05 Dec 2012, 14:58
ހިތް (މީގެފަހުން-އާނިސާ) ދެކެމުން ދިއައީ މިއަދުގެ ވަގުތެއްގައި ފެނިއިވުނު ލަވައެއްގެ މަންޒަރު ތަކާއި މެދުގައެވެ. ސިކުނޑި (މީގެފަހުން - މޫސަ) ވިސްނަމުން ގެންދިއައީ ހަމަ އެލަވައިގެ ބައިތުތަކާއި ދޭތެރޭ ގައެވެ. ސަންއެފުއެމް ގެ ޕުރޮގުރާމެއްގައި އައި މިލަވައަކީ އެ ދުވަސްވަރު ވަރަށް މަޝްހޫރުވެ ގިނަވެގެންދިއަ ހިންދީ ލަވައެކެވެ. "ބާހަރުބީ ޕުރޯބެލަމް، އަންދަރުބީ ޕުރޮބެލަމް" އެވެ.
ކުއްލިއަކަށް މޫސަ އާނިސާ ގާތަށް ޖެހިލާފައި ބުނެލިއެވެ.
މޫސަ: ވަރަށް މޮޅު ވިސްނުމެއް އަތުވެއްޖެ. ސާބިތުކޮށްދޭނަން މިވިސްނުމަކީ މިހާރަށް ހަމަ ދެވަނައެއް ނެތްވަރުގެ މޮޅު ގޮތެއްކަން.
އާނިސާ: ބުނެބަލަ. ކިއައިދީބަލަ، މޮޅުކަން އެނގޭނީ ވެސް އޭރުންނެއްނު.
މޫސަ: އެއީ ބުނަން. ވެރިކަމަކާއި ނުލައި އަހަރެމެން އުޅޭގޮތަށް ހަމަޖެއްސުން.
އާނިސާ: (ކަކަކަ އަޅާހީގެންފައި) މޮޔަވެސް ގޮވޭނެ މިހާވަރުވީމަ. ތިޔަގޮވެނީ މޮޔަ. ތިޔައީ ދުވަހަކުވެސް އެއްވެސް ގައުމެއްގައި ކުރިކަމެއްތަ؟ ކުރެވޭނެކަމެއް ތަ؟ ދެކޮޅުޖެއްސޭނެ ތަ؟
މޫސަ: ބަލަ! ދުވަހަކުވެސް ކުރެވޭނީ ފުރަތަމަ އެއްބަޔަކު އަލަށްވެސް ކޮށްގެން. އަހަރެމެން ދުނިޔޭގައި އެއްމެ ފުރަތަމަ މިނިޒާމު ފަށައިގަންނަ ބަޔަކަށް ވެވޭކަން އެއީ ވެސް ލިބޭ އިތުރު މާކުހެއް.
އާނިސާ: ދެން ތިއަހެން ހަދައިފިއްޔާ ހަމައާއި، ލަމައާއި، ގޮތާފޮތާއި، އަދުލާއި، އިންސާފޯ؟
މޫސަ: ތިއައީ މައްސަލައެއް ނޫން. ތިއަ ހުރިހާ ކަމަކީވެސް ހަމަ އަހަރެމެން އަމިއްލައަށް ހިފެހެއްޓީމަ، ބެހެއްޓީމަ، ގެންގުޅުނީމަ ހަމަޖެހޭނެ ކަންކަން. ވެރިން ތިއްބަސް ނެތަސް، ގާނޫނު ހެދިއަސް ނުހެދިއަސް އަހަރެމެން ތިހިރަ ކަންކަމާއި އަޅާނުލައި ދޫކޮށްލައިފިއްޔާ އޮންނާނީ ނެތިފައި. މިހާރު މިއޮތީ ދިމާއަށް ހެކިފެންނަން. ނޫންތަ؟
އާނިސާ: އެކަމަކު!
މޫސަ: އާނ! ތިއަ ގަބޫލުކުރެވުނީ މިވިސްނުން ހަމަ ރަނގަޅުކަން. އެނގޭތަ! އެކަމަކު ގެ މާނައަކީކޮބައި ކަން. އެކަމަކު އެއީ އާއްމުކޮށް ތަހުގީގުގައި، ޝަރީއަތުގައި، މިހާރަކަށް އައިސް ބޭނުން ކުރެވޭލަފުޒެއް. އެގޮތުގައި އެކަމަކު ގެ މާނައަކީ ތިއައޭ ތެދަކީ، ރަނގަޅު ގޮތަކީ، ހަމައަކީ، ވަރިހަމައޭ ތިއައީ ގަބޫލުކުރެވޭ ގޮތެއް، ކަމެއް، ވާހަކައެއް ނޫނޭ.
އާނިސާ: (ވިސްނާލަން މަޑުކޮށްލާފައި) އާނ! ތިއަހެން އެބަވޭ. މޫސާ ބުނަން، މަށަށް ހަމަ ތިއަވިސްނުން ރަނގަޅެކޭ ނުބުނެވޭނެ. ކަމަކު ނުދޭ.
މޫސަ: ހެކިދައްކާ. ސާބިތުކޮށްދީ!
އާނިސާ: އެއީ އޭރުން އޮންނާނީ ކަނޑުގެ ހުކުމެއްނު. ގަދަ އެތި ކާލައިގެން ދާނީ.
މޫސަ: މިހާރު މިއޮންނަނީ؟ ދެކެބަލަ! ދުނިޔޭގައި ކަންކަން ހިނގާގޮތް. ވިސްނާލަބަލަ މިވާގޮތް. ކިހިނެއް މިވަނީ! ގަދަމީހާ، ބާރުހުރިމީހާ، އަޑުގަދަމީހާ ގެ ރުކެއްނޫންތަ ގިނައީ. ތޯރާބޯރާ، ޣައްޒާ، އަފުޣާން، އިރާގު، ފަލަސްތީން، ބޮސްނިއާ، އެތަންތަނަށް އެވީ ކިހިނެއް؟ އެހެދީ ކިހިނެއް؟ އަހަރެމެންގެ މި ގައުމުގަ މިވަނީ ކިހިނެއް؟ ތިއަބުނި ގަދައެތި ކާލަނީ ހަމަ ހުރިހާ ތަނެއްގައި ވެސް. އެހެންވީމަ ތިއަ ނުގުތާވެސް އަދި މިވިސްނުން ރަނގަޅުނޫން ކަމުގެ ހެއްކަކަށް ނުފުދޭ. ވޭތަ؟ ބުނެބަލަ!
އާނިސާ: އެއްމެރަނގަޅު، ދެން ވެރިއަކު ނެތި ކިހިނެއް ހިންގާނީ؟ ގައުމުގެ ކަންކަން ކުރާނީ؟ މިސާލަކަށް ބޭރުން އަންނަ އުޅަނދުފަހަރު ގެ ކަންކަން؟
މޫސަ: އުޅަނދުފަހަރު މިހާރުވެސް އަންނަނީ ކޮންމެވެސް އެޖެންޓަކާއި ގުޅިގެން. އެހެންވީމަ އެމައްސަލައެއް ވެސް ނޯންނާނެ. އޭރުންވެސް ހަމަ އެ އެޖެންޓު ހުންނާނެ އެކަން ހަމަޖައްސަން. ދެނޯ؟
އާނިސާ: ސަލާމަތީ ކަންކަމޯ؟
މޫސަ: ކޮންކަންކަމެއް! ވައްކަން/ އެމީހެއްގެ އަމިއްލަ މުދާ ސަލާމަތްކުރާނެ އެމީހަކު މިހާރަށްވުރެ މާބޮޑަށް. ކަނޑުމަތީ ގެ މަސައްކަތުގައި އުޅޭނެ ބަޔަކު ނުކުންނާނެ ކުންފުނިހަދައިގެން. ބުނެބަލަ! މިގޮތަށް ނުކުރެވޭނެ އެއް ކަމެއްވެސް. ދެންއޮތީ ބާރުހުރި ބަޔަކު ގައުމުހިފަން އައުން. މިހާރު ވެސް މިހުރި ބާރަށް ވުރެ ގަދަކޮށް އަތުވެއްޖިއްޔާ ހަމަ އެއްތާކުޖެހޭނީ. އެހެއްނު؟ އަޅެ އާނިސާ ބުނެބަލަ ހަމަނުޖެހޭނެ ކަމެއް؟
އާނިސާ: ތިޔަހެންވެސް އެބަވޭ. ކަންކަން ކުރާނެމީހުން، ބައިގަނޑުގަނޑު އުފެދޭނެ އެކަމަކަށް ބޭނުން ޖެހުނީމަ. އެކަމަކު ހަމަ ބޮލަކަށް ފަސޭހައެއްނުވޭ ތިގޮތް ގަބޫލު ކުރާކަށް.
މޫސަ: ނުވާނެ. ވަރަށް އުނދަގޫވާނެ ފުރަތަމަ. އެއީ އަހަރެމެން އެކަންޏެއްނޫން، މުޅިދުނިޔެވެސް މިއޮތީ މިގޮތަށް ހޭނި ކުރަލާފަ. އެއީ ބޯރަނގަޅު ބަޔަކު ފޮނިކޮޅުބޯން މިގޮތް މިއޮތީ ފަތުރާފަ. ވިސްނާލާ! އިންސާނީ ހަމަތަކަކާއި އުސޫލުތަކަކާއި ގަވައިދު ތަކެއް މިއޮންނަނީ އަމިއްލައަށް ހެދިފަ. އެމީހަކު އެމީހެއްގެ ވެށީގަ އުޅެން. އިމުންބޭރަށް ދަންޏާ މައްސަލަ ޖެހޭކަން ނޭނގޭ އެކަކުވެސް އަމަށުންހުރި މީހަކު ނުހުންނާނެ. ވީއިރު މިގޮތަށް އެކަކު އަނެކަކާއި ހަސަދަލައި ދެކޮޅުވެރިވެ ދުޝްމިނުވެގެން ދުވަސް ދުއްވާލަން ތައްޔާރު ވެގެން ތިބެން މަޖުބޫރުކުރުވާ ނިޒާމަކަށްވުރެ އަމިއްލަ އަމިއްލައަށް ހަމަޖެހިލައިގެން އުޅެން ފަރިތަކުރީމާ ހަމަޔަގީން ދެގުނަ ކީއްކުރަން ވިހިގުނަ ރަނގަޅުވާނެކަން.
އާނިސާ: އެބައޮތޭ އަދި ކަމެއް. އިސްލާމީ ޝަރީޢަތް. ކިހިނެއްހަދާނީ ތިބުނާގޮތަށް ވެރިއަކު ނެތި ހިންގަންޏާ؟
މޫސަ: ތިޔައީ ވެސް މައްސަލައެއް ނޫން. އަހަރެމެންނަކީ މުސްލިމުން ކަމުގައި ވާއިރު އެކަމުގައި ޝަރީޢަތް ކުރާވަރުގެ، ކުރެވޭވަރުގެ ބަޔަކު ތިބޭނެ. އަބަދުވެސް ތިބޭނެ. އެގޮތަށް ވެރިޔަކު ނުވަތަ ވެރިކަމެއް ނެތި އުޅެން އެއްމެންގަބޫލު ކުރާއިރު އެކަން އޮންނާނީ އެފަދަ ބަޔަކު ޝަރީއަތް ކުރާގޮތަށް ގަބޫލު ކުރެވިފަ. ދެން އޮންނާނެ މައްސަލައަކީ ކުށްވެރިން ގަދަހެދުމާއި ނުކިޔަމަންތެރިވުން. އެކަންވެސް ކުރާނެ ކުންފުނި ތައް އުފެދޭނެ. ވަރުގަދަ ގަދަފަދަ މީހުން ލައިގެން ހިންގާނީ. އެމީހުންނަށް ފައިސާދީފަ ބުނީމާ ކުށްވެރިވާ މީހާ ގެނެސް ގެންގޮސްދީ ހައްޔަރުކޮށް ހަދާނެ.
އާނިސާ: ދެން މޫސަ ތިޔަބުނަނީ ދުނިޔޭގައި މިތިބަ ހަމައެކަކަށްވެސް ތިޔަހާ ރަނގަޅު ގޮތެއް އޮތްއިރު އެވިސްނުން ހަމަ ނާންނަނީއޭ ތަ؟
މޫސަ: ނާންނަނީ އެއްނޫން. އެތަންތަނަށް ބޭނުން ނުޖެހޭތީ އާއިއެކު އެވަރަށް ނުވިސްނަނީ. އަހަރެމެން ނަކީ ވަރަށް ތަފާތު، ހަމަ މުޅިން ތަފާތު، ދުނިޔޭގައި އަހަރެމެންނޫނީ މިކަހަލަ ބަޔަކު ނެތްބައެކޭ ބުނިއްޔާ އަޅެ ގަބޫލުކުރާނަންތަ؟ ކުރަންޖެހޭނީ. ކުޑަކުޑަ ގައުމެއް. އިންތިހާއަށް މުއްސަނދި ކަން. ސިކުނޑިތަކުގައި އެހާވަރެއް ނެތް. ކުލަމަޖާ ގަނޑަށް ހެއްލޭ. ކަޅުކަމާހެދި އެކަނިތިބެ ހިތާމަކުރޭ. އެއްބަސްވާނަންތަ؟
އާނިސާ: (ހީލާފައި) އާނ ނުވެ ކީއްކުރާނީ. ތެދަކީ ތިޔައީ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިއަސްދޯ!
މޫސަ: އާނ މިއީ ތެދަކީ. މިއީ ސަބަބަކީ މިގޮތަށް ބަދަލުކޮށްލުން ރަނގަޅުވާ. އަނެއްކާ ކޮންފަދަމަޝްހޫރުކަމެއް ލިބޭނެ. ދުނިޔޭގައި އުފެދުނު އެއްމެ ފުރަތަމަ ވެރިކަންނެތި ދިރިއުޅޭ އިންސާނީ ގައުމު. އަހަރެމެންގެ މި ދިވެހިރާއްޖެ. ހަހަހައިއިއިއިން..
އާނިސާ: މޫސަ ކިހިނެއްތަ ތިކަހަލަ މޮޅެތި ވިސްނުން ތިޔަ ނެރެނީ.
މޫސަ: ނެރެނީކީ ނޫން. ނުކުންނަނީ. ބުނަން އާނިސާވެސް ތަށިމަތީއިނދެ މިކަހަލަ ކަން ކަމާމެދުވިސްނަން ފަށާބަލަ. ވިސްނޭނެ. އަންނާނެ މިކަހަލަ މޮޅު ފިކުރު. މިއީ ތަށިމަތީ ފިކުރު.