05 Dec 2012, 14:09
މާލޭ ކުޅިވަރު އެކުވެނީގައި ރޭ ކުޅުނު ގައުމީ ބެޑްމިންޓަން މުބާރާތުގެ އޯޕަން އިވެންޓުގެ ފުރަތަމަ ޑިވިޒަން އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތު އަފްނާން ހޯދައިފި އެވެ. ފައިނަލް މެޗުގައި ޝަހުރުނާޒް އާ ބައްދަލުކޮށް އަފްނާން މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުން ނެވެ.
ތިރީސް ނުވަ ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޜަން އަންހެން ޑަބަލްސް ފައިނަލް މެޗުގައި އައިޝަތު އަފްނާން އަދި އާމިނަތު ޝަހުރުނާޒް އާއި އާމިނަތު ނަސީމާ އަދި ރާބިއާ ނައީމް ބައްދަލުކުރި މެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އަފްނާން އާއި ޝަހުރުނާޒް އެވެ.
މި މުބާރާތުގެ ދެ ވަނަ ޑިވިޒަން ފިރިހެން ސިންގަލްސް ފައިނަލްގައި އިސްމާއިލް ޒުހުރީ އާއި އާސިފް އާދަމް މަނިކް ބައްދަލުކުރި މެޗް ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އާސިފް އާދަމް މަނިކް އެވެ.
މިއަދު ހަވީރު ކުޅޭ ފުރަތަމަ ޑިވިޒަން ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި ވާދަ ކުރާނީ ޒަޔާން ޒަކީ އާއި މުހައްމަދު ނަޝްފާން އެވެ. އަދި މި ޑިވިޒަންގެ ފިރިހެން ޑަބަލްސް ފައިނަލް މެޗުގައި ބައްދަލު ކުރާނީ މުހައްމަދު ނަޝްފާން އަދި ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއު އަދި އިޝްފާން މުހައްމަދު އެވެ.
ފުރަތަމަ ޑިވިޒަން މިކްސް ޑަބަލްސް ފައިނަލް މެޗުގައި ޒަޔާން ޒަކީ އަދި އާމިނަތު ޝަހުރުނާޒް އާއި މުހައްމަދު އަޖުފާން އަދި އާއިޝަތު އަފްފާން ވާދަ ކުރާ އިރު ދެވަނަ ޑިވިޒަން ފިރިހެން ޑަބަލްސް ފައިނަލް ގައި ކުޅޭނީ އާސިފް އާދަމް މަނިކު އަދި އިބްރާހިމް ޝަރީފް އާއި އަހުމަދު ޝަރީފް އަލީ އަދި ހަސަން މުހައްމަދު އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި މިއަދު ހަވީރު ކުރިއަށް ގެންދާ ފައިނަލް މެޗްތައް ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.