މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ ފަސް ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ރޭ ކުޅުނު އޯޕަން އިވެންޓްތަކުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން އަލީ ޝަރުމީލް (ބ. ގޮއިދޫ) ހޯދައިފި އެވެ. ޝަރުމީލު އެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ސީދާ ދެ ސެޓުން ސައުދުﷲ އިބްރާހިމް (ޏ. ފުވައްމުލައް) ބަލިކުރުމަށް ފަހު އެވެ.

ރޭ ކުޅުނު އަތޮޅު ލީގު އަންހެން ޑަބަލްސް ފައިނަލްގައި އާސިމާ މުހައްމަދު އަދި އައިޝަތު މުހައްމަދު (އައްޑޫސިޓީ) އާއި ހައްވާ ރާމިޒާ އަދި ޝީޒާ ފަރުހާން (އައްޑޫސިޓީ) ބައްދަލުކުރި މެޗް ދެސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އާސިމާ މުހައްމަދު އާއި އައިޝަތު މުހައްމަދު އެވެ.

އެ މުބާރަތުގައި ރޭ ކުޅުނު އަތޮޅު ލީގު މިކްސް ޑަބަލްސް ފައިނަލް މެޗުގައި ޝީޒާ ފަރުހާން އަދި އަހުމަދު މުނީޒް (އައްޑޫސިޓީ) އާއި ރަޝީދާ ހަލީލް އަދި އިބްރާހިމް މުހައްމަދު (އައްޑޫ ސިޓީ) ބައްދަލުކުރި މެޗް ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ޝީޒާ ފަރުހާން އާއި އަހުމަދު މުނީޒް އެވެ.

މިއަދު ހަވީރު އަތޮޅު ލީގު ފިރިހެން ޑަބަލްސް ފައިނަލް މެޗް ކުޅެވޭނެ އެވެ. ފައިނަލްގައި ވާދަ ކުރާނީ އަބްދުލްމަތީން އަހުމަދު އަދި ހުސެއިން މުހައްމަދު (ބ. އޭދަފުށި) އާއި އިބްރާހިމް މުހައްމަދު އަދި އިބްރާހިމް ނަޝީދު (އައްޑޫސިޓީ) އެވެ.