04 Dec 2012, 22:00
ޕާޓީ ބަދަލު ކުރިއަސް ކައުންސިލަރުކަމުގެ ގޮނޑި ނުގެއްލޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން ޕީޕީއެމްއާ ގުޅެން ބޭނުންވާ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން އަހުމަދު ސަލީމް (މާޒު ސަލީމް) މިރޭ ވިދާޅުވީ އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ބޭނުންވާ ކައުންސިލަރުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ޕާޓީއާ ގުޅެން ބޭނުންވާ ކައުންސިލަރުން ވެވަޑައިގެން އެންމެ އަވަސް ފުރުސަތެއްގައި އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދައުވަތު އަރުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޕާޓީއަށް ސޮއިކުރުމަށް ބޭނުންވާ ކައުންސިލަރުންނަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ޕީޕީއެމްގެ ޚާއްސަ ޖަލްސާއެއް ވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނަނީ ކައުންސިލަރު ކަމަށް އިންތިޚާބުވާއިރު އެމީހަކު ހުރި ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް ނުވަތަ އެ ޕާޓީއަކުން އެމީހަކު ވަކިކުރުމުން ކައުންސިލަރު ކަމުން ވަކިވާގޮތަށް އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފު އިސްލާހެއް ކަމަށެވެ.
ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރުނެތްކަމަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް ޑީއާރްޕީގެ މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން އެ ޕާޓީގެ މެންބަރުންތަކެއް ޕީޕީއެމްއާ ގުޅުމަށް އެދުމުން އަންނަ ކަމަށާއި ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ޑީއާރްޕީގެ މެންބަރުންގެ ތެރެއިން އެ ޕާޓީއާ ގުޅުމަށް ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.