ޕާކިސްތާން 1-0 އިން ބަލިކޮށް މަހިންދަ ރާޖްޕަކްސާ ޗެލެންޖް ޓްރޮފީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ހިނގައްޖެ އެވެ.

ސްރީލަންކާގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތުގެ މިއަދުގެ މެޗުގައި ދެ ގައުމަށް ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ އީގަލްސްގެ ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ ލިބުނު ޕެނަލްޓީއެއް ފުރަތަމަ ހާފުގައި ބޭކާރުކޮށްލައިފަ އެވެ. މީގެ އިތުރުން އަސަދުﷲ އަބުދުﷲ ކީޕަރު ކަޓުވާފައި ޖެހި ބޯޅަ ރޮނގުމަތިން ޕާކިސްތާން ކުޅުންތެރިން ދިފާއު ކުރި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ 3-0 އިން ބަލިކުރި ރާއްޖެ ގްރޫޕުގެ ފަހު މެޗުގަިއ މާދަމާ ނޫން އަނެއް ދުވަހު ކުޅޭނީ ބަނގްލަދޭޝްއާ އެވެ.

ހަތަރު ގައުމު ވާދަ ކުރާ މި މުބާރާތުގެ ފައިނަލަށްދާނީ ހަތަރު ގައުމު ލީގު އުސޫލުން ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތުގައި މިއަދު ހަވީރު މުބާރާތް ބާއްވާ ގައުމު ލަންކާ އާއި ބަނގްލަދޭޝް ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ލަންކާ އެވެ.