05 Dec 2012, 16:17
ގއ. ދާންދޫ ކައުންސިލްގެ ނަމުގައި އުފައްދާފައިވާ ޓްރަސްޓް ފަންޑުން 600000ރ. ނަގައިގެން އެފައިސާ ކައުންސިލްގެ ނަމުގައި އިންވެސްޓް ކުރަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ދާންދޫ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ އެރަށު އާބަހާރުގޭ މުހައްމަދު ސައީދު އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.
ދާންދޫ ކޯޓުގެ ހުކުމްގައި ބުނަނީ ޓްރަސްޓް ފަންޑުން 600000ރ. ނަގައިގެން އެފައިސާ ކައުންސިލްގެ ނަމުގައި އިންވެސްޓް ކުރަން ކައުންސިލުން ފާސްކުރުމަށް ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމަށް ހާޒިރުވެފައި ވަނީ ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ކަން މުހައްމަދު ސައީދުގެ ފަރާތުންނާއި ދާންދޫ ކައުންސިލުން ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި އެކަމާ މެދު ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު އެ ވިޔަފާރި ކައުންސިލްގެ ނަމުގައި ކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފައި ވަނީ ކައުންސިލްގެ ދެ މެންބަރުން ކަން ބައްދަލުވުމުގެ ޔައުމިއްޔާ އިން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ބުނަނީ ކައުންސިލްތަކުން އިންވެސްޓް ކުރުމަށް ގާނޫނުން ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ދާންދޫ ކައުންސިލުން އެއްވެސް ކަމަކަށް އިންވެސްޓް ކުރުމަށް ނިންމައި އެކަމެއް ތަންފީޒު ކުރެވޭނީ ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން ކަން ދާންދޫ ކައުންސިލްގެ ހިންގާ ގަވާއިދުން އެނގެން އޮންނަ ކަމަށެވެ.
ދާންދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ ފަސް ކައުންސިލަރުންނާއި ޑީއާރްޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ.