ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑާޝިފުން ރައްޔިތުންގެ ވިންދާއި އެއްގޮތަށް އަމަލު ކުރަމުން ނުގެންދާ ކަމަށް ބުނެ ފުވައްމުލަކު އަށް ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގައި ތިއްބަވައި ޑީއާރުޕީގެ 14 މެމްބަރުން އިސްތިއުފާ ދީފި އެވެ.

މުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު މިއަދު ވިދާޅުވީ ފުވައްމުލަކު ކައުންސިލްތަކުގައި ހިމެނިވަޑައިގެންނަވާ ޑީއާރުޕީގެ މެމްބަރުން އެޕާޓީން ވަކިވެ އިސްތިއުފާސިޓީ މިއަދު ފޮނުއްވާފައިވާ ކަމަށާއި ކައުންސިލަރުން ޕާޓީން ވަކިވެވަޑައިގެން މައިގަނޑު ސަބަބަކީ ޕާޓީން ކައުންސިލަރުންނާ އެކު އޮންނަ ގުޅުން ހީނަރުވެފައިވާތީ އާއި ޕާޓީގެ ލީޑާޝިޕުން ރައްޔިތުންގެ ވިންދާ އެއްގޮތަށް އަމަލުކުރަމުން ނުދާތީ ކަމަށެވެ.

"ޕާޓީގެ ލީޑަޝިޕުން ނަގާ ޑިސިސަންތަކާއި އެމީހުން އަމަލުކުރާ ސިޔާސަތަކީ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެއީ ޑީއާރުޕީގެ ސްލޯގަންއަކީ "ރައްޔިތުންގެ ވިންދު" ކަމުގައިވާއިރު މިހާރު އެސްލޯގަން ހާސިލްވާ ގޮތަކަށް ނޫން އެޕާޓީން އަމަލު ކުރަނީ. އެގޮތުން ރައްޔިތުންގެ ތެރޭގައި ތަފާތުކުރުންތައް އެބަގެންގުޅޭ. އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް. އަނެއްކާ ކުރިން ބޭއްވި ބައި-އިލެކްޝަނެއްގައި އެޕާޓީއަށް އެންމެ 19 ވޯޓް ލިބި އެގޮނޑި އެޕާޓީއަށް ގެއްލިފައިވާތީ އެކަމުގެ ހަސަދައިގައި ފިލުވުމަށް، ޕާޓީގެ މެމްބަރުންގެ ދަރަނީގެ މައްސަލަތަކެއް ހުއްޓާ އެކަމަށް ފޯކަސް ނުކޮށް ސިވިލް ސާވިސް ރައީސްގެ ގޮނޑި ގެއްލުވާލީ ވެސް އެއީ ފުވައްމުލަކުގެ ދަރިއަކަށްވާތީ އެކަމުގެ ހަސަދައިގައި،" ފަޒާދު ވިދާޅުވި އެވެ.

ފުވައްމުލަކުގެ ކައުންސިލްތަކުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ޑީއާރުޕީގެ މެމްބަރުން އެޕާޓީން އިސްތިއުފާދީ މިއަދު ނެރެފައިވާ ގުޅިފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ޑީއާރުޕީގެ ލީޑާޝިޕްގައި ބައިބައިވުންތަކެއް އުފެދުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް ފުވައްމުލަކުގެ ރައްޔިތުންގެ ތެރޭގައި ތިބި ޑީއާރުޕީގެ މެމްބަރުން ތިބީ އެޕާޓީގެ މެމްބަރުންގެ ގޮތުގައި ކަމަށާއި ނަމަވެސް ޑީއާރުޕީގެ ހަގީގީ މަގުސަދު އޮޅި ރައްޔިތުންގެ ވިންދު ނޭންގޭ ހިސާބަށް ޕާޓީގެ ދަތުރުކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މައްޗަށް ނެގި އިތުބާރުގެ ވޯޓްގެ މައްސަލައިގައި ޑީއާރުޕީން އަމަލްކޮށްފައިވަނީ އެޕާޓީގެ އާންމު މަސްލަހަތު ނެގެހެއްޓުމަށް އެޕާޓީން ކުރަމުން ގެންދާ މަސައްކަތްތަކަށް ދެއްކި ނަމޫނާއެއްގެ ގޮތުގައި ކަމަށާއި ފަހުމީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އަމިއްލައަށް އިސްތިއުފާދޭން ޖެހޭނެ ކަމަށް ޑީއާރުޕީން ގަބޫލުކުރާނަމަ، އެޕާޓީގެ ލީޑާ ޝިޕްގައި ހިމެނޭ ބޭބޭފުޅުންނާއި މަޖިލީހުގެ މެމްބަރުންގެ މައްޗަށް ސާބިތުކުރެވިފައިވާ ދަރަނިތައް ކޯޓުގެ ހުކުމާއި އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާއިރު އެމެެމްބަރުން މަޖިލީހުން ބޭރު ކުރުމަށާއި ޕާޓީން ވަކިކުރުމަށް މަސައްކަތް ކުރި ނަމަ ފަހުމީގެ މައްޗަށް ނެގި ވޯޓްގެ ވާހަކަ ދައްކާނެ ފުރުސަތު މިއަދު އެކައުންސިލްތަކަށް ނުލިބުނީސް ކަމަށް ބުނެފައިވެ އެވެ.

އަދި ފުވައްމުލަކު މެދުކައުންސިލްގެ ބައި-އިލެކްޝަން 2011 ގައި ބޭއްވިއިރު ޑީއާރުޕީން ކުރި މަތިލި ކެނޑިޑޭޓަށް 19 ވޯޓް ލިބި އެއިންތިހާބު ޑީއާރުޕީއަށް ނާކާމިޔާބުވީ ހިސާބުން ފެށިގެން ބަދަލު ހިފުމުގެ ރޫހެއްގައި ކެނޑިނޭޅި ޑީއާރުޕީން މަސައްކަތްކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ގައުމުގެ ވެރިކަމަށް އަންނަން މަސައްކަތްކުރާ ބަޔަކު ޒާތީ ތައައްސުބާ ހަސަދަވެރިކަމާއި ތަފާތުކުރުންތައް ގެންގުޅުއްވުމަކީ އަޅުގަނޑުމެންނަށް ގަބޫލްކުރެވޭނެ ކަމެއް ނޫން،" އެނޫސްބަޔާނުގައިވެ އެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސްގެ ނައިބް އަދި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޑީއާރުޕީން ފުރަތަމަ ވޯޓް ސިއްރުކުރަން ނުފެންނަ ކަމަށް ވޯޓް ދިނުމަށްފަހު ދެވަނަ ފަހަރަށް އެވޯޓް ނެގިއިރު އެވޯޓް ސިއްރުކުރުމަށް ޑީއާރުޕީން ނިންމި ނިންމުމަކީ ވެސް އެޕާޓީގެ ލީޑާ ޝިޕްގެ ހަރުދަނާ ކަމެއް ނެތްކަން ކަމުގައި ފުރިހަމަ ދަލީލެއް ކަމަށް އެ ނޫސް ބަޔާނުގައިވެ އެވެ. އަދި ޖީއެމްއާރުގެ މައްސަލައިގައި ވެސް ޑީއާރުޕީން އަމަލުކޮށްފައިވާ ގޮތާއި މެދު ފުވައްމުލަކު ގުޅިފައިވާ ކައުންސިލުން ވަނީ ވަރަށް ބޮޑަށް ޕާޓީގެ ލީޑާ ޝިފަށް ފާޑު ކިޔައިފަ އެވެ.

ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބި ފަރާތްތަކުން ޕާޓީގެ ލީޑާޝިޕާ މެދު ވިސްނައި ދެވަނަ ވިސްނުމަކަށް ދިއުމަށާއި ޑީއާރުޕީން ރައްޔިތުންގެ ކިބައިން މައާފަށް އެދި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާ އެކު މަަސައްކަތްކުރާނެ ފަސްބައި ކިލަނބުނޫން ލީޑާ ޝިޕަކަށް ފުރުސަތު ދިނުމަށްފަހު ޕާޓީގެ ލީޑާ ޝިޕުން އިސްތިއުފާ ދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.