05 Dec 2012, 12:34
މިސައިލުން ދިފާއުވާ ނިޒާމެއް ތުރުކީގައި ގާއިމްކުރުމަށް ނޭޓޯއިން އެއްބަސްވެއްޖެ އެވެ.
ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތް ތުރުކީގައި އެ ނިޒާމު ގާއިމްކުރުމަށް ނޭޓޯއިން އެއްބަސްވީ އަވަށްޓެރި ސޫރިޔާއިން އަތުވެދާނެ ނުރައްކަލަކުން އެގައުމު ދިފާއުކުރުމަށެވެ.
ނޭޓޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޖަމާއަތުގެ ބައިވެރިއެއް ކަމަށްވާ ތުރުކީގެ ސަރަހައްދީ ރޮނގަށް ހަނގުރާމަ ފުޅާވަމުން ދާތީ އެގައުމުގެ އާބާދީއާއި ސަރަހައްދު ދިފާއުކުރުމަށްޓަކައި އެގައުމުގެ ވައިގެ ދިފާއީ ނިޒާމު ހަރުދަނާ ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
" އަހަރެމެން މިތިބީ ވަރުގަދަ އެއްބައިވަންތަކަމުގެ ރޫހުގައި ތުރުކީއާ އެކު، ތުރުކީއަށް ހަމަލާދޭން ބޭނުންވާ ބަޔަކަށް އަހަރެމެން ބުނާނީ އެކަމާ ނުވެސް ވިސްނާށޭ، " ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑާސް ފޯފް ރަސްމޫސެން ވިދާޅުވި ކަމަށް އަލްޖަޒީރާ ބުންޏެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް ތުރުކީން ކުރާ މަސައްކަތުގެ އަގު ނޭޓޯއިން ވަޒަން ކުރާ ކަމަށާއި ސަރަހައްދަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ސޫރިޔާގެ ހަމަނުޖެހުންތައް ނިމުމަކަށް ގެންނަން ގޮވާލާ ކަމަށެވެ.
ނޭޓޯއިން ބުނީ ތުރުކީގައި ގާއިމްކުރާ މިސައިލުން ދިފާއުވާ ނިޒާމު ބޭނުންކުރާނީ ހަމައެކަނި ދިފާއީ ބޭނުމަށް ކަމަށެވެ. އަދި އެނިޒާމު ގާއިމްކުރުމަށް ބޭނުންކުރާނީ ޖަރުމަނާއި އެމެރިކާ އާއި ނެދަލޭންޑްސްގެ މިސައިލް ބެޓެރީތައް ކަމަށް ވެސް ބުންޏެވެ.