04 Dec 2012, 18:49
ބޮލީވުޑުގެ މަޝްހޫރު މެގަ ސްޓާރ ޝާހްރުކް ޚާނާއި ފިލްމީ ތަރި ޕްރިޔާންކާ ޗޯޕްޅާއާ ދެމެދު އޮންނަ "ރަހުމަތްތެރިކަމުގެ" ގުޅުމާއި، އަދި މި ގުޅުމުގެ ސަބަބުން ޝާހްރުކްގެ އަންހެނުން ގޯރީ ޚާނާއި ޝާހްރުކާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް މީޑިޔާގައި ޚަބަރުތައް ފެތުރެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
މިކަމާ ގުޅޭ ގޮތުން މީޑިޔާއިން ޕްރިޔާންކާއާ ސުވާލުކުރުމުން އޭނާ ވަނީ "ހަނުހުރުން" އިޚްތިޔާރުކޮށްފައެވެ. ބޮންބޭގައި ބޭއްވުނު ވިޔަފާރި އިޝްތިހާރު ކުރުމުގެ ހަފްލާއެއްގެ ތެރެއިން ނޫސްވެރީން ޕްރިޔާންކާއާ ސުވާލުކުރާން އުޅުމުން ވެސް ޕްރިޔާންކާ ވަނީ ނޫސްވެރީންނަށް އެއްވެސް ފުރުސަތެއް ނުދީފައެވެ. އެންމެ ފަހުން ޕްރިޔާންކާ ވަނީ ވަރަށް ރުން ކުރުކޮށް "ކޮންމެ ސުވާލަކަށް ޖަވާބުދޭން ނުޖެހޭނެ." ކަމަށް ބުނެފައެވެ.
"އަހަރެން ޖަވާބެއް ނުދޭނަން." ކަމަށް ބުނެ ޕްރިޔާންކާ "ހަނުހުރުން" އިޚްތިޔާރު ކުރުމުން، މީގެ މާނައަކީ ކޮބައިކަމާ މެދު އެތައް ގޮތަކަށް މީޑިޔާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. ހަމަ ހަގީގަތުގައި ވެސް ޕްރިޔާންކާ އާއި ޝާހްރުކާ ދެމެދު "އެހެން" ގުޅުމެއް އޮތީ ބާވައެވެ. ނުވަތަ ގޯރީ ޚާނާއި ޝާހްރުކާ ދެމެދު ދުވަސްތަކެއް ކުރީން އުފެދުނު ނުތަނަވަސްކަމާ ހެދި ގޯރީއަށް ފިއްތުން ކުރިމަތި ކުރުމަށް ޝާހާއި އޭނާގެ އެކުވެރި ޕްރިޔާންކާ ގުޅިގެން ޑްރާމާއެއް ކުޅެނީ ބާވައެވެ.
މަޝްހޫރު ފިލްމީ ތަރި ސައިފް ޢަލީ ޚާން އާއި ކަރީނާ ކަޕޫރު މިހާރު ކައިވެނިކޮށްފައިވާ އިރު، މި ދެ ތަރީންގެ ވާހަކަ ވެސް މީޑިޔާގައި ފެތުރޭން ފެށީ ޝާހާއި ޕްރިޔާންކާގެ ވާހަކަ މިހާރު މީޑިޔާގައި ފެތުރެމުންދާ ގޮތަށެވެ. އޭރު ސައިފް ވެސް ހުރީ ކައިވެންޏެއް ކޮށްގެންނެވެ. އެހެން ކަމުން ސައިފާއި ކަރީނާއަށް ފަހު، ދެން އެންމެ ބޮޑަށް މީހުންގެ ސަމާލުކަން ހުއްޓިގެންދާނީ ޝާހާއި ޕްރިޔާންކާގެ "ޖޯޑަށެވެ."