ރާއްޖެ އަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމާއި އެ ފައިސާ މެނޭޖް ކުރުމަށް ހައުސިން ފަންޑެއް ގާއިމުކުރާ ގޮތަށް ހަމަޖައްސައި އެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ ނިއުޔޯކުގައި ހުންނަވައިގެން ސަންއެފްއެމް އޮންލައިނަށް މިއަދު އިންޓަވިއު ދެއްވަމުން އަސަލަމް ވިދާޅުވީ ހައުސިން ފަންޑު އެކުވަލައިލައި ފައިސާ ޖަމާކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ހަމަޖެހޭ އުސޫލުތަކާ އެއްގޮތަށް އަންނަ އަހަރުގެ ތެރޭގައި ފަންޑުގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.


މިނިސްޓަރު ވިދާޅުވީ ހައުސިން ފަންޑަށް ފައިސާ ހޯދުމުގެ މެކޭނިޒަމް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް ރާވާނެ ކަމަށާއި ފަންޑު ގާއިމު ކުރުމުގެ ގާނޫނީ އުސޫލުތައް ހަމަޖައްސާނީ ގާނޫނެއްގެ ތެރެއިން ކަމަށްވާތީ އެފަދަ ބިލެއް ފަރުމާ ކުރުމަށް މިހާރު އިއުލާނުކޮށްފައިވާނެ ކަމަށެވެ.


ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނަނީ ރާއްޖެ އަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މިހާރު ކުރިޔަށްދާ ހައުސިން މަޝްރޫއުތަކާ ގުޅޭ ތަފާތު ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށާއި ފައިސާ މެނޭޖް ކުރުމަށް ގާއިމުކުރާ ހައުސިން ފަންޑު ހިންގަން ސަރުކާރުން ވިސްނާފައި ވަނީ ގާނޫނެއްގެ ތެރެއިން ކަމަށާއި އެފަދަ ގާނޫނެއްގެ ބިލެއް ޑްރާފްޓް ކުރުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.


އަސްލަމް ވިދާޅިވީ ހައުސިން ފަންޑުގެ ގާނޫނެއް ގެނައުމަށް އެކުލަވައިލާ ބިލުގެ ޑްރާފްޓް ކުރާ އިރު ވެސް އަދި މަޖިލީހަށް ފޮނުވާ އިރު ވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރްޕީގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.


"ގާނޫނެއްގެ ތެރެއިން އަންނަ ކަމެއްވީމާ މަޖިލީހުގެ ތެރެއިން ޑީއާރްޕީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ، އެހެންވީމާ މިކަމާ ގުޅޭ ގޮތުން އެޕާޓީއާ އެކު ސަރުކާރުން މަޝްވަރާ ކުރާނެ،"  މިނިސްޓަރު ވިދާޅުވި އެވެ.