05 Dec 2012, 17:13
އެއާޕޯޓް ހަވާލުކުރުމަށް ޖީއެމްއާރާ އެކު 25 އަހަރު ދުވަހަށް ސަރުކާރުން ސޮއި ކުރިން އެއްބަސްވުމުގައި ދިވެހި މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ލާޒިމްކޮށްފައިވާ ޝަރުތު މިއަހަރުގެ ނިޔަލަށް ހަމަވާކަމަށް ކެބިނެޓުން އެކުލަވާލީ ދިރާސާ ރިޕޯޓްގައި ބުނެފި އެވެ.
އެއާޕޯޓް ހަވާލުކުރުމަށް 2010 ވަނަ އަހަރުގެ ތެރޭގައި ޖީއެމްއާރާ އެކު ކުރީގެ ސަރުކާރުން ވި އެއްބަސްވުމާ ގުޅޭ ގޮތުން ކެބިނެޓުން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ވަކި އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ޝަރުތުކޮށް ކޯޓާއެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މިއަދާއި ޖެހެންދެންވެސް ހުރިހާ ޑިޕާޓްމަންޓްތަކުގެ އިސް މުވައްޒަފުންނަކީ ބިދޭސީން ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
"ދިވެހި މުވައްޒަފުން ވަޒީފާގައި ބެހެއްޓުމުގެ ޝަރުތު މިއަހަރުގެ ނިޔަލަށް ހަމަވެ އެވެ. އެމީހުންގެ ޕެންޝަންގެ ފައިދާތައް ވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ހަނިކުރެވިފަ އެވެ،" ރިޕޯޓްގައިވެ އެވެ.
އަދިވެސް އެ އެއްބަސްވުމުގެ ދަށުން ލިބިދާނެ އެހެން ގެއްލުންތައް އެ ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޖޫން 2010 ގައި ކުރެވުނު އެއްބަސްވުމުގެ ދަށުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވިފައިވަނީ 23.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން 22 ޖޫން 2011 ގައި ތެލުގެ ކޮންސެޝަންއަށް ލުއެއް ދޭން ސަރުކާރުން ނިންމާ އެގްރިމަންޓަށް އިސްލާހު ގެނައުމުން 1.58 ބިލިއަން ރުފިޔާގެ ގެއްލުން ސަރުކާރަށް ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އަދި އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)އަށް ލުއި ދިނުމުން 29.6 ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވާނެ ކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ.
އަދި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން އެއާޕޯޓްގައި ކުރިން ކުރަމުން ދިޔަ ގިނަ ވިޔަފާރިތައް އެއްބަސްވުމާ އެކު ވަނީ ޖީއެމްއާރުގެ ދަށަށް ވަނީ ގޮސްފަ އެވެ. ހަމައެކަނި އެ ވިޔަފާރިތައް ސަރުކާރުން ދޫކޮށްލުމުން 18.40 ބިލިއަން ރުފިޔާގެ ގެއްލުމާއި ސަރުކާރުން 25 އަހަރު ދުވަހުގެ ތެރޭގައު ކުރިމަތިލާންޖެހޭނެ އެވެ.
އޭގެ ތަފްސީލަށް ދާއިރު ގްރައުންޑް ހޭންޑްލިން އަދި ސީޕްލޭން އޮޕަރޭޓަރުންނަށް 2.16 ބިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވެ އެވެ. ލައުންޖުތަކުން އައިލެންއޭވިއޭޝަންއަށް 0.29 ބިލިއަން ރުފިޔާގެ ގެއްލުން ވާއިރު ގުރައުންޑް ހޭންޑްލިން އިން އައިލެން އޭވިއޭޝަންއަށް 4.53 ބިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ޑިއުޓީ ފްރީތަކުން ލޯކަލް އޮޕަރޭޓަރުންނަށް 7.58 ބިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވާއިރު ޑިޕާޗާ ސިސްޓަމުން އައޭއެސްއަށް 0.54 ބިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިވާނެ އެވެ. އަދި ކާގޯސާވިސް އާއި އިންފްލައިޓް ކޭޓަރިންއިން ތިން ބިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
ރިޕޯޓުން ހާމަވާ ގޮތުގައި އެއްބަސްވުމުގެ ދަށުން ޖީއެމްއާރުން ރިޓެއިލް ސެކްޓަރާއި ހައުސިން ސެކްޓަރާއި ސިއްހީ އަދި ތައުލީމީ ސެކްޓަރަށް ހުޅުލޭގައި އިންވެސްޓް ކުރުމުގެ ހުއްދަ އޮވެ އެވެ.
އެ ވިޔަފާރިތަކުގެ ތެރެއިން ޖީއެމްއާރުން އެއާޕޯޓް ހޮޓާ ހިންގަން ފަށައިފި ނަމަ ހުޅުލޭ އައިލެންޑް ހޮޓަލަށް 1.64 ބިލިއަން ރުފިޔާގެ ގެއްލުން 25 އަހަރުގެ ތެރޭގައި ލިބޭނެ އެވެ. އަދި ތެޔޮ ވިއްކައިގެން އެސްޓީއޯއަށް ލިބޭ އާމްދަނީން 2.28 ބިލިއަން ރުފިޔާގެ ގެއްލުމާ އެ ކުންފުންޏަށް ކުރިމަތިވާނެ ކަމަށްވެސް ހިސާބުތަކުން ހާމަވެ އެވެ.
އަދި ހުޅުލޭގައި ރިޓެއިލް ސެކްޓަރަށް އިންވެސްޓްކުރަން ފެށުމުން ހުޅުލޭގައި މިހާރު ހިންގާ ދިވެހި ވިޔަފާރިތަކަށް އަދި ހުޅުމާލޭގައި ހިންގާ ރިޓެއިލް ވިޔަފާރިތަކަށް 17.25 ބިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވާނެ އެވެ. އަދި ހައުސިން ސެކްޓަރަށް އިންވެސްޓްކޮށްފި ނަމަ ދިވެހި އިގްތިސޯދަށް 3.21 ބިލިއަން ރުފިޔާގެ ގެއްލުމާއި އެއްބަސްވުމުގެ މުއްދަތުގައި ކުރިމަތިލާން ޖެހޭނެ އެވެ. އަދި އެޑިއުކޭޝަނާއި ސިއްހީ ދާއިރައަށް އިންވެސްޓް ކޮށްފިނަމަ 2.0 ބިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވާނެ އެވެ.
ޑޮކިއުމަންޓުން ފެންނަން ހުރި ހިސާބުތަކަށްބަލާއިރު ޝޯޓްލިސްޓް ކުރި ތިން ކުންފުންޏަކީ ޓީއޭވީ އާއި ޖީއެމްއާރު އަދި ޔުނީކް ޖީވީކޭ އެވެ. އެގޮތުން ޖީއެމްއާރަކީ އެންމެ ބޮޑު އަޕްފްރޮންޓް ފީއެއްހުށަހެޅި ކުންފުންޏެވެ. އެ ކުންފުނިން 78 މިލިއަން ޑޮލަރު ދައްކަން ހުށަހެޅި އިރު ޓީއޭވީން ހަތް މިލިއަން ޑޮލަރު އަދި ޔުނީކް ޖޭވީކޭއިން 27 މިލިއަން ޑޮލަރު ހުށަހަޅާފައިވެ އެވެ. ނަމަވެސް އާމްދަނީ އަށް ބަލާއިރު 2011 އިން 2014 އަށް ޖީއެމްއާރުން ދޭން އެއްބަސްވެފައި ވަނީ އެ ކުންފުނީގެ އާމްދަނީން އެންމެ ޕަސެންޓެކެވެ. ނަމަވެސް ޓީއޭވީން 31 ޕަސެންޓް އަދި ޔުނީކް ޖޭވީކޭން އާމްދަނީގެ 27 ޕަސެންޓް ސަރުކާރަށް ދޭން ހުށަހަޅާފައިވެ އެވެ. އަދި 2015 އިން 2025 އަށް ޓީއޭވީން 29.5 ޕަސެންޓް އާމްދަނީގެ ތެރެއިން ސަރުކާރަށްދޭނެ އެވެ. ޖީއެމްއާރުން އެ މުއްދަތުގައި 10 ޕަސެންޓް ސަރުކާރަށް ދޭއިރު ޔުނީކް ޖީވީކޭން ނުވަ ޕަސެންޓް ދޭގޮތަށް ވަނީ ހުށަހަޅައިފަ އެވެ.
އެހެން ކަމުން އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ޖީއެމްއާރަށް ވުރެ ރަނގަޅު ހުށަހެޅުންތައް ދިވެހި ސަރުކާރަށް ވަނީ ލިބިފަ އެވެ.