05 Dec 2012, 09:06
ރާއްޖޭގައި މުޅިން އަލަށް ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވި، ކައުންސިލްތައް ހިނގައި ގަތް ފަހުން ގައުމުގެ ސިޔާސީ މައިދާނަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ސިޔާސީ އެކި ލީޑަރުން ފެންނަނީ އެކި ކުލަތަކަށް ބެހިވަޑައިގެންފައިވާ ތަނެވެ. ރީދުލާއި ފިޔާތޮއްޓާއި ރަތް ކުލައިގެ ޕޯޑިއަމްތަކަށް މަޖިލީހުގެ މެންބަރުންވެސް ތިބީ ބައިއެޅިފަ އެވެ. އާ ކޯލިޝަންތައް އުފެދި އެއްބައި ކޯލިޝަންތައް ހުރީ ރޫޅުމައި ގާތްވެފަ އެވެ. ސިޔާސީ މަޝްރަހަށް ވަނީ ހީނުކުރާހާ ބަދަލުތައް އައިސްފަ އެވެ.
ސިޔާސީ މައިދާނުން ބަދަލުނުވެ އޮތީ ލޯކަލް ކައުންސިލްތަކުގެ ފޯމޭޝަނެވެ. އެކަމަށް ގާނޫނުތައް ހުރަސް އެޅުމާއި އެކު ކައުންސިލަރުން ތިއްބެވީ ގާނޫނާ ހެދި ފިތިފަ އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މެންބަރަކަށް އެހެން ޕާޓީއަކަށް ބަދަލުވުމަކީ ކައުންސިލަރެއްގެ ގޮޑި ގެއްލޭނެ ކަމެކެވެ.
ނަމަވެސް އެކަން މިހާރު ވަނީ އަނެއް އަތަށް އަބުރާ ލައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމާ އެކު ގާނޫނުގެ އެ މާއްދާވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ. އެ މާއްދާ ބާތިލް ކުރީ ގާނޫނު އަސާސީން ކަށަވަރު ހައްގުތަކާއި އަސާސީ މިންގަނޑުތަކަށް އެ މާއްދާ ނުފެތޭ ކަމަށް ބުނެ އެވެ. ކައުންސިލަރުންގެ ހިފެހެއްޓިފައިވާ މިންގަނޑުތައް އުވި ކައުންސިލަރުންނަށް އޮތީ މިނިވަންކަން ލިބިފަ އެވެ. ޕާޓީ ބަދަލުކުރިއަސް ގޮޑި ނުގެއްލޭނެ ކަމުގެ ގެރެންޓީ އޮތީލިބިފަ އެވެ. އެއާ އެކު ޕާޓީތަކުގެ އުންމީދުތައް ވަނީ އާވެފަ އެވެ.
ފިކުރު ބަދަލު ނުކުރެވުމަކީ ސިޔާސީ ލީޑަރުންނާއި ޕާޓީތައް އެހާ ގަޔާވާ ކަމެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ހުކުމާއި އެކު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ޕީޕީއެމްއިން މިހާރު ނިންމާފައިވަނީ އެ ޕާޓީއަށް ގިނަ ކައުންސިލަރުންތަކެއް ބަދަލުވުމަށް ބޮޑު ހަފްލާއެއްބޭއްވުމަށެވެ. އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެ ދައުވަތު ކައުންސިލަރުންނަށްވެސް ދެއްވައިފަ އެވެ.
އަދި ބައެއް ކައުންސިލަރުން މިހާރު ވަނީ ޕާޓީބަދަލުކޮށް މިހާރު ސޮއެވެސް ކޮށްފަ އެވެ. ސޯޝަލް މީޑިއާތަކުގައި ބައެއް ކައުންސިލަރުން ފާޅުކުރާ ޝުއޫރަކީ މިހާރު ހުންނެވި ޕާޓީގައި އެއްގޮތަކަށްވެސް ހުންނަން ބޭނުން ނުވާ ކަމަށެވެ.
ޕީޕީއެމް ސްޕޯކްސް ޕާސަން އަހްމަދު މަހްލޫފް ވިދާޅުވީ ރަށު ކައުންސިލް މެންބަރުންނާއި އަދި އަތޮޅު ކައުންސިލް މެންބަރުން އެ ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ގިނަ ކައުންސިލް މެންބަރުން އެ ޕާޓީއާ ގުޅޭނެ ކަމަށެވެ.
" އަޅުގަނޑު އުއްމީދު ކުރަނީ މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް. އަދި ވަރަށް ގިނަ ކައުންސިލް މެންބަރުން އެދެމުން އެބަދޭ ޕީޕީއެމް ގުޅުމަށް. އެކަމަށް އަޅުގަނޑުމެން މި ދަނީ މާލެގައި ބޮޑު ރަސްމިޔާތެއް ބޭއްވުމަށް ތައްޔާރުވަމުން. އެރޭ މާލެ އާދެވޭނެ ގިނަ ކައުންސިލަރުން ތަކެއް އަޅުގަނޑަށް ޔަގީން ޕީޕީއެމްއާ ގުޅިގެންދާނެ ކަމަށް،" ބޮޑު އުއްމީދަކާއި އެކު މަހްލޫފް ވިދާޅުވި އެވެ.
ކައުންސިލަރު ކަމަށް އިންތިހާބުވެފައިވާ ޕާޓީ ބަދަލު ކުރެވޭނެ ކަމަށް ސުޕްރީން ކޯޓުން ނިންމުމުން ކުލަ ފަޑުވަމުންދާ ޑީއާރުޕީންވެސް ވަނީ އުއްމީދު ތަކެއްގަ އެވެ. ޑީއާރުޕީން ގަބޫލުކުރަނީ އެ ޕާޓީއަށް އޭގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ އެ ޕާޓީއާ އެއްކޮޅަށް ތިބީ ކޮން ކައުންސިލަރުންނެއްކަން ހާމަވުމެވެ.
ޑީއާރުޕީން އުއްމީދު ކުރަނީ މިހާރު ލިބިފައިވާ ފުރުސަތުގައި ޕާޓީ ބަދަލު ކުރަން ބޭނުންވާ ކައުންސިލަރުން ޕާޓީ ބަދަލުކޮށް އެ ޕާޓީގެ ހަގީގީ ސައިޒު އެނގިގެންދާނެ ކަމަށެވެ.
ޑީއާރުޕީގެ ކައުންސިލް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކައުންސިލަރުނަށް ވެސް އެމީހުން ބޭނުންވާ ޕާޓީއަކަށް ބަދަލުވުމުގެ ފުރުސަތު ލިބުމުން އެމީހުން ބޭނުންވާ ފިކުރުގައި މަސައްކަތް ކުރުމަށް މަގު ފަހިވާނެ ކަމަށެވެ.
"ހަގީގަތުގައި ކައުންސިލަރުނަށް އެމީހުން ބޭނުންވާ ޕާޓީތަކަށް ވަދެވޭ ގޮތް ވުން މިއީ ވަރަށް ރަނގަޅު ކަމެއް. އޭރުން އެމީހުން ބޭނުންވާ ފިކުރުގައި މަސައްކަތް ކުރަން ފުރުސަތު އެބަލިބޭ. އަނެއްކޮޅުން އަޅުގަނޑުމެނަށް ސާފުކޮށް އެނގިގެންދާނެ އަޅުގަނޑުމެންނާއި އެއް ފިކުރެއްގައި މަސައްކަތް ކުރަން ތިބީ ކޮން ބައެއް ކަން،" ރޮޒައިނާ ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް އެހެން ބައެއް ޕާޓީތަކުން ވެސް އެ ޕާޓީތަކާއި އަލަށް ކައުންސިލަރުން ތަކެއް ގުޅޭ ކަމަށް އުއްމީދު ކުރާއިރު ކައުންސިލަރުން ވަކި ޕާޓީއަކަށް ވެއްދުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.
"ޖޯޝްހުރި ޒުވާން ކައުންސިލަރުން އަދާލަތު ޕާޓީއާ ގުޅުމަށް ގޮވާލަން،" ކައުންސިލަރުނަށް ޕާޓީ ބަދަލު ކުރެވޭ ގޮތައް ހުކުމް ކުރުމާއި އެކު އަދާލަތުގެ އޮފިޝަލަކު އެދިވަޑައިގަތެވެ. އޭނާގެ އުއްމީދަކީ އަދާލަތަށްވެސް ކައުންސިލަރުން ތަކެއްވެސް އިތުރުވެގެން ދިއުމެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއަށް ވެސް އެހެން ޕާޓީތަކުން އިންތިހާބުވެފައި ތިބި ކައުންސިލަރުން ތަކެއް ގުޅޭނެ ކަމަށް އެ ޕާޓީން އުއްމީދުކުރެ އެވެ. އަމިއްލަ ގޮތުން ކައުންސިލް ކަމަށް އިންތިހާބުވި އެންމެ ގިނަ މެންބަރުން ތަކެއް ގުޅިފައިވަނީ އެމްޑީޕީއާ އެވެ. އެހެން ކަމުން އެ ޕާޓީން ބުނަނީ އިތުރު ކައުންސިލަރުންވެސް އެ ޕާޓީއާ އެކު މަސައްކަތްކުރަން ތިބި ކަމަށެވެ. އަދި ޕީޕީއެމަށް ގުޅިގެންދާނީ ޑީއާރުޕީން ތެރޭން ކަމަށާއި އިތުރުން ގިނަ ކައުންސިލަރުން ތަކެއް ގުޅިގެން ނުދާނެ ކަމަށް އެމްޑީޕީން ތިބީ ގަބޫލުކޮށްގެންނެވެ.
ސިޔާސީ ޕާޓީތަކަށް ކައުންސިލަރުން ބަދަލު ވުމުގައި މި ދުވަސް ކޮޅު " ވާނީ ފޯރި ގަދަ " ދުވަސް ކޮޅަކަށެވެ. ހުރިހާ ޕާޓީތަކުންވެސް އޮތީ ރަށު ކައުންސިލް ތަކުންނާއި އަތޮޅު ކައުންސިލް ތަކުން އެ ޕާޓީއަކާއި ގުޅޭނެ ކަމުގެ އުއްމީދުގަ އެވެ.