(ގާހިރާ) -- މިސްރުގެ ރައީސް މުހައްމަދު މުރުސީއާ ދެކޮޅަށް އެގައުމުގެ ރިޔާސީ ގަނޑުވަރު ކުރިމަތީގައި ވަރުގަދަ މުޒާހަރާއެއް ކޮށްފި އެވެ.

ރައީސް މުރުސީ ހައްދެއް ނެތް ބާރުތައް ހޯދުމާއި އޭނާގެ އެހީތެރިން މިސްރުގެ ގާނޫނު އަސާސީއަށް ބަދަލު ގެންނައް މަސައްކަތް ކުރުމާ ދެކޮޅަށް ކަމަށް ބުނެ، އެގައުމުގެ އިދިކޮޅު ފަރާތްތަކުން ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި ކުރި މުޒާހަރާގައި 100000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

މިސްރުގެ ވެރިރަށް ގާހިރާއާއި މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައިވާ ޝަހަރު އެލެގްޒެންޑްރިއާ އަދި އެހެން ބައެއް ޝަހަރު ތަކުގައި އުފެދިފައިވާ ރުޅިވެރިކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ދެމިގެންވާ ކުރިމަތިލުން ތަކެއް ހިނގާފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ވާދަވެރިކަމުގެ ސަބަބުން ބައިބައި ވެފައިވާ މިސްރުގެ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރާފައި ވަނީ ހައްދެއް ނެތް ބާރުތައް ރައީސަށް ލިބޭގޮތަށް ރައީސް މުރުސީ އިއުލާން ކުރެއްވި ގަރާރަކާ ގުޅިގެންނެވެ. އެގަރާރުގެ ދަށުން އޭނާ ވަނީ މިސްރުގެ ކޯޓްތަކަށް ވުރެ ވެސް މައްޗަށް ވަޑައިގެންފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި އެމީހުން ދެކޭ ގޮތުގައި އޭނާއަށް ތާއީދުކުރާ ޕާލަމެންޓް މެމްބަރުން ވެސް ވަނީ ގާނޫނު ހަދާ މަޖިލީހުގެ ދެ މުއައްސަސާ ކަމަށްވާ ގާނޫނު އަސާސީ ޑްރާފްޓްކުރާ 100 މެމްބަރުންގެ ޕެނަލާއި މަތިގެއަށް ވެސް އެފަދަ ބާރުތަކެއް ދީފަ އެވެ.

މިސްރުގެ ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި ކުރި މުޒާހަރާ އެންމެ ފަހަރަކު ހޫނުވި ނަމަވެސް ޖުމްލަގޮތެއްގައި ކުރިއަށް ދިޔައީ ސުލްހަވެރިކޮށެވެ. މުޒާހަރާ ހޫނުވީ ކަށިނަރާ އެކު ޖަހާފައިވާ ބެރިކޭޑްތައް ނަގައި، ރިޔާސީ ގަނޑުވަރާ ދިމާއަށް ދާން މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރުމުން ފުލުހުން އެމީހުންގެ ތެރެއަށް ކަރުނަގޭސް ޖެހުމުންނެވެ.

މިސްރުގެ މަޝްރަހު އަދިވެސް އޮތީ ވަރަށް ނުތަވަސްކޮށް ކަމަށް ވިޔަސް އިއްޔެގެ މުޒާހަރާއަށް ފަހު މުރުސީ އަދި ރައްޔިތުންނާ ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ. (އެސޯސިއޭޓެޑް ޕްރެސް)