އީވްކުލިނިކާއި ޖެހިގެން ހުންނަ ހަނިގޯޅިގައި ހުންނަ މ. ކޮވަރިކު ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހިންގަމުންދާ ސެލޫނެއްގައި ހަށިވިއްކާ ކަމަށް ޝައްކުކުރެވިގެން ފުލުހުން މިއަދު ހަވީރު އެތަން ރޭޑްކޮށް ތައިލެންޑްގެ އަންހެނުންތަކަކާއި ދިވެހި ފިރިހެނުންތަކެއްގެ އިތުރުން ބަނގުލަދޭސްގެ ފިރިހެނުންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ "ޕިންކް ލައިން ސެލޫން" ގެ ނަމުގައި ހިންގާ އެ ސެލޫންގެ ތެރެއަށް ފުލުހުން ވަދެގަތީ މިއަދު ހަވީރު 17:30 އެހާކަންހާއިރު ކަމަށެވެ. އަދި ބުނީ އެތަނަށް ވަތްއިރު އެތަނުގައި ދެ މީހަކު ބަރަހަނާކޮށް ތިބި ކަމަށެވެ. ނަމަވެސް އެއީ ކޮންޖިންސެއްގެ ދެމީހުން ކަމެއް ނުބުނެ އެވެ.

އެތަނުން ހައްޔަރުކޮށްފައި ވަނީ ތައިލޭންޑްގެ ފަސް އަންހެނުންގެ އިތުރުން ދިވެހި ތިން ފިރިހެނުންނާއި ބަނގުލަދޭސްގެ ދެ ފިރިހެނުންނެވެ. ސަންއަށް އެގިފައިވާގޮތުން ބަނގުލަދޭސްގެ ދެ މީހުންގެ ތެރެއިން އެކަކީ މީގެ ކުރިން ތިންފަހަރެއްގެ މަތިން މަސާޗް ޕާލާއަކުން ފުލުހުން ހައްޔަރުކޮށް ޑީޕޯޓްކުރުމަށް އިމިގުރޭޝަނާ ހަވާލުކޮށްފައިވާ މީހެކެވެ. އަދި ފުލުހުން ބުނީ އެ މީހުން އެތަނުން ހައްޔަރު ކުރި އިރު އެތަނުން ފައިސާ އާއި ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުންކުރާ ބައެއް އާލާތްތަކަކާއި ބޭސްތަކެއް ވެސް ފެނިފައިވާ ކަމަށެވެ.

މިއަދު ސެލޫނެއް ރެއިޑް ކޮށްފައިވާއިރު ރޭގައިވެސް ފުލުހުން ވަނީ ސެލޫނެއް ރެއިންޑްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކާ އެކު ތައިލެންޑްގެ އަންހެނުންތަކަކާއި ދިވެހި ފިރިހެނުންތަކެއް ހައްޔަރުކޮށްފަ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފައިސާއަށް ހަށިވިއްކާ 25 މަސާޖް ޕާލާއެއް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ވަނީ ބަންދުކޮށްފަ އެވެ. އަދި އެތަންތަނުން ހައްޔަރު ކުރި 98 މީހުންގެ ތެރެއިން 58 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.