05 Dec 2012, 15:50
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭން ކުރާ މަސައްކަތްތަކަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމަށް އެގައުމުން ބުނެފި އެވެ.
އެކަމުގައި ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ކޮޕް 18 ބައްދަލުވުމަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ޗެއާމަން އޮފް ނެޝަނަލް ޑިވެލޮޕްމެންޓް އެންޑް ރިފޯމް އަދި މިނިސްޓަރް އިންޗާޖް ފޯ ކްލައިމެޓް ޗޭންޖް ޒީ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.
މިނސްޓްރީން ބުނީ ކޮޕް 18ގެ ހަވާސާގައި ރާއްޖޭގެ އެންވަޔަރްމެންޓް އެންޑް އެނަޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ޗައިނާގެ މިނިސްޓަރު ޒީއާ ބައްދަލުކުރެއްވި ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތައް އެބައްދަލުވުމުގައި ޒީއަށް ވިދާޅުވެދެއްވި ކަމަށެވެ.
ޗައިނާގެ މިނިސްޓަރާއެކު ޑރ. ޝަކީލާ ބޭއްވެވި ބައްދަލުވުމުގައި ދެއްވި އިތުރު މައުލޫމާތު ތަކުގެ ތެރޭގައި މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ގިނަ ރަށްތަކަށް ގެއްލުންވެފައިވާ ކަމާއި އެގޮތުން ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ ހާލަތު ތަފުސީލުކޮށް ދެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި ބުނީ ރާއްޖޭގެ ހާލަތާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާ މެދު ޗައިނާގެ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި އެކަމުގައި އެހީތެރިވެދެވޭނެ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިކަމަށެވެ.