05 Dec 2012, 13:11
އިންޑިއާއިން ޓޫރިސްޓް ވިސާ ދިނުމުގައި ގެންގުޅޭ ގަވާއިދު ހަތް ގައުމެއް ފިޔަވައި އެހެން ހުރިހާ ގައުމަކަށް އެގައުމުން ފަސޭހަކޮށްދީފި އެވެ.
ޓޫރިސްޓް ވިސާގައި އިންޑިއާއަށް އެއް ފަހަރު ދަތުރުކުރުމަށް ފަހު ދެމަސް ދުވަސް ނުވަނީސް އަލުން ވިސާ ނުދޭގޮތަށް އޮތް ގަވާއިދު އެގައުމުން އުވާލާފައި ވަނީ ޗައިނާ އާއި ޕާކިސްތާނާއި ބަންގްލަދޭޝްއާއި އަފްޣާނިސްތާނާއި އީރާނާއި އިރާގު އަދި ސޫދާން ފިޔަވާ އެހެން ގައުމުތަކުގެ ރައްޔިތުންނަށެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ސަރުކާރުން ގަވާއިދު ރިވިއު ކުރުމުން ވިސާ ދޫކުރުމުގައި ގެންގުޅޭ ދެމަސްދުވަހުގެ ހިފެހެއްޓުން އެ ހަތް ގައުމު ފިޔަވާ އެހެން ގައުމުތަކަށް އުވާލުމަށް ނިންމާފައިވާ" ކަމަށެވެ.
އަދި ބުނެފައި ވަނީ އެކަމަކީ މިއަހަރުގެ ކުރީކޮޅު ބޮޑުވަޒީރުގެ އޮފީހުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ޓޫރިސްޓް ވިސާގައި އެއް ފަހަރު އިންޑިއާއަށް ދަތުރުކުރުމަށް ފަހު އަލުން ވިސާ ހޯދުމަށް ދެ މަސްދުވަހު މަޑުކުރަން ޖެހޭތީ އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ދަތިތަކާ ކުރިމަތި ވަމުން ދަނިކޮށް، އެގައުމުން އެކަން ލުއިކޮށް ނުދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނެ އެވެ.