04 Dec 2012, 20:42
ލޮޒާން، ސްވިޒަލޭންޑް - (4 ޑިސެމްބަރު): އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އޯއައިސީ) އިން އިންޑިޔާގެ ނެޝަނަލް އޮލިމްޕިކް ކޮމެޓީ - އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަން (އައިއޯއޭ) މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އޯއައިސީގެ ދެ އޮފިޝަލަކާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް(އޭޕީ)ން ބުނެފައިވަނީ އޯއައިސީން އެ ފިޔަވަޅު އަޅަން ނިންމީ، އިންޑިއާގެ އޮލިމްޕިކް އެސޯސިއޭޝަންގެ އިންތިހާބަށް އެ ގައުމުގެ ސަރުކާރުން ނުފޫޒު ފޯރުވާފައި ވާތީ އާއި އަދި އެ އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ ކަންތައްތައް ކޮށްފައިވަނީ އައިއޯއޭގެ ގަވާއިދުތަކާ އެއްގޮތަށް ކަމުގައި ނުވާތީ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޯއައިސީން އައިއޯއޭއަށް އަންގާފައިވަނީ އަންގާރަ ދުވަހު ބާއްވާ އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަންގެ އިންތިހާބުގައި އިންޑިއާ ސަރުކާރުގެ ސްޕޯޓްސް ކޯޑަށް އަމަލުކޮށްގެން ނުވާނެ ކަމަށާއި އެ އިންތިހާބުގައި އަމަލުކުރަން ޖެހޭނީ އައިއޯއޭގެ ހިންގާ ގަވާއިދާއި އަދި އޮލިމްޕިކް ޗާޓާއާ އެއްގޮތަށް ކަމަށެވެ. ސަރުކާރުން ބޭނުންވާ ގޮތަކަށް އިންތިހާބު ބާއްވައިގެން ނުކުންނަ ނަތީޖާ އައިއޯސީން ގަބޫލު ނުކުރާނެ ކަމަށްވެސް ވަނީ އަންގާ ފައެވެ.
އައިއޯއޭގެ ވަގުތީ ރައީސް ވިޖޭ ކުމާރު މަނޯތުރާ ވިދާޅުވިކަމަށް އޭޕީން ބުނީ "އައިއޯއޭ ސަސްޕެންޑް ކުރި ކަމުގެ މައުލޫތެއް މިހާތަނަށް އަދި ލިބިފައި ނެތް" ކަމަށެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީން އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަން ސަސްޕެންޑް ކޮށްފިނަމަ އިންޑިއާގެ ދިދަ ބޭނުން ކޮށްގެން އޮލިމްޕިކްގެ އެއްވެސް ހަރަކާތެއްގައި އައިއޯއޭގެ އެއްވެސް އޮފިޝަލަކަށް އަދި އެތްލީޓަކަށްވެސް ބައިވެރިވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. އަދި އައިއޯސީން ދެމުން ގެންދާ އެހީތަށްވެސް މެދުކަނޑާ ލެވޭނެ އެވެ. އެހެން ނަމަވެސް އައިއޯސީ ބޭނުންވެއްޖެ ނަމަ، އިންޑިއާގެ އެތްލީޓުންނަށް އައިއޯސީގެ ދިދަ ބޭނުން ކޮށްގެން ހަރަކާތް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ދެވިދާނެ އެވެ.
އައިއޯސީން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކުވައިތުގެ އޮލިމްޕިކް ކޮމިޓީވެސް ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެހެން ނަމަވެސް ހުސްވި ހަފުތާގައި ކުވައިތު ސަރުކާރުން ވަނީ އެގައުމުގެ ކުޅިވަރާ ބެހޭ ގަވާއިދު އޯއަސީގެ ފިޔަވަޅެއް ނޭޅޭނޭ ގޮތަށް ބަދަލު ކޮށްފަ އެވެ.
ހުސްވި މަހު ބޭއްވުމަށް ހަމަޖެހިފައި ވާ އައިއޯއޭގެ އިންތިހާބު މާދަމައަށް ފަސް ކުރެވުނީ އެ އެސޯސިއޭޝަންގެ އިންތިހާބާ ބެހޭ ކޮމިޝަންގެ ޗެއާމަން އެސްވައި ގުރައިޝީ އެމަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ނެވެ.