އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ބައެއް ކަން ކަމަށް ފައިސާ ޖަހާފައިވަނީ "މަކަރާއި ހިލާތްތެރި ގޮތަކަށް" ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް) ބަޖެޓަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަންކަމަށް ބުނެ އެކަން ނުކުރެވޭ ވަރުގެ ކުޑަ އަދަދުތައް ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

"އަނެއްކާ ބަޖެޓްގައި ފައިސާ ޖަހާފައި އޮތް ގޮތަށް ބަލާއިރު ބިން ހިއްކަން އޮވެދާނެ އެއް މިލިއަންރުފިޔާ. ކިހިނެތްތޯ ތަނެއްގެ ބިން އެއް މިލިއަން ރުފިޔާއިން ހިއްކާނީ. މި ކަހަލަ ހީލަތްތެރި މަކަރުވެރި ގޮތަކަށް އަދަދުތައް ޖަހައިގެން ނުވާނެ،" ސަލީމް ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ ރަށްތަކަށް ކުރަން ހަމަ ޖައްސާފައިވާ ބައެއް ކަން ބަޖެޓްގައި ހިމަނާފައިނުވާ ކަމަށްވެސް ސަލީމް ވަނި ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ބ.އަތޮޅު މާޅޮހަށް ބަޖެޓްގައި ކަންކަން ހިމަނާފައިނުވާ ކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ މާޅޮހުގައި ނަރުދަމާގެ ނިޒާމް ގާއިމު ކުރަން ބަޖެޓްގައި ހިނަނާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާ ކަމަށެވެ.

"މާޅޮހުހަށް މިއިން ބަޖެޓުން އެއްވެސް ކަމެއް ނުފެނުނު. އެކަމަކު ނަރުދަމާގެ ނިޒާމް ހިމަނާނެ ކަމަށް ސަރުކާރުން އޭރު އޮތީ ބުނެފައި. އެހެން ނަމަވެސް މި ބަޖެޓަކުން އަޅުގަނޑަކަށް ނުފެނުނު. ދެން އަޅުގަނޑަކަށް ނޭނގެ. ބަނޑޭރިގަނޑެއް އަދި އަޅުގަނޑު ނުބަލަން ބަނޑޭރި ގަނޑުގައި ކަންނޭނގެ ތިއިން އެއްޗެއް އޮތަސް އޮންނާނީ،" ސަލީމް ވިދާޅުވި އެވެ.

ބަޖެޓްގައި ރިކަރަންޓް ހަރަދު ބޮޑުކޮށްފައިވަނީ ކޮރަޕްޝަނަށް އަމަލުތައް ބާރަށް ހިނގާނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑު މެނަށް އިނގޭނެ މިދިޔަ އަހަރުވެސް ޑިޒާސްޓާ މެނޭޖްމަންޓުންވެސް 52 މިލިއަން ރުފިޔާވެސް ވަގަށް ނަގާފައިވަނީވެސް ހަމަ ރިކަރަންޓް ހަރަދުގެ ތެރެއިން. ކެޕިޓަލް ހަރަދުގެ ނަމުގައި ރިކަރަންޓް ފައިސާގެ ތެރެއިން ނަގަމުން މި ދަނީ،" ސަލީމް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ރިކަރަންޓް ހަރަދު ބޮޑު ވުމުގެ ސަބަބުން ކޮރަޕްޝަން އަމަލުތައް ހިންގުމަށް މަގުފަހިވެގެންދާނެކަން ފާހަގަ ކުރައްމުން ސަލީމް ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނަރަލް މި ކަމަށް ތައްޔާރުވެ ތިބިތޯ ސުވާލު އުފައްދަވައިފަ އެވެ.

މީގެ އިތުރުން ބައެއް މިނިސްޓްރީ ތަކަށް ބަޖެޓް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓްރީގެ ބަޖެޓް އިތުރުކޮށްފައިވާތީ އެކަމަށް ފާޑު ވިދާޅުވި އެވެ.

"ފޮރިން މިނިސްޓްރީގެ ބަޖެޓް މި ވަނީ 44 މިލިއަނުން 162 މިލިއަނުން މި ވަނީ ބަދަލުވެފައި. ކޮންކަމަކާ ތޯ ފޮރިން މިނިސްޓްރީގެ ބަޖެޓް އިތުރު ކުރަންވީ. ބޮޑު ކުރަން ޖެހޭ ސަބެބެއް ނޯންނާނެ،" ދައުލަތު ހަރަދުތައް ކުޑަ ކުރަން ޖެހެނީ ހަމަ އެކަނި މަޖިލީހުން ނޫން ކަމަށް ވިދާޅުވެ ސަލީމް ފާހަގަ ކުރެއްވެވި އެވެ.