މަޖިލީހުގައި ތިއްބަވައި ޑީއާރުޕީއަށް ނިސްބަތްވާ ދެ މެންބަރުން ކަމަށްވާ ކަޑިތީމު ދާއިރާގެ މެންބަރު މުހަންމަދު ހުސެއިން އާއި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ޑީއާރުޕީން ވަކިވެވަޑައިގެންފިކަން ސަން އޮންލައިންއަށް ކަށަވަރުވެއްޖެ އެވެ.

މުއުތަބަރު ފަރާތަކުން ސަން އޮންލައިންއަށް މައުލޫމާތު ދެމުން ބުނީ މުހަންމަދު ހުސެއިން އާއި ސަލީމް މިއަދު ޑީއާރުޕީން ވަކިވާން ނިންމަވައި ސިޓީ ފޮނުވީ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން ޑީއާރުޕީގެ އިސްލީޑަޝިޕުން ނިންމައި ޑީއާރުޕީގެ މެންބަރުން އެގޮތަށް ވޯޓުދިނުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަލީމް ވަނީ ޑީއާރުޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވައިފަ އެވެ.

ސަލީމްއާ ގުޅިނަމަވެސް އޭނާގެ ފޯނު ނިންވާލާފައި އޮތުމުން އޭނާގެ ބަހެއް ޕާޓީން ވަކިވި މައްސަލައިގައި ލިބޭގޮތެއްނުވި އެވެ. އަދި މުހަންމަދު ހުސެއިންގެ ފޯނަށް ތަކުރާރުކޮށް ގުޅި ނަމަވެސް އޭނާ ފޯޏަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއްވެސް ވަނީ ލިބޭގޮތްނުވެފަ އެވެ.

ސަން އޮންލައިންއާ ވާހަކަ ދެއްކެވި ޕީޕީއެމްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ ސަލީމް އާއި މުހަންމަދު ހުސެއިނާއި އަދި ވޯޓުގެ މައްސަލައިގައި ޕާޓީގެ ސްޓޭންޑާ މެދު ހިތްހަމަ ޖެހިވަޑައިނުގެން ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގަތް ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާވެސް ޕީޕީއެމްއަށް ވަނުމަށް ތިބީ "ޕޮޒިޓިވް ވިސްނުމެއް"ގައި ކަމަށެވެ.

ވޯޓް ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓް ދެއްވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.

އެމްޑީޕީގެ މެންބަރުންނާއެކު ވޯޓް ސިއްރު ކުރުމަށް ޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ ގާސިމް އިބްރާހިމާއި އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ވޯޓުދެއްވީ ވޯޓު ސިއްރު ކުރުމަށެވެ.