04 Dec 2012, 22:36
ކަނޑުދަތުރުފަތުރާ ގުޅޭ ތިން މުޢާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއަރުއްވައިފި އެވެ.
މި ތިން މުޢާހަދާތަކަކީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ޙަރަކާތްތެރިވާ ބޯޓުފަހަރާއި އެކި އުޅަނދު ޙިމާޔަތްކޮށްދިނުމަށް މަގުފަހިކުރުމާއި، ކަނޑުމަތީގައި، ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެކި ބޯޓުފަހަރާމެދު ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ މުޢާހަދާ "އިންޓަރނޭޝަނަލް ކޮންވެންޝަން ފޯދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް މެރިޓައިމް ނެވިގޭޝަން 1988" (ސޫއާ ކޮންވެންޝަން) އާއި "ޕްރޮޓޮކޯލް ފޯ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް ފިކްސްޑް ޕްލެޓްފޯރމްސް ލޮކޭޓެޑް އިން ދަ ކޮންޓިނެންޓަލް ޝެލްފް 1988" (ސޫއާ ޕްރޮޓޮކޯލް 88) އެވެ.
ކަނޑުމަތީގައި ދިމާވާ ޙާދިޘާތަކުގައި ހާލުގައިޖެހޭ ފަރާތްތައް ނުވަތަ ގެއްލިގެން ހޯދަންޖެހޭ އުޅަނދުފަހަރާއި މީހުން ހޯދުމުގެ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާބެހޭ މުޢާހަދާ ކަމަށްވާ "އިންޓަރނޭޝަނަލް ކޮންވެންޝަން އޮން މެރިޓައިމް ސާޗް އެންޑް ރެސްކިއު 1979" (ސާ ކޮންވެންޝަން)ގައިވެސް ރާއްޖެ ބައިވެރިވުމަށް މިނިސްޓަރުން ވަނީ ލަފާދެއްވައިފަ އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި މުޢާހަދާތަކުގައި ރާއްޖެ ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އަތުލައިގަނެވޭ ކަނޑުފޭރޭ މީހުންނާމެދު ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ރާއްޖޭގައި ހެދޭ މިފަދަ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ޢަމަލުކުރެވޭނެކަން ފާހަގަކުރެއްވި އެވެ. އަދި ކަނޑުމަތީގައި ހާލުގައިޖެހޭ މީހުން، ނުރައްކަލުން ސަލާމަތް ކުރުމަށް އެހީތެރިވެދިނުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިޘާއެއްގެ ސަބަބުން ތިމާވެށްޓަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް މެންބަރުން ވިދާޅުވި އެވެ.