04 Dec 2012, 22:18
ޖީއެމްއާރު މައްސަލައިގާ އެއްބަސްވުމާ ހިލާފަށް އެއްވެސް ފިޔަވަޅެއް ރާއްޖެއިން އަޅައިފި ނަމަ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެކަމުގެ އަސަރުކުރާނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ މެދު މިހާރު މީޑިއާގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ މިއަދު ގުޅުއްވައި ޖީއެމްއާރު މައްސަލައިގާ މަޝްވަރާ ކުރެއްވ ކަމަށެވެ.
އެމަޝްވަރާ ތަކުގައި ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އިހުމާލުވާން ދޫކޮށް ނުލައްވާނެ ކަމަށާއި މި މައްސަލައިގާ އެއްބަސްވާ ކަންތައްތަކެއް ހުރިކަން ދެނެވަޑައިގަންނަވާ ކަމަށެވެ.
އެމަޝްވަރާތަކަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓަރަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ދެއްވި ޖަވާބެއް ކަމަށް ބަޔާނުގައި ވަނީ " (ޖީއެމްއާރު މައްސަލައިގާ) މިހާރު ކުރިއަށްދާ ޝަރުއީ މަރުހަލާއިން ނަތީޖާއެއް ނުލިބެނީސް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް އުއްމީދު ކުރައްވާ" ކަމަށެވެ.
" އެފަދަ އެއްވެސް ފިޔަވަޅެއް އަޅައިފި ނަމަ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަސަރުކުރުމަކީ ނުވެ ނުދާނެ ކަމެއް،" އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ އިންތިހާބުކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމާއި ބިރު ދެއްކުމުގެ ކަންތައްތަކެއް ރާއްޖޭގައި ކުރިއަށްދާ ކަމަށާއި ހަރުކަށި ހިޔާލުގެ މީހުންގެ ހިޔާލުފާޅުކުރުންތަކާއި އަޑުއުފުލުންތައް ރާއްޖޭގައި ކުރިއަށްދާ ކަމުގެ ރިޕޯޓްތައް އިންޑިއާއަށް ލިބެމުންދާ ކަމަށެވެ.
"ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއި ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުން ބޭނުމެވެ.ރާއްޖޭގެ ހާލަތު އަހަރެމެން ބަލަމުންދާނަމަވެ،" ބަޔާނުގައި ވެއެވެ.
ޖީއެމްއާރުގެ ކޮންޓްރެކްޓް ބާތިލްކުރުމާ އެކު އިންޑިއާއިން ނެރުނު ބަޔާނުގައިވެސް ބުނެފައިވަނީ ރާއްޖޭގެ އެ އަމަލުގެ ސަބަބުން އިންވެސްޓަރުންނަށް ދެވުނީ ނުބައި މެސެޖެއް ކަމަށާއި ރާއްޖޭގައި ހުރި އިންޑިއާގެ މަސްލަހަތުތައް ހިމާޔަތްކޮށްދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އިންޑިއާގެ މަސްލަހަތުތައް ހިމާޔަތްކުރަން އަޅަން ޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށްވެސް އިންޑިއާއިން ވަނީ އެ ބަޔާނުގައި ބުނެފަ އެވެ.