އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ދިވެހި ސަރުކަރާއި ހަވާލުކުރަން އިންޑިއާގެ ޖީއެމްއާރު ކުންފުއްޏަށް ދީފައިވާ މުއްދަތު އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12 ޖަހާއިރަށް ހަމަވާއިރު ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ކުރަންޖެހޭނީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) ގެ ބެލުމުގެ ދަށުން ކަމަށް "ގައުމީ ހަރަކާތުން" ބުނެފި އެވެ.

ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން މިދިޔަ އަންގާރަ ދުވަހު ބާތިލްކޮށްފައި ވާއިރު އެ ދުވަހުން ފެށިގަން 7 ދުވަހުގެ ތެރޭގައި އެއާޕޯޓް ދިވެހި ސަރުކާރާ ހަވާލުކޮށް، 30 ދުވަހުގެ ތެރޭގައި ތަކެތި ގެންދިޔުމަށްވަނީ އަންގާފަ އެވެ.

ރައްޔިތުންގެ ގައުމީ ހަރަަކާތުގެ ފަރާތުން ނަލަހިޔާ ހޮޓެލްގައި މިއަދު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ސަރުކާރުން ނިންމާފައި އޮތް ނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭނަމަ އަދުލުވެރި ބަދަލެއް ހޯދަން ދިއުުމުގެ ފުރުސަތު ޖީއެމްއާރަށް ވެސް އޮންނާނެ ކަމަށާއި، އޭގެ ބަދަލުގައި ބަހަނާ ދައްކައިގެން ބާރެއް އޮތް ކަމަށް ހީކޮށް ބާރުގެ ބޭނުންކުރަން އުޅޭނަމަ ރައްޔިތުން އެތަން ބަލަން ނުތިބޭނެ ކަމަށެވެ.

"ދައުލަތުގެ ނިންމުމަށް ޖީއެމްއާރުން ޖެހޭނީ ކިޔަމަންވާން. އެމީހުން ހިތްހަމަ ނުޖެހޭނަމަ އަދުލުވެރި ބަދަލު ހޯދުމުގެ ފުރުސަތު އޮންނާނެ. ބޮޑާހާކައިގެން ނުތިބެ މުއްދަތުގައި ފައިބަން އަވަހަށް ތައްޔާރު ވާންވި،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ހުރިހާ ރަށަކުން ބައިވެރިވާ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ހުކުރު ދުވަހުގެ އެއްވުމަކީ މިހާތަނަށް އެ ހަރަކާތުން ބާއްވާ އެންމެ ބޮޑު އެއްވުމަށް ހަދާނެ ކަމަށެވެ. އަދި ޖީއެމްއާރު ބޭލުމުގެ މަސައްކަތް ފެއިލްވެގެންދާ ތަން ބަލަން އެ އެއްވުމުގެ ބައިވެރިން ނުތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.