ރާއްޖޭގެ ނޮމިނަލް ޖީޑީޕީގެ ނިސްބަތުން މިއަހަރު ނިމޭއިރު ބޮލަކަށް ޖެހޭނެ އާމްދަނީ އަކީ އަހަރަކު 80280 ރުފިޔާ ނުވަތަ 5206 ޑޮލަރު ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕްލޭނިންއިން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 34148 މިލިއަން ރުފިޔާއަށް އަރާ އިރު ބޮލަކަށް ޖެހޭ އާމްދަނީ އަކީ 80280ރ. އެވެ. އެއީ ޑޮލަރުން ނަމަ 5206 ޑޮލަރެވެ. އަދި އަންނަ އަހަރު ބޮލަކަށްޖެހޭނެ އާމްދަނީއަކީ 85954 ރުފިޔާ ނުވަތަ 5574 ޑޮލަރެވެ. ދެހާސްފަސް ވަނަ އަހަރު ބޮލަކަށް ޖެހިފައިވާ އާމްދަނީއަކީ 37519 ރުފިޔާ ކަމަށްވާއިރު ވޭތުވެދިޔަ އަހަރުތަކުގައި އެ އަދަދު ވަނީ އިތުރުވެފަ އެވެ.

އަދި 2015 ވަނަ އަހަރު އަންނަ އިރު ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ 103707 ރުފިޔާގައި ކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ.

ޕްލޭނިން އިން ބުނީ ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީއަކީ ރައްޔިތުންގެ މެދުގައި ގައުމުގެ އާމްދަނީ ބެހިގެންދާގޮތާއި އާމްދަނީގެގޮތުން ރައްޔިތުންގެ މެދުގައިވާ ފަރަގު ހާމަވެގެންދާނެ ހިސާބެއް ނޫންކަމަށެވެ.

އަދި ނޮމިނަލް ޖީޑީޕީގެ މެދު ރާސްތާ އަންދާޒާތަކަށް ބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަން 2013 ވަނަ އަހަރު ނޮމިނަލް ޖީޑީޕީން 11.7 ޕަސެންޓުން 10.4 ޕަސެންޓަށް 2015 ވަނަ އަހަރު އަންނަން ވާއިރަށް ކުރިއަރާނެ އެވެ.

ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރަށް ބަލާއިރު ޑިސެމްބަރު 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ސަބަބުން 2005 ވަނަ އަހަރު ގައުމުގެ އުފެއްދުންތެރިކަން 8.7 ޕަސެންޓް ދަށްވި އެވެ. އަދި 2006 ވަނަ އަހަރުވެސް އުފެއްދުންތެރިކަން 19.6 ޕަސެންޓް ކުރިއަރާފައިވެ އެވެ.

ވިދިވިދިގެން ތިން އަހަރު އުފެއްދުންތެރިކަން ކުރިއެރުމަށްފަހު 2008 ވަނަ އަހަރު ދުނިޔެއަށް ދިމާވި އިގްތިސާދީ ދަތިކަމުގެ ސަބަބުން އެއަސަރު ރާއްޖޭގެ އިގްތިސާދަށް ފޯރައި 2009 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަންވަނީ 3.6 ޕަސެންޓް ދަށްވެގެންގޮސްފަ އެވެ.

އެ ހީނަރުކަމުން އަރައިގަނެ ގައުމުގެ އުފެއްދުންތެރިކަން 2010 ވަނަ އަހަރު 7.1 ޕަސެންޓް އިތުރުވެފައިވާއިރު 2011 ވަނަ އަހަރު ވަނީ 7.0 ޕަސެންޓް ކުރިއަރާފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ލިބިފައިވާ ތަފާސް ހިބާބުތަކުން 2012 ވަނަ އަހަރު އިގްތިސާދީ ދުވެލި ހުންނާނީ 3.4 ޕަސެންޓްގަ އެވެ.

ރާއްޖޭގެ ދެ ވަނަ އިންޑަސްޓްރީ ކަމަށްވާ މަސްވެރިކަމުގެ އުފެއްދުންތެރިކަން ވަނީ 489 މިލިއަން ރުފިޔާއިން 321 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އަދި އެދާއިރާއިން އިގްތިސާދަށްކުރާ ހިއްސާ 2.2 ޕަސެންޓުން 1.8 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. ކުރިއަށްހުރި އަހަރުތަކުގައި މަސްވެރިކަމުގައި އުފެއްދުންތެރިކަން އަންދާޒާކުރެވެނީ ދަށްކޮށެވެ. އެގޮތުން 2013ވަނަ އަހަރު މަސްވެރިކަން ރިއަލް ޖީޑީޕީން 1.3 ޕަސެންޓް ދަށަށް ދާނެކަމަށް ވަނީ ލަފާކުރެވިފަ އެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއަށް ބަލާއިރު 2009 ވަނަ އަހަރު 37.3 ޕަސެންޓް ދަށްވިނަމަވެސް 2010 ވަނަ އަހަރު އެ އަދަދު ވަނީ 9.3 ޕަސެންޓް އިތުރުވެފަ އެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާއިން 2009 ވަނައަހަރު 5.4 ޕަސެންޓް ދަށްވިނަމަވެސް 2010 ވަނައަހަރު ވަނީ 15.8 ޕަސެންޓް އެ ދާއިރާ ކުރިއަރައިފަ އެވެ. އަދި 2011 ވަނަ އަހަރު 9.1 ޕަސެންޓް އިތުރުވެފައިވީނަމަވެސް 2012 ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރެވެނީ 0.7 ޕަސެންޓެ އެވެ.