އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެއާޕޯޓާ ހަވާލުވުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ޖީއެމްއާރުގެ ފަރާތުން އެއާޕޯޓްގައި ހުންނަވައި ސީއީއޯ، އެންޑްރޫ ހެރިސަންއާ އެކްޓިން ޓްރާންސް ޕޯޓް މިނިސްޓަރުގެ މަގާމުގައި ފުރުއްވާ، ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

ނާޒިމް މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ސަރުކާރުން އެއާޕޯޓާ ހަވާލުވުމަށް ނިންމާފައިވާތީ އެ މަސައްކަތްތަކާ ގުޅޭ ގޮތުން އެންޑްރޫ އިއްޔެ ބައްދަލު ކުރައްވާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި އެންޑްރޫގެ އިތުރުން އެމްއޭސީއެލްގެ ސްޓާފުންނާވެސް އިއްޔެ ބައްދަލުކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އެންޑްރޫއާވެސް މަޝްވަރާކުރިން އިއްޔެ. އަދި އެމްއޭސީއެލްގެ ސްޓާފުންނާވެސް. އެއާޕޯޓާ ހަވާލުވުމުގައި ކުރަން ޖެހޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރިން،" ނަާޒިމް ވިދާޅުވި އެވެ. އެ ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވި އެވެ.

ނާޒިމް ވިދާޅުވީ ކުރިންވެސް ހަމަޖެހިފައި އޮތްގޮތަށް އަންނަ ހޮނިހިރު ދުވަހު އެމްއޭސީއެލްއިން އެއާޕޯޓާ ހަވާލުވާނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެމްއޭސީއެލް އޮތީ އެއާޕޯޓާ ހަވާލުވުމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވި އެވެ.

"އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދަނީ. އިރާދަކުރެއްވިއްޔާ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެއާޕޯޓް ހިންގާނީ އެމްއޭސީއެލްއިން،" ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން ޖީއެމްއާރާ އެކުވެފައިވާ އެގްރިމަންޓް ބާތިލް ކުރުމަށް ފަހު އެއާޕޯޓް އެމްއޭސީއެލްއަ ހަވާލުކުރުމަށް ދީފައިވަނީ ހަތްދުވަހުގެ މުއްދަތެކެވެ. އަދި ތަކެތި ގެންގޮސް ނިންނަމަން 30 ދުވަސްވަނީ ދީފަ އެވެ. ނަމަވެސް ޖީއެމްއާރުން ބުނެފައިވަނީ ސަރުކާރުގެ ނޯޓިސްއަކީ ބާތިލް ނޯޓިއެއް ކަމަށާއި އެގޮތަށް އަމަލުނުކުރާނެ ކަމަށެވެ. އެ މައްސަލައިގައި ޖީއެމްއާރުން ސިންގަޕޫރުގެ ހައިކޯޓަށް ދިއުމުން އާބިޓްރޭޝަން ނިމެންދެން އެއްބަސްވުމުގައި ހުރި ކަންތައްތައް ކުރުމަށް ހުރަސް ނޭޅުމުގެ އަމުރެއް އެ ކޯޓުން ވަނީ ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ މައްޗަށް ނެރެފަ އެވެ.

އެ އަމުރާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެއާޕޯޓާއި އެމްއޭސީއެލް ހަވާލުވުމަށް ހުރަސްއަޅާ އެއްވެސް އަމުރެއް ނެތް ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް އެމްއޭސީއެލްގެ ހިންގުމުގެ ދަށަށް އެއާޕޯޓް ގެންނާނެ ކަމަށެވެ. އަދި ސަރުކާރުން ނިންމާފައިވަނީ ޖީއެމްއާރު މުވައްޒަފުންގެ ވޯކް ޕާމިޓް ތަކާއި އެއާޕޯޓް ހިންގުމުގެ ހުއްދަ މިހާރު ދީފައިވާ ހަތްދުވަހުގެ ފަހުން ބާތިލް ކުރަން ނިންމައިފަ އެވެ.