ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގަނޫނީގޮތުން ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ހަތަރު ފަޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވެފައިވަނީ އުއްތަމަ ފަޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި އަބްދުﷲ އަރީފާއި އަދި އަހުމަދު މުއުތަސިމް އަދުނާން އެވެ.

ހަތަރު ފަޑިޔާރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނަނީ ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ ބައެއްކަމަށް ވިޔަސް، ހުޅުމާލެއަކީ މާލޭގެ ޖުޑީޝިއަލް ދާއިރާގައި ހިމެނޭ މީހުން ދިރިއުޅޭ ވަކިރަށެއް ކަމުގައި ވާތީ އާއި މާލޭގައި ގާއިމްވެފައިވާ ސްޕީރިއާ ކޯޓުތަކުގެ ބްރާންޗްތައް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ހުޅުމާލޭގައި ގާއިމްވެފައި ނުވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަޑިޔާރުންގެ ތެރެއިން އެ ހުކުމަށް އިއްތިފާގުވި ހަތަރު ފަޑިޔާރުންނަކީ އަބްދުﷲ ސައީދާއި އަލީ ހަމީދު މުހަންމަދާއި އާދަމް މުހަންމަދު އަބްދުﷲ އަދި ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ރައުޔު ތަފާތުވި ފަނޑިޔާރުންކަމަށްވާ މޫތަސިމާއި އަރީފާއި އުއްތަމަ ފަނޑިޔާރު ފާއިޒުގެ ރައުޔުގައި ޖުމްލަގޮތެއްގައި ފާހަގަކޮށްފައި ވަނީ އެއް ނުކުތާތަކެކެވެ. ނަމަވެސް މުއުތަސިމްގެ ރައުޔުގައި އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗް ކަނޑައެޅުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެން ނުވާކަމަށް ފާހަގަކޮށްފައި ވެއެވެ.

އޭނާގެ ރައުޔުގައި ވާގޮތުން ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއް ބައްލަވާ ފަނޑިޔާރުންގެ ބެންޗު ކަނޑައެޅުމަކީ ހަމައެކަނި އެ ކޯޓަކަށް ލިބިގެންވާ ބާރެކެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގެ 63 ވަނަ މާއްދާގައި ހަތަރު ސުޕީރިއާ ކޯޓު ގާއިމްވެފައިވާ މާލެއާއި އަދި ސުޕީރިއާ ކޯޓެއްގެ ގޮތްޕެއް ގާއިމް ކުރެވިފައިވާ ރަށްތައް ފިޔަވައި ކޮންމެ ރަށެެއްގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ކުރެވޭނެ ކަމަށް ބުނެފައިވާތީ، ހުޅުމާލެއަކީ މާލޭގެ ބައެއްކަމަށް ވާތީ ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަން ނުޖެހޭނެ ކަމަށް ރައުޔު ތަފާތުވި ފަނޑިޔާރުންކަމަށްވާ މޫތަސިމާއި އަރީފާއި އުއްތަމަ ފަނޑިޔާރު ފާއިޒުގެ ރައުޔުގައި ވެއެވެ.