ހަތް ރަށެއްގެ އިންޖީނުގެތަށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ހަވާލުވެއްޖެ އެވެ.

މިއަދު ހެނދުނު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގޭތަކާ ހަވާލުވި އެގްރިމެންޓްގައި ރަށްރަށުގެ ފަރާތުން ސޮއިކޮށްފައިވަނީ އެރަށްރަށުގެ ކައުންސިލް މެންބަރުންނެވެ. އަދި ފެނަކާގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.

މިއަދު ފެނަކައައި ހަވާލުކޮށްފައިވަނީ ށ. ބިލެއްފަހި އިންޖީނުގެ އާއި ށ. މަރޮށި އާއި މ.މަޑުއްވަރީގެ އިތުރުން ދ.މާއެނބޫދޫ އާއި ދ. ރިނބިދޫ އިންޖީނުގެ އެވެ. އަދި ތ. ގުރައިދޫ އިންޖީނުގެ އާއި ތ. ހިރިލަންދޫ އިންޖިނުގެވެސް ވަނީ ފެނަކައާ ހަވާލުކޮށްފަ އެވެ.

ފެނަކައިގެ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވީ އެއެއްބަސްވުމާއެކު އަންނަ ޖެނުއަރީމަހުގެ ތެރޭގައި އެރަށްރަށުގެ އިންޖީނުގެތަށް ހންގުމަށް ފެނަކައިން ހަވާލުވާނެ ކަމަށާއި އެ ހުރިހާ ރަށްރަށަކަށްވެސް ކަރަންޓް ފޯރުކޮށްދޭނީ އެއް އަގެއްގައި ކަމަށެވެ.

"މިއަދު ސޮއިކުރި ހަތް ރަށަށް ކަރަންޓް ފޯރު ކޮށްދިނުމުގައި އަގު ނަގާނީ އެއް މިންގަނޑަކަށް. އިންޖީނުގޭ ހިންގުމަށް ހަވާލުވުމުގެ ކުރިން އެތަންތަނުގެ ހާލަތު ބެލުމަށް ސާވޭ ޓީމްތައް ފޮނުވާނަން،" ނިމާލް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެއިންޖީނުގެތަކާ ހަވާލުވީއިރު އެއްވެސް ދަރަންޏެއް ހުރިނަމަ އެ ފައިސާ ހަލާސްކުރަން ޖެހޭނީ އެ އިންޖީނުގެތައް ކުރިން ހިންގި ފަރާތްތައް ކަމަށެވެ.