ޖިނާއީ ކުށްތައް ހިންގުމަށް ފުރުސަތު ނުލިބޭގޮތަށް ގާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ބާރުތައް ފުލުހުންނަށް ލިބޭގޮތަށް ފުލުހުންގެ އާ ގާނޫނު ފާސްކޮށްދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ޑރ. އަފްރާޝީމްގެ މަރާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނާ ރިޔާޒު ވަނީ ފުލުހުންނަށް ގާނޫނީ ބާރު ދިނުމަށް ޖެހިލުންވެވަޑައި ނުގަތުމަށް މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރެއްވުމަށް ފަހު ފުލުހުންނަށް ލިބިދޭ ބާރުތައް ބޭނުންކުރާ ގޮތް މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމަށް އެދިވަޑައިގެންފަ އެވެ.

"ޖިނާއީ އަމަލު ހިންގަން ފުރުސަތު ނުލިބޭނެގޮތަށް ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ބާރުތައް ފުލުހުންނަށް ލިބިދޭގޮތަށް ގާނޫނުތައް ފަރުމާކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ އަރިހުން އަޅުގަނޑު އިލްތިމާސް ކުރަން. އަދި ފުލުހުންނަށް ގާނޫނީ ބާރު ދިނުމަށް ޖެހިލުންވެވަޑައި ނުގެން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރާގޮތް މޮނިޓާ ކުރުމަށް އަދި ފުލުހުން އެކައުންޓަބަލް ކުރެވޭނެ ނިޒާމް ހަރުދަނާކޮށް އެ މަސައްކަތްތަށް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ބައެއް ކަމަށް ފުލުހުން ވާއިރު އެކަން ފުލުހުންނަށް ކުރެވޭނީ ގާނޫނީ ބާރު ލިބިގެން ކަމަށެވެ. އަދި ފުލުހުންނަށް ގާނޫނީ ބާރެއް ނުދީ މުޖުތަމައު އަމާންތަނެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުން އެދުނުނަސް އެކަން ނުކުރެވޭނެ ކަމަށް ވެސް ކޮމިޝަނާ ރިޔާޒު ވިދާޅުވި އެވެ.

"ފުލުހުންގެ އަތް ބަނދެފައި މުޖުތަމައު އަމާން، ސަލާމަތް ތަނެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގެންނެވި ކަމުގައި ވިޔަސް އަދި ރައްޔިތުން އެދިވަޑައިގަތަސް އެކަމެއް ނުވާނެ،" ކޮމިޝަނާ ވިދާޅުވި އެވެ.