Last Updated:
1 decade 3 year ago

އަފްރާޝިމް މަރާލީ ސިޔާސީ ބަޔަކު ސިޔާސީ މަގުސަދެއްގައި: ޕޮލިސް

  • - އަމަލީ ގޮތުން ދެމީހަކު ބައިވެރިވެފައިވޭ
    - 4،000،000ރ. އެކަމަށް ހުށަހަޅާފައިވޭ
ބުލޮގު ޚުލާސާ
*** އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ ދެ މަސްވުމާ ގާތްވެފައިވާއިރު އެ މަރާއި ގުޅޭ ތަފްސީލްތައް ފުލުހުން މިއަދު އާންމުކުރާނެ އެވެ. އެ މައުލޫމާތުތައް އާންމުކުރާނީ މިއަދު އިސްކަންދަރު ކޮށީގައި ބާއްވާ ޕްރެސްކޮންފަރެންސްގަ އެވެ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޮކްޓޯމްބަރު ދެވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގޭގެ ސިޑިކައިރީގައި ގައިގެ އެތައް މިތަނަށް ހަމަލާދީި އަވަހާރަކޮށްލާފައި ވަނިކޮށެވެ.
20:15

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާާޝީމް އަލީ އަނިޔާވެރިގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުގެ އަޑީގައި ވަނީ ސިޔާސީ ބައެއްގެ އަތެއް ކަމަށާއި އެކަން ކޮށްފައިވަނީ 4،000،000ރ. ރުފިޔާ ބަޔަކަށް ހުށަހަޅައިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ޑރ. އަފްރާޝީީމްގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާއަކީ ވަރަށް ބޮޑަށް ބަޔަކު ރާވައިގެން ދުރާލައި ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކޮށްފައިވަނީ ބަޔަކު ފައިނޭންސްކޮށްގެން ކޮށްގެންކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް. ޑރ. އަފްރާޝީމް އަލީގެ މަރަކީ ދީނީ ބަޔަކު ކުރި ކަމެއް ކަމުގައި ބުނެ ވާހަކަތަކެއް ދެކެވުނު ނަމަވެސް އެފަދަ ބަޔަކާއި އެއްވެސް ގުޅުމެއް އޮތް ކަމެއް މިހާތަނަށް ބެލެވެން ނެތް. އެކަން ކުރުމުން ހަތަރު މިލިޔަން ރުފިޔާ އެކަމަށް ފައިނޭންސް ކުރި ފަރާތުން ދޭނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ކޮމިޝަނާ ވިދާޅުވި އެވެ

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އެކަންތައްތައް ރާވައި ހިންގައި އެކަމަށް ފައިސާ ހޭދަކުރި ކަމަށް ތުހުމަތު ކުރެވޭ ދެމީހަކު ފުލުހުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ. ނަމަވެސް އެމީހުންނާ ބެހޭ މައުލޫމާތެއް ކޮމިޝަނާ ނުދެއްވަ އެވެ.

އެކަމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ ކަމެއް ކަމަށް ކޮމިޝަނާ ވިދާޅުވި ނަމަވެސް ޑރ. އަފްރާޝީމް މަރާލުމުގެ މަގުސަދަކީ ކޮބައި ކަމެއް އަދި ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. ކޮމިޝަނާ ވިދާޅުވީ މިކަމުގައި ދީނީ އެއްވެސް ބައެއްގެ އަތެއް އަދި ބޭރުގެ އެއްވެސް ބަޔެއްގެ ބައިވެރިވުމެއްވާކަން މިހާތަނަށް ތަހުގީގަށް އެނގިފައިނުވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު އެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް މިއަދު ޖަހައިދީފަ އެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ކޮމިޝަނާ ވިދާޅުވީ އެމައްސަލާގައި ތަހުގީގު އަދި މުޅިން ނުނިމޭ ކަމަށާއި މިހާތަނަށް މިނިމުނީ އެކަން ކުރި މީހުން ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި ދެން ކުރިއަށް ގެންދާނީ އެކަންތައް ރާވާ ހިންގައި އެކަމަށް ފައިނޭންސް ކުރި މީހުންގެ ހޯދައި އެކަމުގެ ތަހުގީގު ކަމަށާއި އެމައުލޫމާތުތައް ވެސް ކުރިއަށް އޮތް ތަނުގައި ތަހުގީގު ކުރެވެމުންދާ މިންވަރަކުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ އަވަހާރަކޮށްލުމަށް ހަތަރު މިލިޔަން ރުފިޔާ ހުށަހަޅައިފައިވާއިރު އެފައިސާ އަދި މިހާތަނަށް އެކަމުގައި އަމަލީ ގޮތުން ބައިވެރިވި އެއްވެސް މީހެއްގެ އެކައުންޓުގައި ހުރި ކަމެއް ނުވަތަ އެފައިސާ އެއްވެސް ވަރަކަށް ރޯލްވި ކަމެއް އަދި ތަހުގީގަށް ތިލަވެފައި ނުވާކަމަށްވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ މަރާލުމުގައި އަމަލީ ގޮތުން ދެ މީހަކު ބައިވެރިވެފައިވާ ކަމަށާއި އެދެމީހުންނަކީ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ހ. ލޮބީ ހުސެން ހުމާމް އަހުމަދު އާއި ހ. ހިކޯސްޓް އަލީ ޝާން ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި އެ ދެމީހުންނާ އެކު 18 އަހަރުގެ ކުއްޖަކު ބައިވެރިވެފައިވާ ކަމަށާއި އެ ދެމީހުން އެ އަމަލު ހިންގިކަން ތަހުގީގަށް ސާބިތުވާރަށް ހެކި ލިބިފައިވާ ކަމަށް ވެސް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ހ. ލޮބީ ހުސެން ހުމާމް އަހުމަދު އާއި ހ. ހިކޯސްޓް އަލީ ޝާން ވަނީ ބައިވެރިވެފައި، އެކަން ތަހުގީގަށް ޝާބިތުކުރެވޭ ވަރަށް ހެކިވެސް ވަނީ ލިބިފައި،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ މިދެ މީހުންގެ ތެރެއިން އެމައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ހުމާމް ކަމަށާއި އޭނާ އަތުލައިގެންފައިވަނީ އެރޭ 1:55 އެހާ ކަންހާއިރު ހެންވޭރު ކޮޅުގައި ހުއްޓާ ކަމަށެވެ. އަދި އެ ދެމީހުންގެ މައްސަލައިގެ ތަހުގީގު ނިންމައި މިހަފްތާގެ ތެރޭގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ފުލުހުންގެ ތަހުގީގަށް މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާއިރު އެމައްސަލައާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުން ކަމުގައިވާ އަލީ ޙާޝިމާއި މަރިޔަމް ނާއިފާ ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރެއިން ނާއިފާ ކޯޓުން ދޫކޮށްލިއިރު ހާޝިމް ދޫކޮށްލީ މިމަހުގެ އެއް ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމެއް ނެތި އެވެ. ނަމަވެސް އެމީހުންނާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މިހާތަނަށް 200 އައިޓަމެއް ފުލުހުންގެ ތަހުގީގަށް ހޯދައި އެތަކެތި އެނަލައިޒް ކޮށްފައިވާއިރު އޭގެތެރޭގައި ޕްރެންސިކް އެވިޑެންސާއި ޑިޖިޓަލް އެވިޑެންސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ތަހުގީގަށް އެކަމުގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ޝާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ރިޔާޒު މިއަދު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގަށް 500 އަށްވުރެ ގިނަ ގަޑިއިރުގެ ސީސީޓީވީ ކެމެރާގެ ފޫޓޭޖް ހޯދައި، 13،000 އެއްހާ މީހުންގެ ފޯން ކޯލްގެ ޑީޓެއިލްސް ފުލުހުން ނަގާފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

"މިމައްސަލައިގެ ތަހުގީގުގައި ޑރ. އަފްރާޝީމް ބޭނުންކުރެއްވި ފޯނަށް އެވަގުތުތަކުގައި އައިސްފައި ހުރި ފޯން ކޯލްތަކުގެ އަދަދާއި އެ ކޯލްތަކާއި އެކޯލްތައް ކުރި ފަރާތްތަކާ ވެސް ވަނީ ސުވާލުކުރެވިފައި،" ރިޔާޒު ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގުގައި ޑރ. އަފްރާޝީމް ބޭނުންކުރެއްވި ފޯނަށް އެވަގުތުތަކުގައި އައިސްފައި ހުރި ފޯން ކޯލްތަކުގެ އަދަދާއި އެ ކޯލްތައް ކުރި ފަރާތްތަކާ ވެސް ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ޑރ. އަރްފާޝީމް އޭނާ ދިރިއުޅުއްވާ ހ.ފުންވިލުގޭގެ ސިޑިކައިރީގައި ވަރަށް ވެސް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ޓެލެވިޝަން މޯލްޑިވްސް އިން ގެނެސްދިން ދީނީ ޕްރޮގްރާމަކަށްފަހު އެރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

ފުލުހުން މިއަދު ވަނީ ޓީވީއެމްގެ އެޕްރޮގްރާމަށްފަހު ޓީވީއެމުން ނުކުމެވަޑައިގެން ގެއާ ހަމައަށް ޑރ. އަފްރާޝީމް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ކާރު ދަތުރުކުރި މަގުތައް ސީސީޓީވީ ކެމެރާގެ އެހީގައި ހޯދައިފައިވާ ފޫޓޭޖްތައް ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އެފޫޓޭޖްތަކަށް ބާލާއިރު ޑރ. އަފްރާޝީމް ޓީވީއެމުން ނިކުމެވަޑައިގެން ގެއަށް ވަދެވަޑައިގެންނަވަންދެން އުޅުއްވީ ކާރު ކޮޅުގައި މާލޭގެ މަގުތައް މަތީގަ އެވެ. ކާރު ދަތުރުކުރި ރޫޓްތައް ގަޑިތަކާ ވެސް އެކު ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

16:53ކޮމިޝަނަރު؛ ރިޔާޒު

މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް. އެކަމުގައި ހައްޔަރު ކުރަން ޖެހޭ މީހަކު ކޮންމެ މަގާމެއްގައި ހުއްޓަސް ހައްޔަރުކުރަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި.
16:49

އަފްރާޝީމްގެ އަވަހާރަކޮށްލުން ރޭވުމުގައި ތިބި ބައެއް މީހުން ބޭރުގައި ތިބުންވެސް އެކަށީގެންވޭ. އެކަމަކު އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުކުރެވެން ނެތް ކަމަށް ވިދާޅުވި. އަދި އެކަމުގެ އަޑީގައި ތިބި އެންމެން ހައްޔަރު ނުކުރެވޭ ކަމަށްވެސް ރިޔާޒު ވިދާޅުވި. އަދި މައްސަލައާ ގުޅުން ހުރި އެއްވެސް ހެއްކެއް އާންމު ނުކުރާނެ ކަމަށާއި އެކަމާ ގުޅުން ހުރި ހެކިތައް މައްސަލައާ އެކު ފޮނުވާނީ ސީދާ ޕީޖީ އޮފީހަށް ކަމަށްވެސް ވިދާޅުވި.
16:47

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު މިސްލީޑްކުރަން [އޮޅުވާލުމަށް]ވެސް ބައެއް މީހުން މަސައްކަތްކޮށްފައިވޭ.
16:31

ރިޔާޒު ވިދާޅުވީ 4،000،000ރ. އެކަން ހިންގި މީހުންނަށް ދީފައިވާކަން ޔަގީން ނުވާކަމަށް. ނަމަވެސް އެ އަދަދަށް ފައިސާ ހުށަހަޅާފައިވާކަމަށް.
16:27

ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ހުޅުވާލައިފި.
16:22

މާލޭގައި ގޭންގް ހަރަކާތްތައް ހުއްޓުމަށް ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައި. އަދި ވައޮލެންޓް ކުރައިމް ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައި.
16:20ކޮމިޝަނަރު؛ ރިޔާޒު

ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ ބަޔަކު ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރެވެނީ. ވިޔަފާރިވެރިން އަދި ސިޔާސީ ފަރާތްތައް އެ މަރުގެ އަޑީގައި ތިބި ކަމަށް ތަހުގީގަށް އަންނަނީ އެނގެމުން. މިހާރު މިދަނީ އެކަމަށް ފަންޑް ކުރި ބަޔަކު ހޯދަމުން.
ކޮމިޝަނަރު؛ ރިޔާޒު

މިކަމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް، މިއީ ސިޔާސީ އަމަލެއް. އެމަނިކުފާނާ ދީނީ ގޮތުން ހިޔާލުތަފާތު ބަޔަކު ކުރިކަމެއް ކަމެއް މިހާތަނަށް އެނގިފައެއްނެތް
16:17ކޮމިޝަނަރު

އަފްރާޝީމް މަރާލީ 4،000،000ރ. ހުށަހަޅައިގެން ކަމަށް ވިދާޅުވި. އެ ކަމަށް ފަންޑް ކުރިކަމަސް ބެލެވޭ ދެ މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފައި. ނަމަވެސް އެމީހުންގެ މައުލޫމާތު އަދި ދެވޭކަށް ނެތް.
16:16

އެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވާ ދެ މީހުންނާއި ކުޑަކުއްޖާއާ މެދު ދައުވާކުރެވޭ ވަރަށް ހެކި އެބަހުރި.
16:14

މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ ކަމެއް. އަމަލީ ގޮތުން ދެ މީހަކު ބައިވެރިވެފައިވޭ. އެއީ ހ.ލޮލީ ހުސެން ހުމާމް އަދި އަލީ ޝާން. އަދި 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ބައިވެރިވެފައިވޭ.
16:13

އެރޭ 1:56 ގައި ޝައްކުކުރެވޭ މީހަކު ފުލުހުން ހައްޔަރުކުރި. އަދި އެމީހާއާ ސުވާލުކުރެވުނު.
16:11

އަފްރާޝީމްގެ އަވަހާރަކޮށްލާގައި އޮތް ސަރަހައްދަށް ފުލުހުން އެޓެނޑް ކުރީ 1:34 އެހާއިރު. ފުލުހުންގެ ޖިޕެއް އެއްމިނެޓް ތެރޭ ސީންނަށް ގޮސް އޭގެ ހަތަރު މިނެޓްފަހުން ހަށިކޮޅު އެ ވެހިކަލްގައި އޭޑީކޭއަށް ގެންދެވުނު.
16:10

ފުލުހުން ޕްރެސްދެމުން ގެންދަނީ އިލަސްޓްރޭޝަނާވެސް އެކު. އެ އިލަސްޓްރޭޝަންގައި ސިސީޓީވީގެ ފުޓޭޖްތައްވެސް ދަނީ ދަށްކަމުން. އަފްރާޝީމް ގެއަށް ވަދެވަޑައިގަތީ އެރޭ ދަންވަރު 12:04 އެހާއިރުގައި ކަމަށް ރިޔާޒު ވިދާޅުވި. އަފްރާޝީމްގެ ފޯނުގެ ކޯލްތައްވެސް ވަނީ އެނަލައިޒް ކުރެވިފައި.
16:06ކޮމިޝަނާ ރިޔާޒް

އެންމެ ގިނަ އަދަދެއްގެ ފުލުހުން އެއްކަމަކަށް ބޭނުންކުރި ފުރަތަމަ ފަހަރު މިއީ. އެ މައްސަލައިގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާނެ. 200 އަށް ވުރެ ގިނަ އެވިޑެންސްވަނީ އެނަލައިސް ކުރެވިފައި. ދައުވާ ކުރެވޭ ވަރަށް އެވިޑެންސް ލިބިފައިވޭ ކުރެވިފައިވާ. 100 އަށް ވުރެ ގިނަ މީހުންނާ އިންޓަވިއުކުރެވިފައިވޭ.
16:03

ދާދިދެންމެއަކު ފުލުހުންގެ ޕްރެސް ފަށައިފި. ކޮމިޝަނާ އަބްދުﷲ ރިޔާޒު ވިދާޅުވީ އާންމުން ބޭނުންވެގެން ތިބި ބައެއް މައުލޫމާތުތައް މިއަދު އާންމުކުރާނެ ކަމަށް. ނަމަވެސް އަދިވެސް ތަހުގީގު ކުރިއަށް ދާތީ އާންމު ކުރާނީ ބައެއް މައުލޫމާތުތައް ކަމަށްވެސް ވިދާޅުވި. އަދި އެ ތަހުުގީގާ ގުޅޭ މައުލޫމާތު އާންމު ނުކޮށް މަޑުކުރީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް ރިޔާޒް ވިދާޅުވި. ނަމަވެސް އެ މައުލޫމާތުތައް މިހާރު ހިއްސާ ކުރެވޭ ވަރަށް އައިސްފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވި.