ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އަންނަ އަހަރަލަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި 32 މިލިއަން ރުފިޔާގެ ބަޖެޓް 21 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވުމުން އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އުފުލުމަށް ހުރަސް އެޅެނޭ ކަމަށް އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒްރާ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާ ކުރަމުންދާ މަޖިލީހުގެ ބަޖެޓް ކޮމެޓީއަށް ހާޒިރުކޮށް، މެންބަރުން ސުވާލު ދެންނެވުމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ ވިދާޅުވީ އެ ކޮމިޝަންގެ ބަޖެޓް ކުޑަކޮށްފައިވުމުން، އަންނަ އަހަރު އެ ކޮމިޝަނުން ހިންގުމަށް ކަނޑައެޅި ލަޑުދަނޑިތައް ހާސިލް ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ހިއުމަން ރައިޓްސް ރީޖަނަލް ސެންޓަރުތައް ގާއިމް ކުރުމަށް ކަނޑަޅާފައި ވީނަމަވެސް، ބަޖެޓް ނެތުމުން އެ މަޝްރޫއު ވެސް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވުމުން، ސިޔާސީ މަސްރަހުގައި ދިމާވެދާނެ ބޮޑެތި ހާދިސާތައް ބެލުމާއި މޮނީޓަރިންއާއި ރިސާޗާއި އެވެއާނަސް ޕްރޮގްރާމްތައް ކެންސަލް ކުރަން މަޖުބޫރު ވަނީ ބަޖެޓް ނެތުމުން ކަމަށް އަޒްރާ ފާހަގަ ކުރެއްވި އެވެ.

އަޒްރާ ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނަށް ދިނުމަށް އެއްބަސްވީ 25 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ބަޖެޓްގައި ޖަހާފައި އޮތީ 21 މިލިއަން ރުފިޔާ ކަމަށެވެ. އެއީ މިދިޔަ އަހަރު އެ ކޮމިޝަނަށް ކަނޑައެޅި ބަޖެޓްގެ އެއް މިލިއަން ރުފިޔާ މަދު އަދަދެކެވެ. ނަމަވެސް މިއަހަރުގެ ބަޖެޓްގައި ހިނގަމުންދާ 2012 ވަނަ އަހަރަށް ހިއުމަން ރައިޓްސްއަށް ކަނޑައަޅާފައި ވަނީ 19.8 މިލިއަން ރުފިޔާ ކަމަށެވެ. އަޒްރާ ވިދާޅުވީ އެއީ ސައްހަ އަދަދެއް ނޫން ކަމަށެވެ.

އަޒްރާ ކޮމެޓީގައި އެދިވަޑައިގެންނެވީ މަޖިލީހުން ބަޖެޓް ފާސްކޮށްދެއްވާއިރު އެ ކޮމިޝަނުން ކޮންމެހެން ކުރުން ލާޒިމްވާ ކަންތައްތަކަށް ފައިސާ ބަޖެޓްގައި ހިމަނައި ދެއްވުމަށެވެ.

ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ކޮމިޝަންގެ ބަޖެޓަށް ކަނޑައެޅުމަށް އެދޭ ފައިސާގެ އަދަދާއި އެ ފައިސާ ހަރަދު ކުރާނެ ޕްރޮގްރާމްތަކުގެ ތަފްސީމް ކޮމެޓީއަށް މާދަމާ މެންދުރު ކުރިން އަންގަވައިދެއްވުމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމެޓީއަށް ހިއްސާ ކުރި މައުލޫމާތުގައިވާ ގޮތުން އެ ކޮމިޝަނަށް ބޭރުގެ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 100،000 އެމެރިކާ ޑޮލަރު ނުވަތަ 1.5 މިލިއަން ރުފިޔާ އެވެ.