މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ދައުލަތުގެ ބަޖެޓުން "އެކަށީގެންވާ ވަރަށް" ބަޖެޓް ކަނޑައަޅާފައި ނުވުމުން އަންނަ އަހަރު މީޑިއާ ޒިންމާދާރު ކުރުވުމަށް ހުރަސް އެޅޭނެ ކަމަށާއި މީޑިއާތަކާ މެދު ފާރަވެރިވާނެ ނިޒާމެއް ނެތުމުން އަހަރުގެ ރިޔާސީ އިންތިހާބުގައި މީޑިއާ އިން އަމަލު ކުރާނެ ގޮތަކާ މެދު ކަންބޮޑުވާ ކަމަށް އެ ދެ މުއައްސަސާއިން ބުނެފި އެވެ.

އަންނަ އަހަރު މީޑިއާ ކައުންސިލް ހިންގުމަށް ހަރަދުވާނެ ކަމަށް ލަފާކޮށް، ފިނޭންސް މިނިސްޓީއަށް ފޮނުވި 12.5 މިލިއަން ރުފިޔާގެ ބަޖެޓްގެ އެ މިނިސްޓްރީން ވަނީ 31 ޕަސެންޓަށް ބަޖެޓް ކުޑަކޮށްފަ އެވެ. އެއީ 3.9 މިލިއަން ރުފިޔާ އެވެ.

ބްރޯޑްކާސްޓިން މީޑިއާތައް ޒިންމާދާރު ކުރުވުމަށް އޮތް ބްރޯޑްކާސްޓިން ކޮމިޝަންގެ ހިންގުމަށް 20.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ހުށަހެޅުމުން ފިނޭންސުން ވަނީ އެ ބަޖެޓް 50 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އެއީ 10 މިލިއަން ރުފިޔާ އަށެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީ އަށް މިއަދު ވަނީ މީޑީއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކޮށްފަ އެވެ. އަދި އެ ދެ މުއައްސަސާ އިން ވެސް ވަނީ ބަޖެޓް ކުޑަކަމުގެ ޝަކުވާ އުފުލައިފަ އެވެ.

މީޑިއާ ކައުންސިލްގެ އިސް ބޭފުޅުން ބަޖެޓް ކޮމެޓީ އަށް ހާޒިރު ކުރުމުން އެ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލު ވިދާޅުވީ ފިނޭންސުން މިހާރު ކުޑަކުރި ބަޖެޓުން އަންނަ އަހަރު އެ ކައުންސިލް ނުހިންގޭނެ ކަމަށެވެ. އަދި އެ ފައިސާ އިން ކުރެވޭނެ ކަމަކީ "އޮފީސް ހުޅުވާފައި އޮފީސް ލެއްޕުން" ކަމަށެވެ. އޮފީސް ހިންގުމުގެ ހަރަދަށް ވެސް އެ ފައިސާ "ނުކަތާނެ" ކަމަށާއި މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ދެވޭނެ ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ހަލީލު ވިދާޅުވި އެވެ. އަދި އެ ކައުންސިލް މިނިވަންކަމާ އެކު ހިންގުމަށް ގާނޫނުން ދީފައިވާ ބާރުތަކާ އެއްގޮތަށް ކައުންސިލް ހިންގުމަށް ހުރަސްއެޅޭނެ ކަމަށް ހަލީލު ވިދާޅުވި އެވެ.

މީޑިހާގެ ހުރިހާ އިދާރާތަކަކާ މެދު ފާރަވެރިވުމަށް 15 މެންބަރުންގެ މައްޗަށް އެކުވެލޭ ގޮތަށް ގާނޫނަކުން އުފައްދާފައިވާ މީޑިއާ ކައުންސިލަށް ބަޖެޓް އެކަށީގެންވާވަރަށް ނުދީ، އެ ކައުންސިލްގެ ހިންގުމަށް ހުރަސްއެޅުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށް އިޝާރާތްކޮށް ހާލީލު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

މީޑިއާ ކައުންސިލަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަންތައްތައް ކުރެވޭނީ އެ ކައުންސިލުން ފިނޭންސަށް ހުށަހެޅި 12.5 މިލިއަން ރުފިޔާގެ ދެ ބައިކުޅަ އެއްބައި މަޖިލީހުން ފާސްކޮށްގެން ކަމަށް ހަލީލު ވިދާޅުވި އެވެ.

"އެންމެ ބޮޑަށް މިކަހަލަ ކަންތައްތަކެއް ފެނިގެންދާނީ ހުދުމުހުތާރު ތަންތަނުގައި[އެއީ އެކަށީގެންވާ ވަރަށް ބަޖެޓެއް ނުދީ].. މަޖިލީހުގެ މެންބަރުން އެބަ ވިދާޅުވޭ، ޒިންމާދާރުކަމާ އެކު މީޑިއާ ހިންގޭނީ ގާބިލް ހުނަރުވެރި ބަޔަކު މިދާއީރާ އަށް ނެރެވިގެންނޭ. ކިހިނެއްތޯ ނެރޭނީ މިއޮތީ ބަޖެޓް އޮތް ގޮތް! މިއޮތް ގޮތުން އަޅުގަނޑުމެން މިކަން ކުރާނީ ކިހިނެއްތޯ،" މެންބަރުންނަށް މުހާތަބު ކުރައްވައި ހަލީލު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓިން ސްޓޭޝަންތަކުން ބްރޯޑްކާސްޓް ކުރާ ޕްރޮގްރާމްތައް މޮނީޓާ ކުރެވޭނެ ސިސްޓަމެއް [ޓީވީތަކާއި ރޭޑިއޯތަކުން ބްރޯޑްކާސްޓްކުރާ ހުރިހާ އެއްޗެއް ރެކޯޑް ކުރެވޭ ނިޒާމެއް] ގާއިމް ކުރުމަށް މިދިޔަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތް ހުއްޓާލަން މަޖުބޫރުވީ ބަޖެޓް ނެތުމުން ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި މޮނީޓަރިން ސިސްޓަމެއް ގާއިމް ކުރުމަށް ކަނޑައެޅި 1.5 މިލިއަން ރުފިޔާ ފިނޭންސުން އުނިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސިސްޓަމް ގާއިމް ނުކުރެވިއްޖެ ނަމަ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް މީޑިއާތަކުން ފޮނުވާ އެކި ކޮންޓެންޓުތައް ރިކޯޑްކޮށް ބެލޭނެ ނިޒާމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީޑިއާއަކާ މެދު ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅު އެޅުމަށް އޮތް ހުރަހަކަށް އެކަން ވެދާނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މިހާރު ކަނޑައަޅާފައިވާ 10 މިލިއަން ރުފިޔާހެ ބަޖެޓަށް 2.5 މިލިއަން ރުފިޔާ އިތުރު ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެދިފަ އެވެ. އަދި މީޑިއާ ކައުންސިލުން ފިނޭންސުން ކަނޑައެޅި 3.9 މިލިއަން ރުފިޔާގެ ބަޖެޓަށް 1.6 މިލިއަން ރުފިޔާ އިތުރުކޮށް ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.

ކޮމެޓީގެ މުގައްރިރަކަށް އިންނެވި، ވޭތުވެދިޔަ ތިން އަހަރުވެސް ދައުލަތުގެ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ އިތުރު ކުރުމަށް ހުށަހެޅި ފައިސާ ހަރަދު ކުރާނެ ޕްރޮގްރާމްތަކުގެ ތަފްސީމް މާދަމާ މެންދަރު 12:00ގެ ކުރިން މަޖިލީހަށް ހުށަހެޅުމަށާއި ކޮމެޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އެ ކަމުގައި ގޮތެއް ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.