ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ޓްރެޝަރީ ބޮންޑުގެ ތެރެއިން އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވި 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކައިފި އެވެ.

ފައިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން އިންޑިއާ ބޭންކަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ޓެރެޝަރީ ބޮންޑަށްވާ ފައިސާ (771 މިލިއަން ރުފިޔާ) ދައްކަން އިންޑިއާ ބޭންކުން އަންގާފައިވުމުން އިއްޔެ އެ 50 މިލިއަން ޑޮލަރުގެ ޕޭމަންޓް ހަދާފައިވާ ކަމަށެވެ.

އިންޑިއަން ހައި ކޮމިޝަންގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމުގެ މުއްދަތު އަސްލު ހަމަވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު 3 އަށް ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން އޭރު ދިވެހި ސަރުކާރުން އެދުމުން އެ މުއްދަތު އެއް އަހަރު ރޯލްއޮވަކޮށް، މި އަހަރު ޑިސެމްބަރު 3 އަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ދާދިފަހުން ވިދާޅުވީ އެ ފައިސާ ދައްކަން ޖެހޭ މުއްދަތު އިންޑިއާ ސަރުކާރުން އިތުރުކޮށް ނުދިނުމުން ޖުމްލަ ނަގާފައިވާ 100 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ ރިޒާވުން ކަމަށާއި އޭގެ ނޭދެވޭ އަސަރުތައް އިގްތިސޯދަށް ފޯރުމުގެ ބިރު އެބައޮތް ކަމަށެވެ.

"ރިޒާވް މަދުވާ ނަމަ ނުކުންނަ މައްސަލަތައް ނުކުންނާނެ. އައިއެމްއެފްއިން ވެސް އެކަން ވަނީ ފާހަގަ ކުރައްވާފައި. އިންޑިއާ އިން ބުނެފައި އޮތީ އިތުރަށް ރޯލްއޯވާއެއް ނުކުރެވޭނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކި ދުވަސް ވަރުގެ މަތިން ދިވެހި ސަރުކާރުން އިންޑިއާ އިން ނަގާފައިވާ ޓްރެޝަރީ ބޮންޑްތަކަށް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި 100 މިލިއަން ޑޮލަރު ދައްކައި ހަލާސް ކުރަން އެންގުމުން އޭގެތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާއަށް ދައްކާފައިވާ އިރު އަދި ފެބުރުއަރީ މަހުގެ ތެރޭގައި ވެސް އިންޑިއާ އަށް 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް ހުރީ 5.4 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ ޒިޔާރަތްކުރި އައިއެމްއެފްގެ ވަފުދުން ބުނެފައި ވަނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ހާލަތު ދަށްވެ ދައުލަތުގެ ރިޒާވް ވެއްޓެމުން އަންނަ ކަމަށާއި ރިޒާވްގައި ހުރީ އެއް މަހާއި ބައި ރާއްޖެ އަށް މުދާ އެތެރެ ކުރެވޭނެ ވަރު ކަމަށެވެ.