ދެއްވި އިޖާބަ ރަނގަޅު ކަމަށާއި މިހާރު ވެސް ސިޔާސީ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅައި ބަހުސް ކުރަމުންދާ ގިނަ މުހިއްމު ބިލްތަކަށް ބަހުސް ކުރުމަކީ ވެސް އެފަދަ ވާހަކަތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިމަހުގެ ތިން ވަނަ ދުވަހު ފެނާންޑޭޒް ރާއްޖެވަޑައިގެންނެވި އިރު އިންތިހާބާ ގުޅިގެން ރާއްޖެއަށް ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ ބަލައި ދިރާސާ ކުރާނެ ޔޫއެންޑީޕީގެ މާހިރުންގެ ޓީމެއް ވެސް އޭނާ އަރިހުގައި ވަޑައިގެންނެވި ކަމަށާއި އެ ޓީމުން އަދި ރާއްޖޭގައި ދުވަސްކޮޅަކު މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ބޭއްވޭ އިންތިހާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފެނާންޑޭޒް ވިދާޅުވީ އަންނަ އަހަރު ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުއް ފެންނަ އިންތިހާބަކަށް ވާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ އިންތިހާބަކީ ސުލްހަވެރި އިންތިހާބަކަށް ވާންޖެހޭ ކަމަށެވެ.
ޔޫއެންޑީޕީގެ މާހިރުން ރާއްޖޭގައި ބައްލަވާނެ ކަންތައްތަކުގެ ތެރޭގައި އިންތިހާބަކާ ގުޅޭ ގޮތުން ސިޔާސީ މާހައުލާއި ޓެކްނިކަލް ގޮތުން މާހައުލު އޮތް ގޮތާއި ސަލާމަތީ ކަންތައްތައް އޮތް ގޮތް ބަލާނެއެވެ.