މިނިވަން މުއައްސަސާތަކަށް ކަނޑައެޅިފައިވާ ބަޖެޓް ކުޑަވުމަކީ އަބަދުވެސް އެންމެ ބޮޑު ޝަކުވާ އެވެ. މިއަހަރުވެސް އެކަން އޮތީ އެހެންނެވެ. މިނިވަން މުއައްސަސާތަކުން ކޮންމެ އަހަރަކުވެސް ދައުލަތާއި ނުބައްދަލު ބޮޑެތި ބަޖެޓްތައް ހުށަހަޅާ ފާސްކުރަން ބޭނުން ވުމަކީ ފިނޭންސްގެ އެންމެ ބޮޑު ޝަކުވާ އެވެ.

ބަޖެޓް ކޮމެޓީއަށް ހާޒިރުކުރުމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވަނީ މިނިވަން މުއައްސަސާތަކަށް ބޭނުންވަރަކަށް ބަޖެޓް ދޭންޖެހޭ ކަމަށާއި އަދި އެ ބަޖެޓް ދޫކުރުމަށް ފަހު ބަޖެޓުން ހަރަދުކުރުމުގައިވެސް ފިނޭންސްގެ އެއްވެސް ކޮންޓްރޯލެއް ނޯންނަ ކަމަށެވެ. އަދި އެއީ ވަކި ސަރުކާރުތަކެއް ނޫނީ ވަކި ބާރުތަކެއްކަމަށް ދޭހަވާގޮތަށް މުއައްސަސާތަކުން ކަންތައްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބައްލަވައި އޮޑިޓާ ޖެނެރަލްގެ ބަޖެޓްވެސް މަޖިލީހުން އިތުރުކޮށްދޭ ވަރަށް ދޭންޖެހޭ. އެއްވެސް ބާރެއް ނޯވޭ. އެބޭފުޅުން އެބަ ވިދާޅުވޭ އެ ބަޖެޓް ދޭންޖެހޭނޭ. އަޅުގަނޑުމެންނަށް ދެން އެއްވެސް ކޮންޓްރޯލެއް ނޯވޭ. ދޭން މިޖެހެނީ ދޫކުރަން،" ޖިހާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީންވެސް ޝަކުވާތައްވެސް އެހެން ހުރީއިރު މިނިވަން މުއައްސަސާތަކުގެ ޝަކުވާތަކަށްވެސް ބަދަލެއް ނާދެ އެވެ. ރައްޔިތުން މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީއަށް މިނިވަން މުއައްސަސާތަކުގެ އިސްވެރިން އިއްޔެވެސް ހާޒިރުކޮށް ބަޖެޓާ ބެހޭ މައުލޫމާތުތައް ސާފުކުރި އެވެ. ނަމަވެސް ހަމަ ޝަކުވާއަކަށް ވަނީ އެއްކަމެކެވެ. ބަޖެޓް މާކުޑަވުމާއި އެކަމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތް ވާހަކަ އެވެ.

ބަޖެޓް ކޮމެޓީއަށް ޖުޑީޝިއަލް ސާވިސަސް ކޮމިޝަން ޖޭއެސްސީ ހާޒިރުކުރުމުން އެ ކޮމިޝަންގެ ނައިބު ރައީސް އަދި ކްރިމިނަލް ކޯޓުގެ ފަޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެ ކޮމިޝަނުން 30 މިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސަށް ހުށަހެޅި ކަމަށާއި ނަމަވެސް އެ ބަޖެޓަށްވެސް ބޮޑަތި ބަދަލުތަކެއް ގެނެސް ބަޖެޓް ކުޑަކޮށްފައި ވުމުން އަންނަ އަހަރު މަސައްކަތް ކުރެވިދާނެ ކަމާމެދު ޝައްކުއުފެދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޮޑުބައެއް މިދަނީ މުވައްޒަފުންނަށް. އެކަން ޔަގީންކޮށްފައި ބަލާއިރު ދެ މިލިއަން ރުފިޔާ މި އޮންނަނީ އެހެން ކަންކަން ކުރުމަށް. އެހެންވީމައި އަޅުގަނޑުމެންނަށް ޝައްކުވޭ އަންނަ އަހަރުގެ އަޅުގަނޑުމެންގެ މައްޗަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެވޭނެ ކަމާމެދު މިގޮތަށް އޮވެގެން،" އަބްދުﷲ ވިދާޅުވި އެވެ.

ޖޭއެސްސީއާ އެއްގޮތަށް އެހެން މުއައްސަސާތަކުގެވެސް ޝަކުވާ ހުރީ އެހެންނެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ޝަކުވާއަކީ އެ ކޮމިޝަނަކީ ޒިންމާދާރު ބޮޑެތި މަސައްކަތްތަކެއް ކުރާ ކޮމިޝަނަކަށް ވާއިރު އެ ކޮމިޝަންގެ ބަޖެޓަކީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ކުޑައެއްބަޖެޓަށް ވުމެވެ. އެ ކޮމިޝަންގެ މެންބަރު ހަދީޖާ އާދަމް ކޮމިޝަންގައި ވިދާޅުވީ އެ ކޮމިޝަނުން ފިނޭންސަށް ބަޖެޓް ފޮނުވީވެސް ވަރަށް ބޮޑަށް ކުޑަކޮށްފައި ކަމަށާއި ނަމަވެސް އެންމެ ފަހުން ފިނޭންސް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަކީ މާކުޑަ ބަޖެޓެއް ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެން ސިވިލްސާވެންޓުންގެ ޓްރޭނިންތަކާ އެއްޗިހި ކުރިއަކަށް ނުގެންދެވޭނެ އޭގެ އެންމެ ރަނގަޅު ގޮތުގައި. ވަރަށް ބޮޑަށް މިހާރު މިއޮތް ގޮތުން ކަންކަން މަދުކުރަން ޖެހޭނެ. އަޅުގަނޑުމެން ފޮނުވި ބަޖެޓަކީވެސް ފުދޭވަރަކަށް ކަންކަން މިނިމައިޒްކޮށްފައި ފޮނުވި ބަޖެޓެއް. އަޅުގަނޑުމެން ކޮންމެހެން ކުރަން ޖެހޭކަންކަން މި ބަޖެޓުން ނުކުރެވޭނެ،" ހަދީޖާ ވިދާޅުވި އެވެ.

މީރާގެ ފަރާތުން ކޮމެޓީއަށް ވަޑައިގެންނެވި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން މުހަންމަދު ޔަޒީދު ވިދާޅުވީ އެ ކޮމިޝަންގެ ބަޖެޓުންވެސް ބޮޑުބައެއް އުނިކޮށްފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އަންނަ އަހަރަށް ހިންގަން ރާވާފައި ހުރި ޓްރައިނިންތަކާއި އެހެނިހެންވެސް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ބޮޑަތި ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްޗެއްވެސް ދަންނަވަން ނޭންގޭ މިބަޖެޓާ ދޭތެރޭ، އަޅުގަނޑުމެން ފޮނުވި ބަޖެޓްވެސް މިއޮތީ ވަރަށް ބޮޑަށް ކުޑަކޮށްލާފައި،" ޔަޒީދު ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަދި އިލެކްޝަންސް ކޮމިޝަންގެ ޝަކުވާއަކީވެސް ބަޖެޓުން ބޮޑު ބައެއް އުނިވުމެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީ އިއްޔެގެ ކޮމެޓީގައިވެސް ވިދާޅުވީ އެ ކޮމިޝަނުން 38 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ބޭނުންވާއިރުވެސް ފިނޭންސުން އެދިގެން 26 މިލިއަން ރުފިޔާއަށް ކުޑަކޮށް ބަޖެޓް ފޮނުވި ކަމަށެވެ. އަދި އެއަދަދަށް ބަޖެޓް ކަޑައަޅައިދޭނެކަމަށް ފިނޭންސުން ދެންނެވި ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވިޔަސް ނުލިބިފައި މިއޮތީ އެ ބަޖެޓް. ގާތްގަނޑަކަށް 10 ޕަސެންޓް އޮތީ ކަނޑާލާފައި. އަޅުގަނޑުމެންނަށް ވާނީ ފިނޭންސަށް އަޅުގަނޑުމެން ހުށަހެޅި ބަޖެޓުން. އޭރުން މިކޮމިޝަންގެ މެންޑޭޓްތައް ރަނގަޅަށް އަދާކުރެވޭނީ،" ލުތުފީ ވިދާޅުވި އެވެ.

އިލެކްޝަންސްގެ އޮފިޝަލް ކޮމެޓީގައި ވިދާޅުވީ އަންނަ އަހަރަށް އެ ކޮމިޝަނުން ފޮނުވި ބަޖެޓުން 32 މިލިއަނެއްހާ ރުފިޔާ ކަނޑާލާފައިވަނީ އެ ކޮމިޝަނާއި މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އެހެން ކަމުން ނަތީޖާއަކަށް ވާނީ އަންނަ އަހަރު ރިޔާސީ އިންތިހާބުވެސް އޮތް އިރު އިލެކްޝަންތަކަށް ހަރަދުކުރަން ޖެހޭ ފައިސާ މަދުވުން ކަމަށެވެ.

"އިލެކްޝަންތައް ބޭއްވުމަށް އަޅުގަނޑުމެންނަށް ދަތިތަކާއި ކުރިމަތިވާނެ. އެހެންވީމައި އެގޮތަށް ދަތިނުވާނެހެން ބަޖެޓް އެބަޖެހޭ ރަނގަޅުކުރެވެން،" އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓް 16.9 ބިލިއަން ރުފިޔާއަށް އަރާއިރު މިނިވަން މުއައްސަސާތަކަށް އެކަނި އެ ބަޖެޓްގައި ހަރަދުކުރުމަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ޖެހޭ 18 މިނިވަން މުއައްސަސާހިމެނެ އެވެ. އަދި މިނިވަން މުއައްސަސާތަކަށް ހާއްސަކޮށްގެން ޕީއެސްއައިޕީ ޕްރޮގްރާމްގައި ހިމަނައިގެން 18 ބުރީގެ އޮފީސް އިމާރާތެއް އަޅަން ވަނީ ނިންމައިފަ އެވެ. އެކަމަށް 354 މިލިއަން