05 Dec 2012, 10:38
ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) އާއި، ސިފައިންގޭގައި ގިނަ ދުވަހު ޚިދްމަތް ކުރައްވާފައިވާ ފަރާތްތަކުގެ ޖަމްއިއްޔާ މޯލްޑިވްސް މިލިޓަރީ ވެޓެރަންސް (މޯލްވެޓްސް) ރޭ އިފްތިތާހުކޮށްފި އެވެ.
ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސިފަމާ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްޙާމް ޙުސައިނެވެ. އަދި މޯލްވެޓްސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
އެ ޖަލްސާގައި ރައީސް ވާހަކަ ނުދެއްކެވި ނަމަވެސް ނައިބު ރައީސް މުހަންމަދު ވަހީދުއްދީން، ޑީން ވާހަކަފުޅުދެއްކެވި އެވެ. އޭނާ ވިދާޅުވީ ސިފައިންނަކީ ފުރާނައަށް ބެލުމެއް ނެތި ބިރުވެރިކަމެއްވެސް ނެތި، ދިމާވާ ކޮންމެ ކަމެއްގައި ނުކުންނަން ތައްޔާރަށް ތިބި ބައެއްކަން ފާހަގަކުރެއްވި އެވެ. ވޭތުވެދިޔަ ތާނގައިވެސް ރާއްޖެއަށް ދިމާވި އެކިއެކި ހިތާމަވެރި ޙާދިސާތަކުގައި، ސިފައިން ވެފައިވާ ގުރުބާނީތައް، ނައިބު ރައީސް ފާހަގަކުރައްވަމުން ވިދާޅުވީ ސިފައިންގެ ފެމިލީ އެސޯސިއޭޝަންގެ ސަބަބުން އެންމެން އެކަތިގަނޑަކަށްވެ، އެކަކު އަނެކަކަށް ދިމާވާ އެކި ކަންކަމުގައި އެހީފޯރުވައިދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ، އެސޯސިއޭޝަންގެ ތެރެއިން އާމްދަނީ ލިބޭނެ ކަންތައްތައް ތައާރަފްވެ، އެކަންކަމުގެ މައްޗަށް ކަންކަން ބައްޓަން ކުރެވިގެން ދިޔުން ކަމަށެވެ.
މިލިޓަރީ ވެޓެރަންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާ ލައްވާ ނައިބު ރައީސް ވިދާޅުވީ ސިފައިންގެތެރޭގައި ހިދުމަތް ކޮށްދެއްވައި، ވަކިވެވަޑައިގެންފައިވާ ބޭފުޅުންނަކީ، ޤައުމަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން ކަމަށާއި، އެބޭފުޅުންގެ އަގު ވަޒަން ކުރަންޖެހޭ ކަމަށެވެ. ސިފައިންގެ ތެރޭގައި ޚިދްމަތް ކުރެއްވުމަށް އެބޭފުޅުން ވަޑައިގަތީ، ޤައުމުދެކެ ލޯބިވާތީ ކަމަށާއި، ޤައުމަށްޓަކައި ޖިހާދު ކުރައްވައި، ޤައުމު ޙިމާޔަތް ކުރެއްވުމަށް ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން، އެފަދަ ބޭފުޅުންގެ ޚިދްމަތް، ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، އެފަރާތްތަކުން ކުރެއްވި މަސައްކަތާއި، ކުރެއްވި އަގުހުރި ޚިދްމަތްތައް އަންނަން އޮތް ޖީލުތަކަށް ދައްކައިދޭން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި، ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ހިންގުނު ޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކުރި އެވެ.