ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން އަދި މިނިވަން މުއައްސަސާ ތަކުގެ ވެރިންގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓު ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓު ދިނުމާ ގުޅިގެން ގދ. ފިއޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު އާއި އެ ރަށުގައި ދިރިއުޅޭ އެ ޕާޓީގެ އާއްމު މެމްބަރުން ޕާޓީ ދޫކޮށް ޕީޕީއެމް އާ ގުޅިއްޖެ އެވެ.

ފިއޯރީގެ ކައުންސިލްގައި ތިއްބަވާ ފަސް މެމްބަރުންގެ ތެރޭގައި ހިމެނެނީ ޑީއާރުޕީގެ ދެ މެމްބަރުންނާއި، އެމްޑީޕީގެ ދެ މެމްބަރުންގެ އިތުރުން މިނިވަން މެމްބަރެކެވެ. ފިއޯރީގެ އާބާދީ އަކީ 1436 މީހުންނެވެ.

ޑީއާރުޕީން މިއަދު ވަކިވި ފިއޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ސަން އަށް ވިދާޅުވީ ރައީސް މައުމޫން އެންމެ ފުރަތަ ޑީއާރުޕީ އުފެއްދެވުމާއި އެކުހެން އެ ރަށު ރައްޔިތުންގެ ތެރެއިން 98 ޕަސެންޓް މީހުންނަކީ އެ ޕާޓީގެ މީހުން ކަމަށެވެ. އެއަށްފަހު ޕާޓީ ބައިބައި ވެ ދިޔައިރުވެސް ފިއޯރީގެ މެމްބަރުން ތިބީ ސާބިތު ކަމާއިއެކު ޕާޓީގެ ރޫހުގައި ކަމަށާއި، ނަމަވެސް މިހާރު މެމްބަރުންނަށް ޑީއާރުޕީ އަކީ ގައުމަށް ހެވެއް އެދިގެން މަސައްކަތްކުރާ ޕާޓީ އެއް ނޫންކަން އެނގިއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ޑީއާރުޕީގެ އެ ނިންމުމަކީ ދިވެހި ރާއްޖެއިން އިސްލާމްދީން ފޮހެލާ ގައުމުގެ މިނިވަންކަން ނަގާލުމަށް އެ ޕާޓީން ކުރިކަމެއް ކަމުގައި ފިއޯރީގެ ރައްޔިތުން ގަބޫލުކޮށް އެ ޕާޓީ އަށް ވަރަށްބޮޑަށް ނަފްރަތުކޮށް އެކަން ހަރުއަޑުން ކުއްވެރިކުރަމުން ގެންދާ ކަމަށެވެ.

"އަސްލު ޑީއާރުޕީ އުފެއްދީ މައުމޫން. އޭރު މިރަށުގެ 90ޕަސެންޓް މީހުންނަކީ ޑީއާރުޕީ މީހުން. ޕާޓީ ބައިބައިވީމަވެސް އަޅުގަނޑުމެން ތިބީ ޕާޓީ ރޫހުގައި. ނަމަވެސް މިހާރު ޕާޓީގެ ނިޔަތް އެނގިއްޖެ. މިރަށުގައި ތިބި އެ ޕާޓީގެ ހުރިހާ މެމްބަރުން މިހާރު ޕީޕީއެމް އާ ގުޅިއްޖެ،" އަހްމަދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން އަދި މިނިވަން މުއައްސަސާ ތަކުގެ ވެރިންގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓު ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓު ދިނުމާ ގުޅިގެން ޑީއާރުޕީ އާ ދެކޮޅަށް އެ ޕާޓީގެ ގިނަ މެމްބަރުން ގެންދަނީ ނުރުހުން ފާޅުކޮށް ޕާޓީން ވަކި ވަމުންނެވެ. އެގޮތުން މިއަދުވެސް ފުވައްމުލަކު ޑިއާރްޕީގެ ހުރިހާ ކައުންސިލަރުން އެ ޕާޓީން ވަނީ އިސްތިއުފާ ދީފި އެވެ. އިސްތިއުފާ ދިން 14 ކައުންސެލަރުންގެ ތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލްގެ ތިން މެންބަރުންނާއި އަވަށު ކައުންސިލް ތަކުގެ 11 މެންބަރުންނެވެ.